އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 4-1 އިން އާސެނަލް ބަލިކޮށް، މެންޗެސްޓާ ސިޓީން ދެ ޓީމުގެ ދެމެދުގައި ވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ 33 މެޗުން ލިބުނު 75 ޕޮއިންޓާއެކު އެއްވަނައިގައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ސިޓީ ދެވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެގެންނެވެ. ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 31 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން މެންޗެސްޓާ ޔުނައިޓެޑް އޮތީ ހަތަރެއްގައެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ސިޓީން ލީޑްނެގީ ކެވިން ޑި ބްރޭނާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޑި ބްރޭނާ ނެގި ހިލޭޖެހުމަކުން ލިބުނު ބޯޅައަކުން ޖޯން ސްޓޯންސް ބޮލުން ވައްދާލި ލަނޑާއެކު ސިޓީން މި ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ. ރެފްރީ މި ލަނޑު ގަބޫލުކުރަން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.

ސިޓީން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 54 ވަނަ މިނެޓުގައި ޑި ބްރޭނާ ކާމިޔާބުކުރީ ހާލަންޑް ދިން ބޯޅައަކުންނެވެ. އޭގެފަހުން، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ރޮބް ހޯލްޑިންގެ ގޯލާއެކު އާސެނަލުން ފަރަގު ކުޑަކޮށްފައިވަނިކޮށް އިތުރުވަގުތުގައި ހާލަންޑް ވަނީ އަލުން ސިޓީގެ ތިން ލަނޑުގެ ލީޑް ދަމަހައްޓާފައެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ސިޓީ އަށް އޭނާ ޖަހައިދިން 49 ވަނަ ގޯލެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ނޮޓިންހަމް ފޮރެސްޓުން އަމިއްލަ ދަނޑުގައި 3-1 އިން ވަނީ ރަނގަޅު ފޯމެއްގައި އޮތް ބްރައިޓަން ބަލިކޮށްފައެވެ. ޗެލްސީގެ ދަނޑުގައި 2-0 އިން ބްރެންޓްފޯޑް އަތުން އެ ޓީމު ބަލިވިއިރު، ލިވަޕޫލުން ވަނީ ރަށުން ބޭރުގައި ފަހަތުން އަރައި 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފައެވެ.

ލީގުގައި ސިޓީ އަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެގެން ސިޓީ އަށް ތާވަލްގެ އެއްވަނަ އަށް އެރުމުގެ ފުރުޞަތު އޮތްއިރު، އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ހޯދިފައިނުވާ އާސެނަލުން ބުދަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.