ފުރަތަމަ ހާފުގެ ފަހުކޮޅު ސްޕެއިނުގެ ފޯވާޑް، ފެރާން ޓޮރޭސް ވައްދާލި ލަަނޑުން ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށް، ބާސެލޯނާ އިން ލީގު ރޭހުގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު ބާސެލޯނާ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑަކާއެކު އޮތްއިރު، އަދި ބާކީ 8 މެޗު އެބައޮތެވެ. ބާސެލޯނާ އަށް 30 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. އޭގެ ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި އެތުލެޓިކޯ އޮތްއިރު، ހަތަރެއްގައި އޮތް ރެއާލް ސޮސިއެޑާޑަށް ލިބިފައިވަނީ 30 މެޗުން 54 ޕޮއިންޓެވެ.
ކޭމްޕް ނޯ ގައި ރޭ ކުޅުނު މި މެޗު ފެށިގެން 45 ވަރަކަށް ސިކުންތުގެ ތެރޭގައި ކުރީން ބާސެލޯނާ އަށް ކުޅުނު ފްރާންސްގެ ފޯވާޑް، އެންޓޮއިން ގްރީޒްމަން ވަނީ އެތުލެޓިކޯ އަށް ލީޑްނަގައިދިނުމާ ގާތަށް ޖެހިލައިފައެވެ. ޕެނަލްޓީއޭރިޔާ ރޮނގުމަތީން ގްރީޒްމަން ފޮނުވާލި މި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އެތުލެޓިކޯ އިން ލީގުގައި ބަލިނުވެ 11 މެޗު ފުރިހަމަކޮށްފައިވަނިކޮށް ބާސެލޯނާ އިން އެ ރެކޯޑް ނިމުމަކަށް ގެނައީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކައުންޓަ އެޓޭކެއްގައި ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ކަނާތް ފަޅިން ކުޅެމުން އަންނަ ބްރެޒިލްގެ ވިންގް، ރަފީނިއާ ދިން ބޯޅައަކުން ފެރާން ޓޮރޭސް ކާމިޔާބުކުރި ގޯލެކެވެ.
އޭގެކުރީން، އެ ޓީމުގެ ޕޮލެންޑް ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ވަނީ ލަނޑުޖަހަން ލިބުނު ރަނގަޅު ދެ ފުރުޞަތެއް ބޭކާރުކޮށްލާފައެވެ. މި މެޗުން ބާސެލޯނާ އަށް މޮޅު ކަށަވަރުކޮށްދިނުމުގައި އެ ޓީމުގެ ޖަރުމަން ގޯލްކީޕަރު، މާކް އަންދްރެ ޓަ ސްޓެގަން ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ. އެގޮތުން، މެޗުގެ ފުރަތަމަ ހާފުގައި އާއި ދެވަނަ ހާފުގައި އެތުލެޓިކޯގެ ފޯވާޑް، ގްރީޒްމަން ފޮނުވާލި ދެ ހަމަލާއެއް ޓަ ސްޓެގަން ވަނީ ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ.
ފަހު ހާފުގައި ބާސެލޯނާގެ ލީޑް ފުޅާކޮށްދޭން ލެވަންޑޯސްކީ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ލެވަންޑޯސްކީ ގޯލްކުރިމަތީގައި ހުސްކޮށް ހުރެ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ކައިރިން ފޮނުވާލަން ލިބުނު މި ފުރުޞަތުގެ ބޭނުމެއް ނުހިފުނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ ތާވަލްގެ ކުރީގައި 11 ޕޮއިންޓްގެ ލީޑެއްގައި އޮތް ނަމަވެސް، ޗެމްޕިއަންކަން ލިބުނު ކަމުގެ އިހުސާސް ނުވާ ކަމަށެވެ. އަދި އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ ނިކުތް ގޮތުން (އެއްވަރުވުމުން) މިއީ ވަރަށް މުހިއްމު މޮޅެއް ކަމަށް ޒަވީ ބުންޏެވެ.
"ފޯރިގަދަކޮށް ދިޔަނަމަވެސް، އަދި އެއްވެސް ކަމެއް ހާސިލްނުވޭ،"
"މިތަނުގައި އެއްވެސް މީހަކަށް ޗެމްޕިއަނެއްގެ އިހުސާސެއް އަދި ނުކުރެވޭ، އަދި މީހަކަށް އެ އިހުސާސެއް ކުރެވިފައިވާނަމަ އެއްވެސް ކަމެއް ހާސިލްނުކުރެވޭ ކަމަށް ބުނާނަން." ޒަވީ ބުންޏެވެ.
