މިއީ އަދަކު އިއްޔެއަކު ދައްކާ އުޅުނު ވާހަކައެއް ނޫނެވެ. ފެށުނީއްސުރެ މިއީ ދައްކާ ވާހަކައެކެވެ. މިވާހަކަ މިހެން ދައްކަނީ ނުވަތަ ދެއްކެނީ އޭގައި ސަބަބުތަކެއް ހުންނާތީއެވެ. ނުވަތަ މިކަން މި މަގުން އަބަދުމެ ހިނގާތީއެވެ. މި ވާހަކަތައް މިގޮތަށް އެތައް ޒަމާނެއް ވަންދެއް ދައްކަމުން އައެެއް ކަމަކު، އެތައް ޒަމާނެއް ވަންދެން ޚުތުބާ ތަކާއި ދަރުސްތަކުގައި ދައްކަމުން އައި ނަމަވެސް މިކަން ހަމަ މިމަގުން އެބަ ހިނގައެވެ. މިއީ ކިހާބޮޑު ހިތާމަވެރި ކަމެއް ހެއްޔެވެ؟
އާދޭހެވެ! މިސްކިތްތައް ފަޅުވީ ހަމަ ކުއްލިއަކަށެވެ. ދުނިޔޭގެ ގިނަ އިސްލާމީ މުޖުތަމައުތަކުގެ ހާލަކީ މިއީއެވެ. ދިވެހި މި މުޖުތަމައުގެ ހާލަކީވެސް ހަމަ މިއީއެވެ. އާނއެކެވެ. އެހެން މަސްމަހާއި ރަމަޟާން މަހާ ތަފާތުކަން އަހަރެމެން އެންމެން ގަބޫލުކުރަމެވެ. އެހެން މަސްމަހަށްވުރެ ރަމަޟާން މަހުގައި އަޅުކަންތައް ކުރުން ގިނަކުރުން އެއީވެސް އޮންނަ ކަމެއް ކަމުގައި ދެކެވެ. އެހެނަސް އަހަރެމެންގެ މައްޗަށް ފަރުޟު ވެފައިވާ ފަސް ނަމާދަކީ ރަމަޟާން މަހަށް އިތުރުވެ، އޭގެ ފަހުގައި އުނިވެ މަދުވާ ނަމާދު ތަކެއް ނޫނެވެ. އަދި އެއީ ރަމަޟާން މަހުގައި ފަރުޟުކަން ބޮޑުވެ، އޭގެ ފަހުގައި އެ ނަމާދުތަކުގެ ފަރުޟުކަން ކުޑަވެގެންދާ ނަމާދު ތަކެއްވެސް ނޫނެވެ. ވީއިރު، ރަމަޟާން މަސް ނިމުނެއް ކަމަކު، މި ފަސްނަމާދު އޭގެ ވަގުތުގައި އަދި ހާއްސަކޮށް ޖަމާއަތުގައި ކުރުން ދޫކޮށްލެވިގެން ނުވާނެއެވެ. އެކަން އެހެން ހިނގާނަމަ އެއީ ގޯހެކެވެ.
އާނއެކެވެ! ރަމަޟާން މަހާއި އެހެން މަސްތަކުގައި ވަޒީފާ އަދާކުރާކުރުމުގައި ތަފާތުތަކެއް އެބަ ހުރެއެކެވެ. އެކަމާ އެއްބަސްވަމެވެ. މިސްކިތަތް ފަޅުވުމުގެ ބޮޑު ސަބަބަކަށް ގިނަ މީހުން ދައްކާ އުޅެނީ ރަމަޟާން މަހާއި އެހެން މަސްމަހުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ނުވަތަ ގެންނަންޖެހޭ ބަދަލު ތަކެވެ. ސުކޫލު މަދަރުސާ ތަކާއި އޮފީސް ވަޒީފާތަކާއި އަދި އެނޫމްވެސް އާއްމު އިޖްތުމާއީ ކަންކަމަށް އަންނަ ބަދަލުތަކެވެ. ނަމަވެސް އިންސާނާ ހަނދާން ނައްތާލާ ކަމަކީ މިކަންކަން ބަހަނާތަކެއްގެ ގޮތުގައި ދެއްކެން ނެތް ކަމެވެ. ގިނަ ބަޔަކު ކިޔަމަން ވަމުން ދަނީ އެ ބަޔަކަށް މުސާރަ ދޭ ބޮޑު މީހާގެ އަމުރަށެވެ. އެމީހަކަށް ރިޒްޤު ދެއްވާ އިލާހުގެ އަމުރުތައް ފަސްކޮށްލަނީ އެ އިލާހުގެ ހަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭނެކަން އިހުސާސް ނުވާ ހާލުގައެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.
ކޮންމެ ރަމަޟާން މަހަކަށް ފަހުގައި މިސްކިތްތައް ފަޅުވަމުންދާ ކަމުގެ ވާހަކައަ އަބަދުމެ ދައްކާއިރު، ޢީދު ޚުތުބާގައިވެސް އަޅުކަންމަތީ ދެމި ތިބުމަށް، ހަމަ ކޮންމެ ފިޠުރު ޢީދެއްގައިމެ ހަނދާން ކޮށްދެއެވެ. ނަމަވެސް އެކަން އެމަގުން ނުހިނގާކަމީ ހިތާމަ ހުރި ކަމެކެވެ. އެހެން އަޅުކަންތައް ފަހަރުގައި މަދުވުމަކުން މާބޮޑު ކަންބޮޑުވުމެއް އޭގައި ނެތި ހިނގައިދާނެއެވެ. ނަމަވެސް ފަރުޟުވެފައިވާ މި ފަސް ނަމާދަށް ފަރުވާ ކުޑަކޮށް، މިސްކިތްތައް ފަޅުވަމުންދާ ކަމީ މިއީ ކަންބޮޑުވާ ކަމެކެވެ. މިކަންކަން ބޮޑަށް ސިފަވެގެން ދަނީ ކަންދެއްކުމުގެ ގޮތުގައެވެ. އެނގޭހާވެސް ކަމަކީ ފަތިސްނަމާދަކީވެސް ހޭލައިގެން، އޭގެ ޖަމާއަތުގައި ހަމަ ކުރެވޭނެ ނަމާދެެއް ކަމެވެ. ނަމަވެސް ރަމަޟާން މަސް ނިމުމާއި އެކު، ގެއްލިދާ އެއްޗަކީ ޝައުގުވެރިކަމެވެ. ބަލިކަށިވެދާ އެއްޗަކީ އީމާންތެރިކަމެވެ.
އޭ ލޮބުވެތި މުސްލިމުންނޭ! ރަމަޟާން މަހުގައި އަޅުކަމުގައި ހީވާގި ވީ ފަދައިން އެކަމުގައި ދެމި ހުރެވޭތޯ ބަލާށެވެ! އެއްމެ ކުޑަމިނުން، ފަރުޟު ފަސް ނަމާދަށް ސަމާލުކަން ދީ، ޖަމާއަތަށް މިސްކިތަށް އަރާށެވެ! މިސްކިތްތައް ފަޅުކޮށް ނުލާށެވެ! އެއީ މި ބިންމަތީގައިވާ ﷲ ގެ ގެކޮޅުތަކެވެ. އެކަލާންގެ ގެކޮޅުތައް ފަޅުކޮށް، އަހަރެމެންގެ ގެތައް އާބާދުކުރަން ނޫޅޭށެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން