އަވިން އިންސާނާގެ ހަނގަނޑު އަނދާނީ އިރުގެ އަލްޓްރާވައިލެޓް (ޔޫވީ) ރޭސް އަށް މާބޮޑަށް ހުށަހެޅުމުންނެވެ. ހަނގަނޑު އަވިން އަނދާ ވަރަކަށް ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މާގިނައިން ޔޫވީ ރޭޑިއޭޝަންއަށް ހުށައެޅުމުން ހަމުގެ ސެލްގެ ޑީއެންއޭ އަށް ގެއްލުން ލިބެއެވެ  ހަށިގަނޑުގެ ސެލްތައް މަސައްކަތް ކުރާނެ ގޮތް ކިޔައިދެނީ ޑީއެންއޭއިން ކަމުގައި ވާއިރު ތަކުރާރުކޮށް އަވިން އަނދާ ކޮންމެ ފަހަރަކު ލިބޭ ގެއްލުން އިތުރުވާވަރަކަށް، ސެލްތައް ކޮންޓްރޯލުން ބޭރުގައި ބޮޑުވާން ފަށައި، ހަމުގެ ކެންސަރަށް މަގުފަހިވެ އެވެ.އެހެންކަމުން ހަނގަނޑު އަވިންލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށް މަދުވެގެން 30 އެސްޕީއެފްގެ ސަންސްކްރީން އެއް ބޭނުން ކުރުން ރަނގަޅެވެ.

މާ ހޫނު ގަދަ ވަގުތުތަކުގައި ސާފުކޮށް ވިސްނަން އުނދަގޫ ވެދާނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިންތިހާއަށް ހޫނުވުމަކީ ނަފްސާނީ ކަންކަންމަށް އަސަރުކުރާނެ ކަމެކެވެ. ހޫނު މޫސުމަކީ ކޮގްނިޓިވް ފަންކްޝަން ދަށްވުމާއި، ކަންކަންނިންމުމުގައި އުނދަގޫތަކާ ކުރިމަތި ކުރުވާ، މަސައްކަތުގައި އަނިޔާ ލިބުމުގެ ނުރައްކާ ބޮޑުވުމާ ގުޅުން ހުރި ކަމެއް ކަމަށް ވެސް ދިރާސާތަކުގައި ބުނެފައިވެ އެވެ. އިންތިހާއަށް ހޫނުމިން މަތިވުމުން ލޭއާއި ސިކުނޑީގެ ލޭދައުރުވުމަށް ބަދަލު ގެނުވައެވެ. ޕްރޮޓީން އާއި އަޔަންސް ސިކުނޑީގައި ޖަމާވެ، ސިކުންޑި ދުޅަވުމަށް މަގުފަހިވެއެވެ.

ގިނަ ބަޔަކު ރިޕޯޓްކުރާ ގޮތުގައި ހޫނު ދުވަސްތަކުގައި ރުޅިވެރިކަން އިހުސާސް ކުރެވޭއިރު، ހޯދުންތަކުން ދައްކާ ގޮތުގައި އިންތިހާއަށް ހޫނުވުމުން ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. ނިއުޔޯކުގައި ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ހޫނު ދުވަސްތަކުގައި، މަސްތުވާތަކެތި ބޭނުންކުރުމާއި، މޫޑާއި ހާސްކަމުގެ އުދަނގޫތަކާއި، ޝިޒޯފްރެނިއާ އަދި ޑިމެންޝިއާގެ ސަބަބުން ކުއްލި ހޮސްޕިޓަލަށް ޒިޔާރަތްކުރުން އިތުރުވެއެވެ. އަނެއް ދިރާސާއަކުން ދައްކާ ގޮތުގައި ފިނިހޫނުމިން މަތިވުމަކީ އަމިއްލައަށް މަރުވުމުގެ ނިސްބަތް މަތިވުމާ ގުޅުން ހުރި ކަމެކެވެ.

ސިކުނޑީގެ ހައިޕޮތެލަމަސް އަކީ ހަށިގަނޑުގެ ތަމަސްޓޭޓެވެ. އެއީ ފިނިހޫނުމިނަށް އަންނަ ބަދަލުތައް، ހަށިގަނޑުގެ އެތެރެއާއި ބޭރުން އިހުސާސްކޮށް، 37 ސެލްސިއަސްގެ އެއް ނުވަތަ ދެ ޑިގްރީގެ ތެރޭގައި ބެހެއްޓުމަށް އެޖެސްޓްމަންޓްތައް ހަދަންއެހީވާ ނިޒާމެވެ. ހަށިގަނޑު ހޫނުވަމުންދާކަން ސިކުނޑިއަށް އިޙްސާސް ކުރެވުމުން، ހައިޕޮތެލަމަސް އިން ހަންގަނޑު ކައިރީގައި ހުންނަ ލޭހޮޅިތަކަށް މެސެޖުތައް ފޮނުވައި، އެ ލޭހޮޅިތައް ފުޅާވާން އަންގައެވެ. މިއީ ހަމުގެ މަތީގައި ލޭގެ މިންވަރު އިތުރުކޮށް ހޫނު ގެއްލޭ ގޮތަށް މަގުފަހިކޮށްދޭ ކަމެކެވެ – ހަށިގަނޑަށް ވުރެ ވައި ފިނިވާހާ ހިނދަކުއެވެ.

ހަށިގަނޑުގެ ބޭރުގެ ވައި އެތެރެއަށް ވުރެ ހޫނު ނަމަ، ހަށިގަނޑުގެ ސްވެޓް ގްލޭންޑްތައް ނުވަތަ ދާހިތްލުމުގައި އެހީތެރިވާ ގްލޭންޑްތަކުގެ ތެރެއިން  1.6 އާއި 5 މިލިއަނާއި ދެމެދުގެ ގްލޭންޑްތައް މަސައްކަތް ކުރަން ފަށައެވެ. ދާތައް ހަމުގެ ފަށަލައަށް ނިކުމެގެންދާއިރު، ފިނިވުމުގެ އަސަރެއް ކުރާ – ސަބަބަކީ އެއީ ހަށިގަނޑުން ހޫނު ހަކަތަ ނަގައިގެން ދައުރުވާ އެއްޗެއް ހޫނަށް ބަދަލުވާތީ އެވެ.

އެކަމަކުދާ ހިތްލުމަކީ ހޫނުން ރައްކާތެރިވާން ފުރިހަމަ ނިޒާމެއް ނޫނެވެ. ހަރަކާތްތެރި މީހަކަށް ދުވާލަކު 10 ލީޓަރާއި ހަމައަށް ދާހިތްލިދާނެ ކަމަށާއި، އޭގެ ބަދަލުގައި އެވަރަށް ފެން ބުބޯނަމަ ޑީހައިޑްރޭޝަން އަށް މަގުފަހިވެއެވެ. ޑީހައިޑްރޭޓް ވެފައިވާ ހަށިގަނޑަކަށް ދާހިތްލައިގެން ހަށިގަނޑު ފިނިނުކުރެވޭނެއެވެ. އަދި ހަށިގަނޑު މާ ހޫނުވެއްޖެނަމަ ހަންގަނޑަށް ލޭ ދައުރުވުމާއި ދާހިތްލުން ވެސް ހުއްޓިދާނެ އެވެ: މި ހާލަތުގައި ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ގޮސް ސިކުނޑީގެ ސެލްތަކަށް  ގެއްލުންތަކެއް ލިބެ އެވެ. މިކަމުން ރައްކާތެރިވުމަށް ހޫނު ދުވަސްވަރު ހަށިގަނޑުގައި ފެން އެކުލެވޭ މިންވަރު އިތުރުކުރަން ގިނައިން ދިޔާތަކެތި ބޭނުންކުރުން ރަނގަޅެވެ.

ހޫނު މޫސުމުގައި ވައިގެ ފެންވަރަށް އަސަރުކޮށް، ނޭވާލާން އުނދަގޫވެދާނެ އެވެ. އާންމުކޮށް މަތީ ހޫނުމިނާއިއެކު ސްޓިލް ވައި ހުންނާތީ ވައި ތަޣައްޔަރުވާ ތަކެތި އުފެދޭމިންވަރު އިތުރުވެއެވެ. ގްރައުންޑް ލެވެލް އޯޒޯން އަކީ ކާރުތަކާއި އިންޖީނުގެތަކާއި ސިނާއީ ވަސީލަތްތަކުން ދޫކުރާ ތަޣައްޔަރު މާއްދާތައް އިރުގެ އަލިން ކެމިކަލް ރިއެކްޓް ކުރުމުން އުފެދޭ ގެއްލުން ހުރި ގޭހެކެވެ.

ސްމޯގްގެ މައިގަނޑު އެއް މާއްދާ ކަމަށްވާ ގްރައުންޑް ލެވެލް އޯޒޯން އަކީ ފުއްޕާމޭގެ މަސައްކަތް ދަށްކޮށްދޭ އެއްޗެކެވެ. މިއީ ނޭވާހިއްލުމުގެ ބަލިތަކާއި ފުރާނައަށް ނުރައްކާވާ  ސަބަބެކެވެ. 2008 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ފިނިހޫނުމިން މަތިވާ ކޮންމެ ޑިގްރީ ސެލްސިއަސްއަކަށް އޯޒޯން ތަޣައްޔަރުވުމުގެ ސަބަބުން މުޅި ދުނިޔޭގައި އިތުރު 22،000 މީހުން މަރުވެއެވެ.

ހައިޕަރތަރމިއާ އަކީ ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތީ ފިނިހޫނުމިނަކަށް ވާސިލްވުމަށް ކިޔާ ލަފުޒެކެވެ. މިކަން ދިމާވަނީ އެކިއެކި ހޫނު ރެގިއުލޭޓް ކުރާ މެކޭނިޒަމްތައް ނާކާމިޔާބުވުމުންނެވެ.ހަށިގަނޑުގެ ފިނިހޫނުމިން ގާތްގަނޑަކަށް 38 ސެލްސިއަސް އަށް މައްޗަށް ގޮސްފިނަމަ ސިކުނޑިން މަސްތަކުގެ މަސަތްކަތް ލަސްކުރުވައެވެ، އަދި ވަރުބަލިކަން އިހުސާސުވެއެވެ. ހޫނުގަދަވުމުން ވަރުބަލިވުމުގެ އަލާމާތްތަކުގެ ތެރޭގައި ބޯއެނބުރުން، ލޮލުގެ ފެނުމަށް އުނދަގޫވުން، ގަދައަށް ކަރުހިއްކުން، މޭނުބައިކުރުން، ހިތްއާދަޔާ ހިލާފަށްތެޅުން އަދި ހޭނެތުންހިމެނެއެވެ.

ހަށިގަނޑުގެ ފިނިހޫނުމިން ދަށް ނުކުރެވިއްޖެނަމަ ހޫނުންް ދިމާވާ ވަރުބަލިކަން ގޯސްވެ ހީޓްސްޓްރޯކް އަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. 40 ސެލްސިއަސްގައި އުފެދޭ ހީޓްސްޓްރޯކް އަކީ މެޑިކަލް އެމަޖެންސީއެއްގެ ގޮތުގައި ބަލަން ޖެހޭ ކަމެކެވެ. ހީޓް ސްޓްރޯކްގެ އަލާމާތްތަކުގެ ތެރޭގައި ހިކި، ހޫނު ހަންގަނޑާއި ނަފްސާނީ ގޮތުން އުދަގޫވުން ހިމެނެއެވެ. ފަރުވާ ނުދީ ދޫކޮށްލައިފިނަމަ ހީޓްސްޓްރޯކް ޖެހުމުން ފިޓް ޖެހުމާއި ކޯމާ އާއި މަރުވުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ.

ހަށިގަނޑު ހޫނުވާވަރަކަށް ލޭހޮޅިތައް ފުޅާވެ، މިކަމުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެ، ބޯއެނބުރުން އަދި ހޮޑުލެވޭގޮތްވެއެެ. އެންމެ ގޯސް ހާލަތުގައި ހަށިގަނޑުގައި އާދައިގެ ލޭދައުރުވުން ހުއްޓުމުން ލޭހޮޅިތަކަށް ގެއްލުން ލިބެއެވެ.  ލޭގެ ޕްރެޝަރު މާ ބޮޑަށް ދަށްވެއްޖެނަމަ ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ހަށިގަނޑަށް މާ ހޫނުކަން އިހުސާސް ކުރެވުމުން، މެޑަލާ އޮބްލޮންގޭޓާ – ހިތުގެ ތެޅުން، ނޭވާލުމާއި، ލޭގެ ޕްރެޝަރު ހިމެނޭ ގޮތަށް މުހިންމު ޕްރޮސެސްތައް ކޮންޓްރޯލްކުރާ ސިކުނޑީގެ ބައި – ހިތަށް އަންގަނީ ކޮންމެ ތެޅުމަކަށް ލޭ ޕަމްޕްކުރާ މިންވަރު އިތުރުކުރުމަށެވެ. އެކަމަކު ލޭގެ ޕްރެޝަރު ދަށްވުމާއެކު ހަށިގަނޑުގެ ވަށައިގެން ލޭ ފޮނުވުމަށް ހިތް އިތުރަށް މަސައްކަތް ކުރަން ޖެހޭތީ ހިތުގެ ދުވެލި އިތުރުވެއެވެ. އިންތިހާއަށް ފިނިހޫނުމިނުގައި ދައުރުވާ ލޭގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. ހިތް ވަރުބަލިވެ ލޭދައުރުވުން ކުއްލިއަކަށް ހުއްޓެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދާވަރަކަށް މަރުވާ މީހުންގެ ނިސްބަތް ވެސް މަތިވާނެ – އަދި މި މަރުތައް ބޮޑުތަނުން  އިތުރުވަނީ އިންތިހާއަށް ހޫނުކަމުން ކާޑިއޯ ވެސްކިއުލަރ ސިސްޓަމަށް ކުރާ ސްޓްރެސްގެ ސަބަބުންނެވެ.

އެހެންކަމުން ހޫނު ގަދަ ދުވަސްވަރު ހޫނުން ރައްކާތެރިވުން މުހިއްމެވެ. ހޫނުމިން އެންމެ މަތިވާ ވަގުތު ތަކުގައި ހޫނަށް ނުނިކުތުމާއި ނުކުންނަމަ ރައްކާތެރކަމުގެ ފިޔަވަޅު އަޅަންވާނެއެވެ.