"ޕަޓާން"ގެ ތަރި ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު ކަމުގައިވާ "ޖަވާން"ގެ ބައެއް މަންޒަރުތައް ލީކްވެއްޖެއެވެ.
ބައެއް އޮންލައިން ޕްލެޓްފޯމްތަކަށް ލީކްވެގެން ދިޔުމުގެ ސަބަބުން އިންޑިއާގެ ދިއްލީ ކޯޓުން މިހާރު ވަނީ އެ މަންޒަރުތައް ފެންނަ ވީޑިއޯތައް ކޮޕީރައިޓް ޤާނޫނުގެ ދަށުން ޑިލީޓް ކުރުމަށް، ޔޫޓިއުބް، ޓްވިޓަރ، ފަދަ ޕްލެޓްފޯމްތަކަށް އަންގައިފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ކޯޓުން މިގޮތަށް ޕްލެޓްފޯމްތަކަށް އެންގީ ޝާހްރުކްގެ "ރެޑްޗިލީސް އެންޓަރޓެއިންމެންޓް"އިން މި މައްސަލަ ހުށަހެޅުމުންނެވެ.
ޝާހްރުކްގެ "ރެޑްޗިލީސް އެންޓަރޓެއިންމެންޓް"އިން މައްސަލައާއެކު ކޯޓަށް ހުށަހެޅި 2 ވީޑިއޯގައި ފެނިގެންދަނީ ފިލްމުގައި އަންނަ ލަވައެއްގެ ތެރެއިން ޝާހްރުކާއި ނަޔަންތަރާ ނަށާ މަންޒަރަކާއި ޝާހްރުކްގެ އެކްޝަން ނުވަތަ 'ފައިޓިންގ' މަންޒަރެކެވެ.
"ޖަވާން" މިއަހަރުގެ ޖޫން 2ގައި ރިލީޒްކުރަން ހަމަޖެހިފައިވާއިރު ފިލްމުގެ މައިގަނޑު ރޯލުތަކުން ވިޖޭ ސެތޫޕަތީއާއި، ސަންޔާ މަލްހޯތުރާގެ އިތުރުން ޚާއްޞަ ފެނިލުމަކުން ދީޕިކާ ޕަދުކޯން ފެނިގެންދާނެއެވެ.
