އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މިރޭ ޕެނަލްޓީ ޖަހައިގެން 7-6 އިން ބްރައިޓަން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން އެ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
މިއާއެކު، މި ފަހަރުގެ އެފްއޭ ކަޕްގެ ފައިނަލްގައި ޔުނައިޓެޑުން ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މިއީ އެ މުބާރާތުގެ ތާރީޚުގައި ފައިނަލެއްގައި މެންޗެސްޓާގެ ދެ ކްލަބު ވާދަކުރާ ފުރަތަމަ ފަހަރެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ އިތުރުވަގުތުގެ ދެ ހާފަށް ފަހު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެފައިވަނިކޮށް ޕެނަލްޓީ ޝޫޓްއައުޓްގައި ޔުނައިޓެޑް މޮޅުކޮށްދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސްވިޑެންގެ ޑިފެންޑަރު، ވިކްޓަ ލިންޑެލޯފް އެވެ.
ހީކުރިވަރަށް ވުރެ ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ކީޕަރުން ވެސް ރަނގަޅު ސޭވްތަކެއް ކޮށްފައިވެއެވެ. އެގޮތުން، މެޗުގެ ކުރީކޮޅު ބްރައިޓަންގެ އަލެކްސިސް މެކް އެލިސްޓާ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއިރު، މި ހާފުގައި ޔުނައިޓެޑަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، ޔުނައިޓެޑްގެ ޑެންމާކް މިޑްފީލްޑަރު، ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހަމަލާ ބްރައިޓަންގެ ކީޕަރު ރޮބާޓް ސަންޗޭޒް ހުއްޓުވިއެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ބްރައިޓަންގެ ހޫލިއޯ އެންސީޒޯ ފޮނުވާލި ނުރައްކާތެރި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ މަތަކުރިއިރު، ކުރީން ޔުނައިޓެޑަށް ކުޅުނު ފޯވާޑް ޑެނީ ވެލްބެކް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. މި ހާފުގައި ޔުނައިޓެޑްގެ ބްރެޒިލް ވިންގް، އެންތަނީ ފޮނުވާލި ދެ ހަމަލާއެއް ބްރައިޓަންގެ ކީޕަރު ސަންޗޭޒް މަތަކުރިއިރު، އާރޮން ވަން-ބިސާކާ ތަނަވަސްކުރި ފުރުޞަތަކުން ކަސެމީރޯ ލަނޑެއްޖަހަން ކުރި މަސައްކަތް ބްރައިޓަން ކުޅުންތެރިން ވަނީ ހުއްޓުވާފައެވެ.
އިތުރުވަގުތުގައި ބްރައިޓަން އަށް ލަނޑެއްޖަހައިދޭން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެނިޒް އުންޑަވް އަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، ޔުނައިޓެޑްގެ ފޯވާޑް، މާކަސް ރަޝްފޯޑް ފޮނުވާލި ބޯޅަ ބްރައިޓަންގެ ކީޕަރު ސަންޗޭޒް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އެންމެ ފުރަތަމަ ފޮނުވާލި 12 ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. ބްރައިޓަން އަށް ނާކާމިޔާބުވީ މެޗުގެ 13 ވަނަ ޕެނަލްޓީ އެވެ. އެ ޓީމުގެ ސޮލީ މާޗް ފޮނުވާލި މި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. ބްރައިޓަން އަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެކް އެލިސްޓާ، ޕަސްކަލް ގްރޮސް، އުންޑަވް، ޕާވިސް އެސްޓުޕިނިއަން، ލުވިސް ޑަންކް އަދި އެޑަމް ވެބްސްޓާ އެވެ.
ޔުނައިޓެޑުން ފުރަތަމަ ފޮނުވާލި ހަ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކަސެމީރޯ، ޑިއޯގޯ ޑަލޮޓް، ޖޭޑަން ސަންޗޯ، ރަޝްފޯޑް، މާސެލް ސަބިޓްޒާ އަދި ވައުޓް ވެގްހޯސްޓް އެވެ. ޔުނައިޓެޑް މޮޅުވީ ހަތްވަނަ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ލިންޑެލޯފް އެވެ.
