ތާޒާ ކަމާއެކު ފެލާލާފަ ހުންނަ ސެލެރީ ޖޫސް ތައްޓެއް ނުވަތަ ކަޔާން ޕެޕަރ އަޅާފައިވާ އެޕަލް ސައިޑަރގެ ކޮންކްޓެއިލް އަކުން ފުރަމޭ ސާފުކޮށްލުން ކަމުގައި ވިޔަސް ޑިޓޮކްސްގެ ދުނިޔޭގެ ކޮންމެ ބުއިމަކަށްވެސް އިންކާރުކުރުމަކީ ހަމަގައިމުވެސް މިހާރު އަޅުގަނޑުމެނަށް ވާނެކަމެއް ނޫނެވެ.  އެއްބަޔަކު ޑިޓޮކްސްގެ ސަބަބުން ހަށިގަނޑުގެ އެތެރެ ސާފްކޮށް ހަށިގަނޑުގައި އުފެދޭ ތަފާތު ގެއްލުންދޭ މާއްދާތައް ހަށިގަނޑުން ބޭރުކުރުވާ ކަމަށް ބުނަމުން ދާއިރު އަނެއްބަޔަކު ބުނަމުން މިއަންނަނީ ޑިޓޮކްސް އަކީ ވިޔަފާރިކުރާމީހުންގެ ބޮޑު އޮޅުވާލުމެއްކަމަށާއި، ބޮޑު "މާރކެޓިންގ ސްކޭމް" އެއްކަމުގައި ފާހަގަކޮށްފައެވެ. އަދި މީހުންގެ ބޮލުގައި ތަފާތު ބާވަތްތައް އެޅުވުމުގެ މަގުސަދުގައި އޮޅުވާލާފައިވާ ބޮޑު އޮޅުވާލުމެއްކަމަށް އަންނަނީ ބުނަމުނެނެވެ.

ހަށިގަނޑަށް ވިހަ މާއްދާތައް އެތެރެވަނީ ނޭވާލުމުގެ ތެރެއިން؛ ދުމާއި، ސްޕްރޭ ކެމިކަލް، އެއަރ ފްރެޝްނަރ ފަދަ އެއްޗެހީގެ ސަބަބުން، ކެއުމާއި ބުއިމުގެ ތެރެއިން؛ ބޯންގެންގުޅޭ ފެނަށް އެއްވެފައިވާ ބައެއް ކެމިކަލާއި ގަސްހެއްދުމަށް ބޭނުންކުރާ ގަސްކާނާއާއި އެހެނިހެންކެމިކަލާއި އެއްގަމުމަހާއި ކިރުގެ ބާވަތްތައް ބަންދުކުރުމުގައި އަދި އެތަކެތި ތައްޔާރުކުރުމުގައި ބޭނުންކޮށްފައި ހުންނަ ބައެއް ކެމިކަލްގެ ސަބަބުންނެވެ. އަދި ރީތިވުމަށް ބޭނުންކުރާ ގިނަ ސަމާނުގެ ސަބަބުންވެސް ހަމުގެ ޒަރިއްޔާއިން ހަށިގަނޑަށް މި ވިހަތައް ވާޞިލްވެއެވެ.

ފިހާރަތަކާއި ބޭސް ފިހާރަތަކުގެ ހަރުތައް މިވަނީ ބޮޑުއަކުރުން " ޑިޓޮކްސް ޖަހާފާއިވާ" ބާވަތްތަކުން ފުރާލާފައެވެ. ޑިޓޮކްސިފައިން ޓެބްލެޓް، ތަފާތު ބުއިންތައް، ސައި، މޫނުގަ އަޅާމާސްކް، ބާތް ސޯލްޓް، ޝޭމްޕޫގެ އިތުރުން ބޮލުގަ އަޅާބުރުހުން ފެށިގެން ތައްޔާރީ ތަފާތު ކާނާ މިވަނީ ބޮޑެތި ފިހާރަތަކުގެ ހަރުތައް ފުރާލާފައެވެ.

ޑެޓޮކްސިފައި ކޮށްދޭ ޔޯގާ، ލަގްޒަރީ ހޮލިޑޭ، އަދި ސްޕާ ޓްރީޓްމަންޓް ތައްވެސް މިވަނީ އާންމުވެފައެވެ. 7 ދުވަހުން ހަށިގަނޑު ޑިޓޮކްސްކޮށްދޭ ޑައެޓް ތަކާއި، 24 ގަޑިއިރުން ހަށިގަނޑުގެ އެތެރެ ސާފުކޮށްލާ ޖޫސް ތަކުގެ އިތުރުން ހަށިގަނޑުގައި ހުންނަ ޓޮކްސިންތައް ބޭރުކޮށްލަދޭ މަސާޖާއި، ފައިދަށުގައި ހިއްޕާ ޑިޓޮކްސް ޕެޑް މިވަނީ ތައާރަފްކޮށް އޭގެ މަޅީގައި އެތައްބަޔަކު ޖައްސާފައެވެ.

އެމޭޒަން ވެބްސައިޓުން ހަމައެކަނި ޑިޓޮކްސްއާއި ބެހޭ 10،000 ފޮތް ވިއްކަން ހުރިއިރު ގޫގުލް ސަރޗް ގައި މިމައުލޫއާ ގުޅޭ 294 މިލިއަން ވެބްސައިޓް އެބަހުއްޓެވެ. މިވަގުތު އައިހަރބް.ކޮމް ގައި އެކަނިވެސް 487 ވައްތަރެއްގެ ޑިޓޮކްސް ބޭސް ގުޅަ ވިއްކަން ހުރިއިރު ޑިޓޮކްސް އިންޑަސްޓްރީ މިވަނީ ކޮންމެ އަހަރަކު %15 ކުރިއަރާފައެވެ އެއްބަޔަކު މިވިޔަފާރިން މަހުޖަނުންނަށް ވާއިރު އަނެއްބަޔަކު ޑިޓޮކްސް ބޮއެބޮއެ ޖީބުތައް ހުސްކޮށްލަނީއެވެ.

މިއީ ހަގީގަތުގައިވެސް އިންސާނާގެ ހަށިގަނޑަށް ފައިދާ ކުރުވާ އެއްޗެއްތޯ ނޫންނަމަ މިއީ ސައިކޮލޮޖިކަލް ގޮތުން އިންސާނާގެ ހިތްހަމަ ޖައްސާލުމަށް އަޅާލާ ވަގުތީ މަލަންގަނޑެއްތޯ މިއީ އުފެދޭ ސުވާލެކެވެ.

މިސުވާލުގެ ޖަވާބު ހޯދުމަށް އަޅުގަނޑުމެން ބަލާލަން މިޖެހެނީ ގުދުރަތީ ގޮތުން އަޅުގަނޑުމެންގެ ހަށިގަނޑުގައި ލައްވާފައިވާ ޑިޓޮކްސް އޯގަން ކަމަށްވާ އަޅުގަނޑުމެންގެ ފުރަމޭ މަސައްކަތް ކުރާ ގޮތަށެވެ. އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ. މިއީ ހަށިގަނޑުގައި ހިނގާ މެޓަބޮލިޒަމްގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް މަސައްކަތްތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކޯޖަން ރައްކާކުރުން، ''ޕްލާޒްމާ ޕްރޮޓީން'' އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިންހަލާކުވުމުން އަމިއްލައަށް އުފެދުމުގެ ކުޅަދާނަކަން ފުރަމެއަށް ލިބިގެންވެއެވެ. މޭގެ %25 ޓިޝޫ ރަނގަޅަށް ހުރިނަމަ ފުރަމެއަށް ލިބޭ ގެއްލުން އަމިއްލައަށް ފަސޭހަވެ އުފެދެމުންދެއެވެ. އަދި މިގޮތައް މޭއުފެދެން ނަގަނީ 8-15 ދުވަހުގެ މުއްދަތެކެވެ.

އިންސާނުންގެ ހަށިގަނޑަށް ފޯރާ ވިހަ މާއްދާތަކާއި، ބެކްޓީރިއާ، އެލަރޖަންސް، މާހައުލުތެރެއިން ހަށިގަނޑަށް ފޯރާ ވިހަގޭސް، ކާތަކެތީގައި އެކުލެވޭ ވިހަ މާއްދާ، ބޭހުގައި ހިމެނޭ ވިހަ ކެމިކަލް ( މިސާލަކަށް ''ސަލްފަނަމައިޑްސް'' ، ''ޕެނިސިލިން''، ''އިރިތްރަމައިސިން'' ފަދަ ބޭސްތަކުގެ ވިހަ މޭގަނޑުގެ ތެރޭގައި ސާފު ކުރުވައެވެ) ސާފުކޮށް ހަށިގަނޑުން ބޭރުކޮށްދެއެވެ.

ގުދުރަތީ މި ޑިޓޯކްސިފިކޭޝަން ނިޒާމްގައި އެކުލެވޭނީ 3 ފިއަވައްސެކެވެ. ފުރަތަމަ ފިޔަވަހީގައި ހަށިގަނޑަށް ފޯރާ ނުރައްކާތެރި ވިހަ މާއްދާތައް ސައިޓޯކްރޯމް ޕީ450 ނަމަކަށްކިއާ އެންޒައިމް އެއްގެ އެހީގައި ހަލާކުކޮށްލައެވެ. މިއެންޒައިމްގެ އެހީގައި ހަށިގަނޑަށް ފޯރުވަމުންދާ ވިހަ ނިއުޓްރަލައިޒް ކޮށްދެއެވެ. ނަމަވެސް ފުރަތަމަ ފިޔަވަހީގައި މިހެން ނައްތާލާ ވިހައިން ނައްތާނުލެވޭ ވިހަތަކުން ހަށިގަނޑަށް ގެއްލުންވުން އެކަށީގެންވެއެވެ. މިފަދަ ޓޮކްސިން މޭގައި ގިނަދުވަސް ވަންދެން ހަރުލާފައި ހުންނަނަމަ ހަށިގަނޑުގެ ޑީއެންއޭ އަދި ޕްރޮޓީން ހަލާކުކޮށްލައެވެ. ދެވަނަ ފިޔަވަހީގެ ބޭނުމަކީ މިއީ އެވެ. ފުރަތަމަ ފިޔަވަހިން ކުދިކޮށްލެވޭ ވިހަމާއްދާތަކުގެ ތެރެއިން މޭގަނޑުގައި ހަރުލާހުންނަ ވިހަބައިތައް ނައްތާލުމެވެ. ދެވަނަ ފިޔަވަހި ބޮޑަށް ބޭނުންކުރަނީ ސިސްޓިން، ގްލޫޓަމިން އަދި ގްލައިސިން ( މަހުގެ ބާވަތްތަކުގަ، ނަޓް، ސީޑް އަދި މުގުގެ ބާވަތުގައި އެކުލެވޭ މާއްދާއެއް) ފަދަ އެމައިނޯ އެސިޑްސްއެވެ. މީގެ އެހީގައި އަނެއްކާވެސް ޓޮކްސިން އިތުރަށް ހަލާކުކޮށްލައެވެ. އަދި ތިންވަނަ ފިޔަވަހީގައި ހަށިގަނޑުގައި އެކުލެވިގެންދާ ޓޮކްސިން ކިޑްނީއަށް ފޯރުކޮށްދީ، ކުޑަކަމުދާ ތަކެއްޗާއެކު އެތަކެތި ބޭރުކޮށްދެއެވެ. އަދި ފެޓް ސޮލިއުބަލް ޓޮކްސިން ބައިލްއާ އެކުވެގެން ހަށިގަނޑުން ބޭރުކޮށްދެއެވެ. އެހެންކަމުން ގުދުރަތީ ޑިޓޮކްސް ނިޒާމް މާފުރިހަމަނޫންތޯއެވެ.

މީގެ 50 ކަށް އަހަރުކުރިޔާއި އަޅާބަލާއިރު ބުނެވިދިޔަފަދަ ވިހަމާއްދާތަކަށް އަޅުގަނޑުމެން ހުށަހެޅިފައިވާ މިންވަރު އެތައްގުނައެއް ވަނީ އިތުރުވެފައެވެ. އެންވަޔަރމެންޓަލް ވޯކިންގ ގުރޫޕާއި، ކޮމޮންވެލްތް ގުޅިގެން 2005 ވަނަ އަހަރު ހިންގި ދިރާސާއެއްގައި ދައްކާގޮތުން 2004 ވަނަ އަހަރު އެމެރިކާއަށް އުފަންވި 10 ކުއްޖެއްގެ ލެއިން 200 އަށްވުރެ ގިނަ އިންޑަސްޓްރިއަލް ކެމިކަލްފެނިފައިވެއެވެ. މިހޯދުމުން އެނގެނީ މައިމީހާގެ ޒަރިއްޔާއިން ނުވިހާ ކުޑަދަރިފުޅުވެސް މިފަދަ ވިހަމާއްދާތަކަށް ހުށަހެޅިގެންދާކަމެވެ. މިނިޒާމު ފުރިހަމަކަމާއި އެކު މަސައްކަތް ކުރުމަށް އެހީވުމަށް ގިނައިން ކާންވީ ފައިބަރ ގެ މާއްދާ ގިނަ ކާނާއެވެ. ކާތަކެތިގެ ތެރޭގައި ފައިބަރ ހިމެނޭ ތަކެތި ގިނަކުރުމުން ހަޖަމުކުރުމަށް ފަސޭހަކޮށްދީ ހަށިގަނޑުގައި ހުންނަ ވިހަމާއްދާތައް ނައްތާލުމަށް އެހީވެދެއެވެ. ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފައިބަރ ނުލިބޭނަމަ %94 ވިހަމާއްދާ މޭގަނޑުތެރޭގައި ފެޓް ސެލްގެ ގޮތުގައި ރައްކާކުރެވެއެވެ. މިނިޒާމަށް ބޭނުންވާ ފައިބަރ ފޯރުކޮށްދިނުމަށް ކޮންމެހެން އަގުބޮޑު ޑިޓޮކްސް އެއް ބޭނުމެއްނުވެއެވެ. ޑިޓޮކްސް ކުރުމަށް އެންމެ އެކަށީގެން ވަނީ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ކާނާ ބޭނުންކުރުމެވެ. ހަށިގަނޑުގައި ހުންނަ މިފަދަ މާއްދާތައް ނައްތައިލުމުގައި ބޮޑު ރޯލެއް އިންސާނާގެ ފުރަމޭ އަދާކުރާއިރު އެކަށީގެންވާ ގޮތަށް ކެއިންބުއިން ބެހެއްޓުމުން އެގުނަވަންތަކުގެ މަސައްކަތްތައް ފަސޭހަވެގެންދެއެވެ.