މެޗުގެ އިތުރުވަގުތުގައި ޖިއަކޯމޯ ރަސްޕަޑޯރީ ވައްދާލި ލަނޑާއެކު، 1-0 އިން ޔުވެންޓަސް ބަލިކޮށް، ނަޕޯލީން އިޓާލިއަން ސެރިއޭގެ ޗެމްޕިއަންކަން ކަށަވަރުކުރުމާ ގާތަށް ޖެހިލައިފިއެވެ.

އިޓާލިއަން ލީގުގެ އެއްވަނައިގައި ނަޕޯލީ އޮތީ ބާކީ ހަތް މެޗު އޮތްއިރު، 17 ޕޮއިންޓްގެ ލީޑަކާއެކު އެވެ. ނަޕޯލީ އަށް 31 މެޗުން 78 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލާޒިއޯ އަށް 31 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. މިއާއެކު، ލީގުގައި އަންނަ ހަފްތާގައި އިންޓަ މިލާނާ ދެކޮޅަށް ލާޒިއޯ ކުޅޭ މެޗުން އެ ޓީމު ބަލިވެ، ނަޕޯލީން އަމިއްލަ ދަނޑުގައި ސަލާނިޓާނާ އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގު ކަށަވަރުވާނެ އެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ހީކުރި ގޮތަށް ފުރަތަމާ ހާފުގައި ނަޕޯލީން ބޮޑުތަނުން ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވާއިރު، ޔުވެންޓަސް އިން ދިޔައީ ކައުންޓާގައި ލިބޭ ފުރުޞަތުތަކުގެ ބޭނުންހިފުމަށް ވިސްނައިގެންނެވެ. އެކަމަކު، މި ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ނަޕޯލީ އަށް ލީޑްނަގައިދޭން އެ ޓީމުގެ ކެޕްޓަން ޖިއޮވާނީ ޑި ލޮރެންޒޯ ބޮލުން ފޮނުވާލި ބޯޅަ އުނދަގުލެއްނެތި ޔުވެންޓަސްގެ ކީޕަރު ވޮޝިއެކް ޝެޒްނީ މަތަކުރިއެވެ. އޭގެފަހުން، މެޗުގެ 70 ވަނަ މިނެޓުގައި ނަޕޯލީގެ އެލްޔިފް އެލްމާސް އާއި ޕިއޮޓްރެ ޒިއެލިންސްކީ ގުޅިގެން އުފެއްދި އެޓޭކެއްގައި އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، ވިކްޓަ އޮސިމެން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ޑި ލޮރެންޒޯ ދިން ރީތި ހިތްގައިމު ޕާހަކުން ހާފް ވޮލީއެއްގައި އޮސިމެން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ނަޕޯލީ އަށް ލިބުނު މި ފުރުޞަތުތައް ނަގާލުމުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ޔުވެންޓަސް އިން ތިން ޕޮއިންޓް ކަށަވަރުކުރުމާ ގާތަށް ޖެހިލިއެވެ. އެކަމަކު، މެޗުގެ 81 ވަނަ މިނެޓުގައު އެ ޓީމުގެ ޑިފެންޑަރުން ކަމަށްވާ ފެޑެރީކޯ ގައްޓީ އާއި ޑެނިއެލީ ރުގާނީ ގުޅިގެން ތަނަވަސްކުރި ފުރުޞަތެއްގައި ރުގާނީ އޯވަހެޑް ކިކަކުން ފޮނުވާލި ބޯޅަ އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތްނުވެ، ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

އޭގެ މިނެޓެއްފަހުން، ޔުވެންޓަސް އިން ގޯލެއް ކާމިޔާބުކުރި އެވެ. ފަހު ހާފުގައި ކުޅެން ނިކުތް އާޖެންޓީނާގެ ވިންގް، އެންހެލް ޑި މާރިއާ ކާމިޔާބުކުރި މި ލަނޑު، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ގަބޫލެއްނުކުރިއެވެ. އެއީ ބޯޅަ ޑި މާރިއާ އަށް ލިބުމުގެ ކުރީން ނަޕޯލީގެ ކުޅުންތެރިއަކަށް ޔުވެންޓަސްގެ ފޯވާޑް، އާކަޑިއުޝް މިލިކް ފައުލްކުރުމުންނެވެ.

މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ނަޕޯލީ އަށް މޮޅު ކަށަވަރުކޮށްދިނީ އިޓަލީގެ ފޯވާޑް ރަސްޕަޑޯރީ ވައްދާލި ލަނޑުންނެވެ. ނަޕޯލީގެ ކަނާތް ފަޅިން އެލްމާސް ނެގި ހުރަހަކުން ލިބުނު ބޯޅަ ރަސްޕަޑޯރީ ވަނީ އެއް ފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައި، 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ނަޕޯލީ އަށް ލީގު ހޯދައިދިނުމަށް މުހިއްމު ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.