ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި 2-1 އިން ރަޔޯ ވަޔެކާނޯ އަތުން ބަލިވެ، ބާސެލޯނާ އަށް ތާވަލްގެ ކުރީގައި ލީޑް ފުޅާކުރަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ.
މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ބާސެލޯނާ ބަލިވި ތިންވަނަ މެޗެވެ. އަނެއްކޮޅުން ރޭގެ މެޗަކީ ލީގުގައި އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތްއިރު ލީގުގައި އޭގެ ކުރީ ދުވަހު ޖިރޯނާ އަތުން ދެވަނައިގައި އޮތް ރެއާލް މެޑްރިޑް ބަލިވުމާއެކު ރަޔޯ އަތުން މޮޅުވެ، ތާވަލްގެ ކުރީގައި 14 ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުޞަތު އޮތެވެ. އެކަމަކު، ރޭގެ މެޗުން ބަލިވުމާއެކު އެ ފުރުޞަތު ވަނީ ގެއްލިފައެވެ. ބާސެލޯނާ އަށް މިހާތަނަށް ކުޅުނު 31 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. ދެވަނައިގައި ރެއާލް އޮތީ 31 މެޗުން ލިބުނު 65 ޕޮއިންޓާއެކު އެވެ. އެތުލެޓިކޯ މެޑްރިޑް އޮތީ 31 މެޗުން ލިބުނު 63 ޕޮއިންޓާއެކު ތިންވަނައިގައެވެ. ރެއާލް ސޮސިއެޑާޑަށް 31 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު އޮތީ ހަތަރެއްގައެވެ.
ރަޔޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ރަޔޯ އަށް މި ލަނޑުޖަހައިދިނީ އަލްވާރޯ ގާސިއާ އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ރަޔޯގެ ދެވަނަ ލަނޑުޖަހައިދިނީ ފްރާން ގާސިއާ އެވެ. މި މެޗުގައި ބާސެލޯނާ އިން ޖެހި ހަމައެކަނި ލަނޑު، 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ ލީގުގައި އޭނާ ޖެހި 18 ވަނަ ގޯލެވެ.
ލީގުގައި ބާކީ އޮތް ހަތް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްގެން ބާސެލޯނާ އަށް ލީގު ތަށި ލިބެން އޮތްއިރު، ދެން އެ ޓީމަށް އޮތީ އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ފަސް ވަނައިގައި އޮތް ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
