މިދިޔަ 65 އަހަރުގެ ތެރޭގައި އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދި ރިޔާދު މާރޭޒްގެ އެހީގައި މެންޗެސްޓާ ސިޓީ އިން 3-0 ގެ ނަތީޖާއަކުން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް، އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއާއެކު، މި ފަހަރުގެ ސީޒަނުގައި ތިން ތަށި ކާމިޔާބުކުރުމަށް ސިޓީން ކުރަމުން އަންނަ މަސައްކަތުގައި އެ ޓީމުން މިވަނީ އެއް ފިޔަވަޅު ކުރިއަށް ޖެހިލައި، އުއްމީދުތައް ދަމަހައްޓާފައެވެ. އެފްއޭ ކަޕްގެ ފައިނަލަށް އެ ޓީމު ދަތުރުކުރިއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީން ވަނީ ޖާގަ ހޯދާފައެވެ. އަދި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރާ ދެ ޓީމުގެ ތެރެއިން އެންމެ ފުރުޞަތު ބޮޑު ޓީމަކީ ވެސް ސިޓީ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ޝެފީލްޑް އަށް ލީޑްނަގައިދޭން އިލިމަން އެންޑިއާޔޭ އަށް ރަނުގެ ފުރުޞަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ ސިޓީގެ ބަދަލު ކީޕަރު ސްޓެފަން އޯޓޭގާ މަތަކުރިއެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ސިޓީ އަށް ލީޑްނަގައިދިނީ ލިބުނު ޕެނަލްޓީއަކުން މާރޭޒް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ޕޯޗުގީޒް މިޑްފީލްޑަރު، ބެނާޑޯ ސިލްވާ އަށް ޝެފީލްޑްގެ ޑެނިއަލް ޖެބިސަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެންޗެސްޓާ ސިޓީގެ ރިޔާދް މާރޭޒް (ކ) ޝެފީލްޑް ޔުނައިޓެޑްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 61 ވަނަ މިނެޓުގައި ސިޓީން ޖެހި ދެވަނަ ލަނޑަކީ ޝެފީލްޑްގެ ޑިފެންސް ތެރެއިން ލިބުނު ހުސް ޖާގައިގެ ބޭނުން ހިފައި މާރޭޒް ކާމިޔާބުކުރި ސޯލޯ ގޯލެކެވެ. އަދި އޭގެ ފަސް މިނެޓުފަހުން މާރޭޒްގެ ހެޓްރިކް ފުރިހަމަކުރީ ޖެކް ގްރީލިޝް ނެގި ހުރަހަކުންނެވެ. މި ބޯޅަ ސަލާމަތްކުރަން ޝެފީލްޑްގެ ކީޕަރު ވެސް ފޮޑަރިންހަމް އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

މި ގޯލާއެކު މާރޭޒް ވަނީ 1958 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑްގެ އަލެކްސް ޑޯސަން އަށް ފަހު އެފްއޭ ކަޕްގެ ސެމީގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މި މުހިއްމު މެޗުގެ މިހާ ކުރީބައިގައި ސިޓީ އަށް ބޮޑު ލީޑެއް ލިބުމުން، އެ ޓީމުގެ ކޯޗު ގާޑިއޯލާ ވަނީ މުހިއްމު ކުޅުންތެރިން ކަމަށްވާ އާލިން ހާލަންޑް، ގްރީލިޝް، ސިލްވާ އާއި އިލްކާއި ގުންޑޮގަން ބަދަލުކޮށްފައެވެ.

މީގެއިތުރުން، ސިޓީން މިރޭގެ މެޗަށް ނިކުތީ ވެސް އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން ކަމަށްވާ؛ ކެވިން ޑި ބްރޭނާ، ރޮޑްރީ، ޖޯން ސްޓޯންސް އާއި ރުބެން ޑިއާސް އަދި އެއްވަނަ ގޯލްކީޕަރު އެޑަސަން މޮރައެސްއާ ނުލައެވެ. އެއީ ލީގު ރޭހުގައި ވާދަކުރާ އާސެނަލްއާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު އިއްތިހާދު ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން އެ ކުޅުންތެރިންގެ ރިކަވަރީ އަށް އެކަށީގެންވާ ވަރަށް ވަގުތު ދިނުމުގެ ގޮތުންނެވެ.