މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި މިރޭ ކުޅުނު މެޗުން 55 ލަނޑުގެ ތަފާތަކުން ގުޖްރާތު ޓައިޓަންސް އަތުން ބަލިވެ، މުމްބާއީ އިންޑިއަންސް އަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިއީ މުމްބާއީ އެންމެ ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން ބަލިވި ދެވަނަ ފަހަރެވެ. އަދި މިއީ މި ފަހަރުގެ އައިޕީއެލްގައި އެ ޓީމު މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވި ހަތަރުވަނަ މެޗެވެ. 

މި ނަތީޖާއާއެކު ގުޖުރާތުން ވަނީ ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި އުޅޭ ޗެންނާއީ ސުޕަ ކިންގްސްއާ އެއްވަރަށް ހަތް މެޗުން 10 ޕޮއިންޓް ހަމަކޮށްފައެވެ. ޗެންނާއީ އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. ތިންވަނައިގައި ނެޓް ރަން ރޭޓުން އޮތް ރާޖަސްތާން ރޯޔަލްސް އާއި ހަތަރެއްގައި އޮތް ލަކްނޯ ސުޕަ ޖަޔަންޓްސް އަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. މުމްބާއީ އޮތީ ހަ ޕޮއިންޓާއެކު ހަތްވަނައިގައެވެ.

މި ފަހަރުގެ އައިޕީއެލް މުބާރާތުގެ ލީގު ބުރުގައި 10 ޓީމު ބަހާލާފައިވަނީ "ވާޗުއަލް" ދެ ގްރޫޕަކަށެވެ. އެގޮތުން، 10 ޓީމުގެ ތެރެއިން ކޮންމެ ޓީމަކުން ޖުމްލަ 14 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން، އަމިއްލަ ދަނޑުގައި ހަތް މެޗު އަދި ރަށުން ބޭރުގައި ހަތް މެޗެވެ. އަދި ކޮންމެ ޓީމަކުން އަނެއް ގްރޫޕުގެ ފަސް ޓީމާއި ދެ ފަހަރު އަދި އަމިއްލަ ގްރޫޕުގައި ހިމެނޭ އަނެއް ހަތަރު ޓީމާ އެއްފަހަރު ބައްދަލުކުރާނެއެވެ. އެއަށްފަހު ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އުޅޭ ގަދަ 4 ޓީމަށް ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ.

ގުޖުރާތުގެ އަހުމަދުއާބާދުގައި ހުންނަ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން މުމްބާއީ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ފުރަތަމަ އިނިންގްސްގައި ގުޖުރާތުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ވިކެޓަށް 207 ލަނޑުހެދިއެވެ.

މުމްބާއީގެ ކުޅުންތެރިއަކު ނުބައިކޮށްލުމަށްފަހު ގުޖުރާތުގެ ރަޝިދު ޚާން (ކ) އާއި ނޫރް އަހުމަދު އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

މި އިނިންގްސްގައި ގުޖުރާތުން އެންމެ ރަނގަޅަށް ކުޅުނު ޑޭވިޑް މިލާ ވަނީ 22 ބޯޅައިން 46 ލަނޑު ހަދާފައެވެ. އޭނާ ވަނީ ހަތަރު ފަހަރު ހަޔަކަށް ޖަހައި، ދެ ފަހަރު ހަތަރަކަށް ޖަހައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އަބީނަވް މަނޯހަރު 21 ބޯޅައިން 42 ލަނޑުހެދިއިރު، ޝުބްމަން ގިލް ވަނީ 34 ބޯޅައިން 56 ލަނޑު ހަދާފައެވެ. މީގެއިތުރުން، ނުބައިނުވެ ފަސް ބޯޅައިން 20 ލަނޑުހެދި ރާހުލް ތެވާޓިއާގެ ކުޅުން ފާހަގަކޮށްލެވުނެވެ. މުމްބާއީގެ އުކުންތެރިންގެ ތެރެއިން ޕިޔުޝް ޗަވްލާ ދެ ވިކެޓްނެގިއިރު، އަރުޖުން ޓެންޑުލްކާރ ވަނީ ދެ އޯވަރުގެ ތެރޭގައި ނުވަ ލަނޑަށް އެއް ވިކެޓް ނަގާފައެވެ.

ޖަވާބުގައި ކުޅެން އެރި މުމްބާއީ އަށް ހާސިލްކުރަންޖެހިފައި އޮތް 208 ލަނޑުގެ ޓާގެޓަށް ވާސިލްނުވެވި، 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 152 ލަނޑެވެ. މިހާ ދަށް ސްކޯއަކަށް މުމްބާއީގެ ކުޅުންތެރިން ނުބައިކޮށްލުމުގައި ގުޖުރާތު ޓީމުގައި ހިމެނޭ އަފްޣާނިސްތާނަށް ނިސްބަތްވާ ދެ ސްޕިން ބޯލަރުން ކަމަށްވާ ރަޝިދު ޚާން އާއި ނޫރް އަހުމަދު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ރަޝިދު ޚާން، ހަތަރު އޯވަރުގެ ތެރޭގައި 27 ލަނޑަށް ދެ ވިކެޓްނެގިއިރު ނޫރް އަހުމަދު ވަނީ ހަތަރު އޯވަރުގެ ތެރޭގައި 37 ލަނޑަށް ތިން ވިކެޓް ނަގާފައެވެ. މީގެއިތުރުން، އެ ޓީމުގެ އިންޑިއާ އުކުންތެރިޔާ މޯހިތު ޝަރްމާ ވެސް ދެ ވިކެޓް ނެގިއެވެ.

ދެވަނަ އިނިންގްސްގައި މުމްބާއީ އިން އެންމެ ރަނގަޅަށް ކުޅުނު ނިހާލް ވަދޭރާ 21 ބޯޅައިން 40 ލަނޑުހެދިއިރު، ސޫރްޔާކުމާރު ޔާދަވް ވަނީ 12 ބޯޅައިން 23 ލަނޑު ހަދާފައެވެ. އެ ޓީމުގެ އޮސްޓްރޭލިއާ އޯލް ރައުންޑަރު ކެމަރަން ގްރީން 26 ބޯޅައިން 33 ލަނޑުހެދިއެވެ. މި އިނިންގްސްގައި މުމްބާއީގެ ކެޕްޓަން ރޯހިތު ޝަރްމާ އަށް ރަނގަޅު ކުޅުމެއް ނުދެއްކި، ނުބައިވީ އެންމެ ދެ ލަނޑަށެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު ނިކުންނާނީ ކޮލްކަތާ ނައިޓް ރައިޑާސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 7:00 ގައެވެ.