މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް އެކެއްގައި މިރޭ ކުޅުނު މެޗުން މޮޅުވެ، ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކްލަބް އީގަލްސް ސެމީ ފައިނަލަށް ދަތުރުކުރިއިރު، ވެލެންސިއާ ކަޓައިފިއެވެ. މި މެޗުން ވެލެންސިއާ އަތުން އީގަލްސް މޮޅުވީ 4-0 އިންނެވެ.

މި ނަތީޖާއާއެކު އީގަލްސް އަށް ގްރޫޕުގެ އެއްވަނަ ލިބުނީ ކުޅުނު ދެ މެޗުން ހޯދީ ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ލިބުނީ ތިން ޕޮއިންޓެވެ. ވެލެންސިއާ ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި އީގަލްސް އިން ލީޑްނެގީ އިސްމާއިލް އީސާ (މެސީ) ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި އީސާ ކާމިޔާބުކުރި ގޯލާއެކު އީގަލްސް އިން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.

އީގަލްސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ރިޒޭ ޖެހި ދެވަނަ ގޯލެވެ. އަދި އޭގެފަހުން، މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް އީގަލްސްގެ ފަހު ލަނޑުޖަހައިދިނީ މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަހުމަދު ހަސަން (އައްމަޑޭ) އެވެ.

މި މުބާރާތުގައި ދެން މެޗެއް އޮންނާނީ މި މަހުގެ 27 ވާ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ހަވީރު 4 ޖަހާއިރު ކުޅޭ ފުރަތަމަ ސެމީގައި އީގަލްސް ނިކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ ދުވަހުގެ ރޭގަނޑު ނުވައެއް ޖަހާއިރު ކުޅޭ ސެމީގެ ދެވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާނީ ސަސްއާ އެވެ.