ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޖިރޯނާ އިން 4-2 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.
މިރޭގެ ނަތީޖާއާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލްއާ ދެމެދު އޮތް ފަރަގު ކުޑަ ކުރަން ލިބުނު ފުރުޞަތު އެ ޓީމަށް ވަނީ ގެއްލިފައެވެ. މިއާއެކު، ލީގުގައި ބާސެލޯނާ ދެން ކުޅޭ މެޗަށްފަހު އެ ޓީމަށް ލީޑް ފުޅާކުރުމުގެ ފުރުޞަތު އެބައޮތެވެ. ބާސެލޯނާ އެއްވަނައިގައި އޮތީ 30 މެޗުން ލިބުނު 76 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ރެއާލް އޮތީ 31 މެޗުން 65 ޕޮއިންޓް ހަމަކޮށްގެންނެވެ.
ރެއާލުން މިރޭގެ މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ކެޕްޓަން ކަރީމް ބެންޒެމާ އާއި އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ނުލައެވެ. ކޯޓުއާގެ ބަދަލުގައި މިރޭގެ މެޗުގައި ރެއާލްގެ ގޯލް ބެލެހެއްޓީ އެންޑްރީ ލުނިން އެވެ.
ޖިރޯނާގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ލީޑްނެގީ ނިއުޔޯކް ސިޓީން ލޯނެއްގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ ވެލެންޓިން ކަސްޓެޔާނޯސް އެވެ. އޭގެ 12 މިނެޓުފަހުން، ކަސްޓެޔާނޯސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން، ވިނީޝަސް ޖޫނިއާ ވަނީ ލަނޑެއްޖަހައި، ރެއާލަށް އުއްމީދެއް ހޯދައިދީފަ އެވެ. މި ހާފު ނިމެން 11 މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު، މާކޯ އަސެންސިއޯ ނެގި ހުރަހަކުން ވިނީޝަސް މި ލަނޑުޖެހީ ބޮލުންނެވެ.
އެކަމަކު، ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި އުމުރުން 24 އަހަރުގެ ކަސްޓެޔާނޯސް ވަނީ ޔެން ކޫޓޯ ނެގި ހުރަހެއްގެ އެހީގައި ހެޓްރިކް ފުރިހަމަކޮށް، ޖިރޯނާގެ ލީޑް ދަމަހައްޓާފައެވެ. އަދި އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި އިތުރު ގޯލެއްޖަހައި ކަސްޓެޔާނޯސް ވަނީ ރެއާލަށް އެނބުރިއައުމަށް ކުރަން ޖެހޭ މަސައްކަތް އިހުނަށްވުރެ އުނދަގޫކޮށްފައެވެ. މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، ރެއާލްގެ ދެވަނަ ލަނޑުޖަހައިދިނީ ލޫކަސް ވަޒްކޭޒް އެވެ.
މި މެޗުގައި ޖެހި ހަތަރު ގޯލާއެކު ޖިރޯނާގެ ކަސްޓެޔާނޯސް ވަނީ މިދިޔަ 75 އަހަރުގެ ތެރޭގައި ލަލީގާގައި ރެއާލާ ދެކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، 1947 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް އޮވިއެޑޯގެ އެސްޓެބަން އެޗަވެރިއާ ވަނީ ފަސް ލަނޑުޖަހައިފަ އެވެ.
