ޝާހްރުކް ޚާން އެންމެ ފަހުން ފެނިގެންދިޔަ ފިލްމު އަދި މުޅި އިންޑިއާ ގުގުމާލި ފިލްމު "ޕަޓާން"އަކީ މިހާތަނަށް ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ފިލްމެވެ. އެހެންނަމަވެސް ބޮކްސް އޮފީހުގައި އެތައް ރެކޯޑުތަކެއް މުގުރަމުން ދިޔަ މި ފިލްމާ ގުޅޭ ވަރަށް އެހެން ކަހަލަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. މި ވީޑިއޯއަށް ބަލައިލުމުން "ޕަޓާން"އަކީ މީހުން ބުނާހާ ކޮލެޓީ ރަނގަޅު ފިލްމެއް ކަމަކަށް ނުބެލެވެއެވެ.

މަޝްހޫރު ތަރި ދީޕިކާ ޕަދުކޯންއާއި ޝާހްރުކް ޚާން ލީޑުން ފެނިގެންދާ "ޕަޓާން"ގެ ޓްރެއިލަރ ޢާއްމު ކުރި ހިސާބުން ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދިއެވެ. އަދި ހަމައެހެންމެ ޓްރެއިލަރގައި ފެނިގެންދިޔަ އެކްޝަން މަންޒަރުތައް ހަމަ ހަބޭސް ކަމަށް ބުނެ ފިލްމަކީ ވަރުގަދަ ފިލްމަކަށް ވެގެން ދާނެ ކަމަށް ބެލެވުނެވެ. ބައެއް މީހުންނަށް ކަން ދިމާވީ ވެސް މިހެންނެވެ. އާއެކެވެ. ފިލްމު ވަރުގަދައެވެ. އެހެންނަމަވެސް މި ފިލްމުގައި ވާ ގިނަ މަންޒަރުތަކަކީ ސީދާ ކޮޕީ މަންޒަރުތަކެއް ކަން މިވަނީ ފާހަގަ ކުރެވިފައެވެ. 

Pathaan (2023) - IMDb

ބައެއް މީހުން "ޕަޓާން" ދިފާޢު ކުރުމުގައި ވާހަކަ ދައްކަމުން ދާއިރު އަނެއްބައި މީހުން ދަނީ އެ ފިލްމަކީ ކޮޕީ ފިލްމެއް ކަމަށްބުނެ ވާހަކަ ފަތުރަމުންނެވެ. އެހާ ބޮޑު ޚަރަދުތަކެއް ކޮށްގެން އަމިއްލަ ވަންތަ މަންޒަރުތަކެއް އުފައްދައިފައި ނުވާތީ އެތައް ބަޔަކު ދަނީ ކަންބޮޑުވުމާއެކު ނުރުހުން ފާޅު ކުރަމުންނެވެ. 

އެގޮތުން ޚަބަރު ފަތުރާ ވެބްސައިޓަކުން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި "ޕަޓާން"ގައި ހޮލީވުޑް ފިލްމުތަކެއްގެ 25 މަންޒަރު ކޮޕީ ކޮށްފައިވެއެވެ. އަދި ހަމައެކަނި ހޮލީވުޑުން ނިންމާލީކީ ވެސް ނޫނެވެ. މީގެ ތެރޭގައި ރާޖަމޯލީގެ "އާރް.އާރް.އާރް" އާއި "ޔާޝްގެ "ކޭ.ޖީ.އެފް ޗެޕްޓަރ 1"އާއި "ސާހޯ" އަދި ސަންޖޭގެ "ދަސް"ގެ މަންޒަރުތަކެއް ވެސް ވަނީ ކޮޕީ ކޮށްފައެވެ. މިކަން ޔަޤީން ކޮށްދިނުމަށްޓަކައި އެ ވެބްސައިޓުގައި 2 ވީޑިއޯ ކްލިޕެއް ވަނީ ޢާއްމުކޮށްފައެވެ. 
ވީޑިއޯތަކަށް ބަލައިލާއިރު "ދަ އެވެންޖަރސް" އާއި "ދަ ބެޓްމޭން" އަދި "އަޔަން މޭން 2"ގެ އިތުރުން "ކެޕްޓަން އެމެރިކާ" އާއި "ފިޔުރިއަސް 7" ފަދަ ފިލްމުތަކުގެ މަންޒަރު "ޕަޓާން"އިން ކޮޕީ ކޮށްފައި އެބަހުއްޓެވެ. 

Inspired scenes/shots in Pathaan, part 1, found on twitter
by u/raaz9658 in BollyBlindsNGossip

"ޕަޓާން"ގެ ކާމިޔާބަށްފަހު ޝާހްރުކް މިހާރު މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ފިލްމު "ޖަވާން"ގެ ޝޫޓިންގގައެވެ. ޝާހްރުކްގެ އިތުރުން ވިޖޭ ސެތޫޕަތީއާއި ނަޔަންތަރާ ލީޑް ރޯލުތަކުން ފެނިގެންދާ "ޖަވާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ ޖޫން 2ގައެވެ. 
"ޖަވާން"އަށްފަހު "ޑަންކީ"އާއި ސަލްމާން ޚާނާއެކު "ޕަޓާން ވާސަސް ޓައިގަރ" ވެސް ކުރިއަށް އެބައޮތެވެ.