އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ފުރަތަމަ އަންހެން ދަރިފުޅު ރާހާ އަށް މަރުހަބާ ކިޔާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ރާހާ އުފަންވިތާ މަދު މަސްކޮޅެއް ފަހުން އާލިއާ އަލުން މަސައްކަތް ފެށިއިރު، އޭނާގެ ކުރިއަށް އޮތް ފިލްމު ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގެ ޝޫޓިން ކަޝްމީރުން އާލިއާ ވަނީ ފެނިގެން ގޮސްފައިއެވެ. އާލިއާ އަކީ ވޯކް-ލައިފް ބެލެންސް ފުރިހަމައަށް ހާސިލް ކުރަމުން އަންނަ ތަރިއެއްކަމީ ގިނަ ބަޔަކު އެއްބަސްވާކަމެކެވެ. ދާދިފަހުން ދިން އިންޓަވިއުއެއްގައި އާލިއާ ވަނީ އޭނާގެ އަންހެން ދަރިފުޅު ރަހާގެ މަންމަ ގެ ރޯލު އަދާ ކުރަމުން ފިލްމުތަކުގައި މަސައްކަތް ކުރާތީ ހާސްކަން އިހުސާސްވާ ގޮތުގެ ވާހަކަ ދައްކާފައެވެ.

ވޯގް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އާލިއާ ވަނީ އިންޓަނެޓްގައި އޭނާ އަލުން މަސައްކަތް ފެށުމުގެ ބަދަލުގައި ގޭގައި މަޑުކޮށް ގޭތެރޭގެ މަސައްކަތް ބަލަހައްޓަން ބުނާ ޓްރޯލްތަކާ މުހާތަބުކޮށްފަ އެވެ. އޭނާ ބުނީ އެ އަޑުނާހަން މަސައްކަތްކުރި ނަމަވެސް އަދިވެސް ރަހާ ދޫކޮށް މަސައްކަތަށް އެނބުރި ދާން ޖެހުމުން ދެރަވެ ޖެހިލުންވާ ކަމަށެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނީ ގޮތެއް ނިންމަން އުނދަގޫވާކަމަށާއި އޭނާ ގަބޫލު ކުރާ ގޮތުގައި ދެކަން އެއްކޮށް އެންމެ ރަނގަޅަށް ކުރަން ހުރި އެތައް ބައިވަރު ހުރަސްތަކެއް އެބަހުރިކަމަށެވެ. އެހެން ނަމަވެސް އޭނާ އަށް ދެކަންތަށް ވެސް އެންމެ ރަނގަޅަށް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ބުނެއެވެ.

އާލިއާގެ ފޯރިގަދަ މަޝްރޫއުތަކެއް އެބަހުރިއެވެ. އެންމެ ފަހުން ބްރަހްމާސްޓްރާ އިން ފެނުނު ބަތަލާ ދެން ފެނިގެންދާނީ ކަރަން ޖޯހަރުގެ ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީއިންނެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ ރަންވީރު ސިންގް އާ އެކު އެވެ. މީގެ އިތުރުން އާލިއާ، ހޮލީވުޑުން ފުރަތަމަ ފަހަރަށް ފެނިގެންދާނީ ސްޕައި ތްރިލާ "ހާޓް އޮފް ސްޓޯން" އިންނެވެ.