އެމެރިކާގެ އެންބީއޭ ޕްލޭ-އޮފްސްގައި މިއަދު ކުޅުނު މެޗުތަކަށްފަހު ޑެންވާ ނަގެޓްސް އާއި ފީނިކްސް ސަންސް އިން ވެސްޓަން ކޮންފަރެންސްގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެޓްލާންޓާ ހޯކްސް އިން އުއްމީދު އާކޮށްފިއެވެ.
މިނެސޯޓާ ޓިމްބަރވުލްވްސް އަތުން 112-109 އިން ނަގެޓްސް މޮޅުވިއިރު، ލޮސް އެންޖެލަސް ކްލިޕާސްގެ މައްޗަށް ސަންސް ކުރިހޯދީ 136-130 އިންނެވެ. މިއާއެކު، މި ދެ ޓީމުން ވެސް ވަނީ 4-1 އިން ސީރީޒް ކާމިޔާބުކޮށް، ކޮންފަރެންސްގެ ސެމީ އިން ޖާގަ ހޯދާފައެވެ. ހޯކްސް އިން ވަނީ 119-117 ގެ ތަފާތަކުން ބޮސްޓަން ސެލްޓިކްސް އަތުން މޮޅުވެ، އީސްޓަން ކޮންފަރެންސްގެ ސެމީ އަށް ދަތުރުކުރުމުގެ އުއްމީދު އާކޮށްފައެވެ.
އެންބީއޭގެ މިފަހަރުގެ ސީޒަނުގެ އެމްވީޕީ ނިކޮލާ ޖޮކިޗް ހިމެނޭ ނަގެޓްސް މޮޅުވިއިރު، އޭނާ ވަނީ 28 ޕޮއިންޓް އެއްކޮށް، 17 ރީބައުންޑް ނަގައި، 12 އެސިސްޓް ހަދާފައެވެ. މި މެޗުގައި ނަގެޓްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ޖަމާލް މަރޭ އެވެ. އޭނާ ވަނީ 35 ޕޮއިންޓް އެއްކޮށްފައެވެ. މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ޓީމުން ކޮންފަރެންސްގެ ސެމީ އިން ޖާގަ ހޯދި ހަތަރުވަނަ ފަހަރެވެ.
ފީނިކްސްގައި ޑެވިން ބުކާ އެއްކުރި 47 ޕޮއިންޓާއެކު އެ ސީރީޒްގައި ސަންސް އިން ވަނީ ޖެހިޖެހިގެން ހޯދީ ހަތަރުވަނަ މޮޅާއެކު ސެމީން ފުރުޞަތު ހޯދާފައެވެ. މި ސިރީޒްގައި ކުޅުނު ފުރަތަމަ މެޗުން ކްލިޕާސް މޮޅުވިނަމަވެސް، އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އެ ޓީމަށް ތަފާތު ދެއްކޭގޮތެއްނުވިއެވެ. މި މެޗުގެ ދެވަނަ ހާފުގައި ކްލިޕާސް އިން 10 ޕޮއިންޓްގެ ލީޑެއްގައި އޮތްއިރު، ސަންސްގެ ބުކާ ވަނީ ތިންވަނަ ކުއާޓާގައި 25 ޕޮއިންޓް އެއްކޮށް ދެ ޓީމުގެ ދެމެދުގައި އޭރު އޮތް ފަރަގު ނައްތާލާފައެވެ. ކްލިޕާސް އަށް މި ސީރީޒްގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޕޯލް ޖޯޖް އާއި ކޯހީ ލެނާޑް އަށް ނުކުޅެވުމެވެ.
ބޮސްޓަންގައި އީސްޓަން ކޮންފަރެންސްގައި ހިމެނޭ ސެލްޓިކްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމެން 1.8 ސިކުންތަށްވެފައިވަނިކޮށް ޓްރޭ ޔަންގް ވައްޓާލި ތިން ޕޮއިންޓާއެކު ހޯކްސް އިން މުހިއްމު މޮޅެއް ހޯދައިފައެވެ. މި މެޗުގައި ދެވަނަ ހާފުގެ ބޮޑު ބައެއް ޑޮމިނޭޓް ކުރުމަށްފަހު ހަތަރުވަނަ ކުއާޓާގެ މެދާ ހަމައިން ސެލްޓިކްސް އިން ނަގާފައި އޮތް 13 ޕޮއިންޓްގެ ލީޑާއެކު އެ ޓީމު މޮޅުވާން ދަނިކޮށް، ފަހުކޮޅުގައި ދެއްކި ތަފާތު ކުޅުމާއެކު ހޯކްސް އިން މެޗު ކާމިޔާބުކުރީ އެއް ޕޮއިންޓްގެ ފަރަގަކާ އެކު އެވެ.
ހޯކްސް އަށް މި މެޗުން މޮޅު ކަށަވަރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޔަންގް ނިންމާލީ 38 ޕޮއިންޓާއި، 4 ރީބައުންޑް އަދި 13 އެސިސްޓް އާއެކު އެވެ. މި ދެ ޓީމުގެ ދެމެދުގައި ކުޅޭ ހަވަނަ މެޗު އަންނަ ހުކުރު ދުވަހު އެޓްލާންޓާގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ސީރީޒްގައި ސެލްޓިކްސް ކުރީގަ އޮތީ 3-2 އިންނެވެ.
މި މުބާރާތުގައި މާދަމާ ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ސެކްރަމެންޓޯ ކިންގްސްއާ ގޯލްޑެން ސްޓޭޓް ވޯރިއާސް ބައްދަލުކުރާ މެޗާއި މެމްފިސް ގްރިޒްލީސްއާ ދެކޮޅަށް ލޮސް އެންޖެލަސް ލޭކާސް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.
Nuggets. Suns.
— NBA (@NBA) April 26, 2023
The first Conference Semifinal matchup is set ?
See more in the Playoff Hub ⤵https://t.co/MndHjxCujI pic.twitter.com/kbNq4F3BRe