އާޓާފުށް (ހޯލްވީޓް ފްލަރ) އަދި ބްރައުން ރައިސް ފަދަ ތަކެއްޗަކީ ހަމައެކަނި ޑައެޓް ކުރާމީހުން ނުވަތަ ހަކުރާއި ލޭގެ ޕްރެޝަރ ދަށްކުރަން މަސައްކަތްކުރާ ބޮޑެތި ބަލިތަކުގައި އުޅޭމީހުން ބޭނުންކުރާ ބާވަތެއް ނޫންނެވެ. މިއީ އެންމެންވެސް ބޭނުންކުރަން އެންމެ ރަނގަޅު ބާވަތުގެ ފުށެވެ.
ކެލަރީގެ ގޮތުން މިދެބާވަތުގެ ފުށުގައި ތަފާތެއް ނުވާއިރު، މިއިން ކޮންމެ ބާވަތެއްގެ ޖޯޑެއްގެ ފުށުގައި ހުންނަނީ 400 ކެލަރީއެވެ. ހަށިގަނޑަށް ބޭނުންވާ ރަނގަޅު ފައިދާހުރި ފުށެއް ބޭނުންކުރާނަމަ ރަނގަޅީ އާޓާ ފުށެވެ.
ހުދުފުށުން ތައްޔާރުކުރާ ތަކެތި މީރުނަމަވެސް އޭގައި އެކުލެވޭ ފައިދާ މަދެވެ. ބާޒާރުގައި ލިބެންހުންނަ ހުދުފުށަކީ ގޮދަނުގެ އެންޑޯސްޕަރމް ބައި އެކަނި ބޭނުންކޮށްގެން ތައްޔާރުކުރާ ފުށެކެވެ. ޒަމާނީ ގޮދަން މުގުރާ މެޝންތައް ތައްޔާރުކޮށްފައި ހުންނަގޮތުން ހެޔޮއަގެއްގައި ވިއްކުމަށް ހުދުފުށް ތައްޔާރުކުރާއިރު އޭގައި އެކުލެވޭ ފައިދާހުރި މާއްދާތައް ނެތިދެއެވެ. ސާފު ހުދުކުލައިގައި ފުށް ބެހެއްޓުމަށާއި ގިނަދުވަހަށް ފުށް ރައްކާކުރުމަށް ހުދުފުށުގައި ހުންނަނީ ހުދުކުރަން ބްލީޗްއާއި ކެމިކަލް ބޭނުންކޮށްފައެވެ. މިއީ އިންސާނާގެ ހަށިގަނޑަށް ގެއްލުންވާ މާއްދާ ހުންނަ ކެމިކަލްއެވެ.
އާޓާފުށް އުފައްދަނީ ގޮދަނަނަށް ބަދަލެއް ނުގެނެސް ގޮދަން ހުރިގޮތަށް ބޭނުންކޮށްގެނެވެ. އެހެންކަމުން ގޮދަނުގެ ތިން ބައި ކަމުގައިވާ ބްރާން، އެންޑޯސްޕރަމް އަދި ޖަރމް ވެސް މިފުށުގައި އެކުލެވިގެންވެއެވެ. އާޓާފުށަކީ ގޮދަނަށް އެއްވެސް ބަދަލެއް ނުގެނެސް މުގުރާފައި ހުންނަ ފުއްކަމުގައި ވާތީވެ އެފުށުގައި ހުންނަން ޖެހޭ ފައިބަރަ އަދި އެހެނިހެން ބޭނުންތެރި މާއްދާ އެކުލެވިގެންވެއެވެ.
ހުދުފުށާއި އާޓާ ފުށުގެ ތަފާތު
މިދެބާވަތުގެ ފުށުގައި ހުންނަ އެންމެ ބޮޑުއެއް ތަފާތަކީ ފައިބަރ އެކުލެވިގެންވާ މިންވަރެވެ. އާޓާ ފުށުގައި ގުދުރަތީ ފައިބަރ ގެ މާއްދާ ހުރިނަމަވެސް ހުދުފުށުގައި ހުންނަނީ އެފުށް އުފެއްދުމަށް ކުރިއަށްގެންދެވޭ މަރުހާލާތަކުގެ ތެރެއިން އޭގައިވާ ދެބައިކުޅައެއްބައި ފައިބަރ ނައްތާލެވިފައެވެ.
ފައިބަރ އަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ފައިދާހުރި މާއްދާއެކެވެ. ފައިބަރ އަކީ ބަނޑުހިކުންފަދަ ގޮހޮރުގެމައްސަލަތައް ދުރުކޮށްދޭ، ހަކުރު ދަށްކޮށްދޭ، ހިތުގެ މައްސަލަތައް ދުރުކޮށްދޭ އަދި ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލްކުރަން އެހީވެދޭ އެއްޗެކެވެ.
އާޓާ ފުށުގައި ގިނަ އަދަދެއްގެ ބީ 1 ބީ 3 އަދި ރައިބޯފްލޭވިން އާއި ފޯލޭޓް އެކުލެވެއެވެ. މީގެއިތުރުން އަޔަން، ކެލްސިއަމް، ޕްރޮޓީން އާއި އެހެނިހެން ފައިދާހުރި މާއްދާ ހުދުފުށާއި އަޅާބަލާއިރު ގިނައެވެ.
ހަށިގަނޑަށް ބަލައިގެން ކެލޮރީ ޑައިޓް ޕްލޭނެއް ގެންގުޅޭނަމަ ބޭނުންކުރެވޭ ކެލަރީއިން ހަށިގަނޑަށް ފައިދާހުރި ހުރިހާ މާއްދާއެއް ހިމެނުމަކީ މުހިންމުކަމެކެވެ. ކެލެރީގެ ގޮތުން މިދެބާވަތުގެ ފުށުގައި ތަފާތެއް ނުވާއިރު ފައިދާހުރި މާއްދާ މަދު ފުށެއް ބޭނުންކުރާނަމަ ހަށިގަނޑަށް ލިބެންވާވަރަށް ފައިދާހުރި މާއްދާތަކެއް ނުލިބެއެވެ.
އާޓާ ފުށް ކެއްކުމުގައި ބޭނުންކުރުން
ކާހިތްވާ އެކުބާވަތުގެ ކާނާ އާޓާ ފުށުގައި ތައްޔާރުކޮށްގެންވެސް ބޭނުންކުރެވޭނެއެވެ. ހުދުފުށުގެ ބަދަލުގައި އާޓާ ފުށް ނުވަތަ އާޓާ ފުށް ކޮޅާކާއި ހުދުފުށް ކޮޅެއް އެއްކޮށްލައިގެންވެސް ބޭނުންކުރެވޭނެއެވެ. މިސާލަކަށް ކުކީސް، މަފިންސް، ކޭކް ގެއިތުރުން އެހެން ބާވަތްތައް ތައްޔާރު ކުރާއިރުވެސް ދެބާވަތުގެ ފުށް އެއްކޮށްގެން ބޭނުންކުރެވިދާނެއެވެ. ހަމައެކަނި އާޓާ ފުށުން ތައްޔާރުކޮށްފައި ހުންނަ ޕާން، ޕާސްތާ ނުވަތަ ނޫޑްލް އަކީ ވެސް ވަރަށް މީރު ބާވަތްތަކެކެވެ. ހެނދުނު ސަޔަށް އާޓާފުށުގައި ރޮށި، ބަނަސް، ޕާން، ޕޭންކޭކް، ވޮފުލް ނުވަތަ މަފިންވެސް ތައްޔާރު ކުރެވިދާނެއެވެ. ޕިއްޒާ ފުއްގަނޑުވެސް އާޓާ ފުށުން ތައްޔާރު ކޮށްލެވިދާނެއެވެ. ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފުރިހަމަ އަށް ފޯރުކޮށްދިނުމަށް ކާބޯތަކެތި ތައްޔާރުކުރުމުގައި މިއީ ގެނެވިދާނެ ބަދަލެކެވެ.
ފުށުގެ އިތުރުން ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރަން ބޭނުންވާނަމަ ހުދު ހަނޑުލުގެ ބަދަލުގައި ބްރައުން ރައިސް ބޭނުންކުރެވިދާނެއެވެ. ދުޅަހެޔޮ ސިއްހަތެއްގެ ސިއްރަކީ ހަށިގަނޑަށް ލިބޭ ފައިދާ ހުރި ކާނާއެވެ. ކޮންމެ އިންސާނަކަށްވެސް ލިބިފައިވަނީ އެންމެ ހަށިގަނޑެކެވެ. އެހެންކަމުން އެހަށިގަނޑު ރަނގަޅަށް ބެލެހެއްޓުމަކީ އެމީހެއްގެ ޒިންމާއެކެވެ.
