މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއަޑް ޗެމްޕިއަންޝިޕްގެ ފައިނަލްގައި މިރޭ ފިލިޕީންސްގެ ޔޯހާން ޗުއާ ބަލިކޮށް ޗައިނީސް ޓައިޕޭގެ ކޯ ޕިން-ޗަން ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ކޯ ޕިން-ޗަން އަކީ 2019 ވަނަ އަހަރު ބޭއްވުނު 10-ބޯލް މުބާރާތުގެ ދުނިޔޭގެ ޗެމްޕިއަނެވެ.

މި ފަހަރުގެ މޯލްޑިވްސް އޯޕަން މުބާރާތުގެ ފައިނަލުން ޔޯހާން ޗުއާ ޖާގަ ހޯދީ މުބާރާތުގެ ސެމީ ފައިނަލްގައި 2018 ވަނަ އަހަރުގެ 9-ބޯލް ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޖަރުމަނުގެ ޖޯޝުއާ ފިލާ 3-10 އިން ބަލިކޮށްގެންނެވެ. އަދި ކޯ ޕިން-ޗަން ވަނީ ސެމީގައި 10-8 އިން ވިއެޓްނާމްގެ ލުއޯންގ ޑުކް ތިއޭން ބަލިކޮށްފައެވެ.

ގައުމީ ބިލިއަޑް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅެވުނު ފައިނަލް މެޗު ފެށިގެން 1-0 އިން ކޯ ޕިން-ޗަން ލީޑްނެގިއެވެ. އެކަމަކު، ދެން ޖެހިގެން ދެ ފްރޭމް ކާމިޔާބުކޮށް ޔޯހާން ޗުއާ ފަހަތުން އަރައި 2-1 އިން ކުރީގައި އޮއްވާ، ޖެހިގެން އައި ހަތަރު ފްރޭމް ހޯދައި ކޯ ޕިން-ޗަން ވަނީ 2-5 އަށް ނަތީޖާ އޭނާގެ ކޮޅަށް އަނބުރާލައިފައެވެ. އަދި އޭގެފަހުން، ދެން ކުޅެވުނު ތިން ފްރޭމްގެ ތެރެއިން ދެ ފްރޭމް ކާމިޔާބުކޮށް ޔޯހާން ޗުއާ ވަނީ 6-4 އަށް ނަތީޖާ ބަދަލުކޮށްލައި، ފަރަގު ކުޑަކޮށްފައެވެ. އެއަށްފަހު ދެން ކުޅެވުނު ތިން ފްރޭމްގެ ތެރެއިން ދެ ފްރޭމް ކާމިޔާބުކުރީ ކޯ ޕިން-ޗަން އެވެ. މިއާއެކު، 8-5 އިން ލީޑެއްގައި ވަނިކޮށް، ކޯ ޕިން-ޗަން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޖެހިގެންއައި ތިން ފްރޭމް ހޯދައި ޔޯހާން ޗުއާ 8-8 އިން އެއްވަރުކުރިއެވެ. އެކަމަކު، ދެން ޖެހިގެންއައި ދެ ފްރޭމް ކާމިޔާބުކޮށް، ކޯ ޕިން-ޗަން ވަނީ 10-8 އިން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

މާލޭގައި މި މަހުގެ 22 އިން 26 ގެ ނިޔަލަށް ކުރިއަށްދިޔަ މޯލްޑިވްސް އޯޕަން 2023 އަކީ މިހާތަަނަށް ރާއްޖޭގައި ބޭއްވީ އެންމެ މަތީ ފަންތީގެ ބިލިއާޑް މުބާރާތެވެ. މި މުބާރާތަކީ ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަން (ޑަބްލިއުޕީއޭ) އިން ސެންކްޝަން ކުރެވިގެންދާ މުބާރާތަކަށް ވުމުން މިއީ ދުނިޔޭގެ ރޭންކިން އަށާއި އޭޝިއާގެ ރޭންކިންއަށް ގުނާނެ މުބާރާތެކެވެ.

މި މުބާރާތުގައި ދުނިޔޭގެ 15 ގައުމެއްގެ 64 ކުޅުންތެރިން ވާދަކޮށްފައިވާއިރު، އޭގެތެރޭގައި ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން މިވަގުތު ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިންވެސް ހިމެނެ އެވެ. އަދި މި މުބާރާތުގައި ރާއްޖޭގެ 16 ކުޅުންތެރިއަކު ވާދަކޮށްފައިވެއެވެ.

ޖުމްލަކޮށް ބަލާއިރު މި މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ކާމިޔާބު މުބާރާތެކެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ހޯދި ފުރަތަމަ މޮޅު ހާސިލްކުރީ ހުސައިން ފަޔާޒް އެވެ. އަދި މި މުބާރާތަކީ ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަންގެ ރޭންކިން މުބާރާތަކަށް ވީ ހިނދު ބައިނަލް އަގުވާމީ މުބާރާތެއްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފް ހޯދީ ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ ހަސަން ޝާޒް އެވެ.