ބައެއް މީހުންނަކީ ކުޅި އެއްޗެހި ކެއުމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހުންނެވެ. އެއްބަޔަކު ވަރަށް ކުޅިގަދަކޮށް ކާއިރު، އަނެއްބައި މީހުންނަށް ކުޅީގެ އަސަރެއް ނެތަސް ފަރުވާލެއް ނެތެވެ. އަދި އަނެެއްބަޔަކަށް އެއްގޮތަކަށްވެސް ކުޅިއެއް ނުކެވެއެވެ. އަހަރެމެންގެ ކެއުމުގެ ވައްޓަފާޅީގައި ނުވަތަ ކާ ކާނާތަކުގައި ކުޅިގަދަކޮށް ކެއުމަކުން ގޯހެއް ނެތެވެ.
ކުޅިއަކީ ކެވޭމިންވަރަކުން ކެއުން ރަނގަޅު އެއްޗެކެވެ. އެހެނީ އެއީވެސް ސިއްހީގޮތުން ފައިދާތަކެއް އިންސާނާގެ ހަށިގަނޑަށް ކުރުވާ ކަމެކެވެ. ކުޅި ރަހައިގެ މައިގަނޑު ބޮޑުބައެއް އަދާކުރާ މާއްދާއަކީ ކެޕްސައިސިން ނަމަކަށް ކިޔާ މާއްދާއެކެވެ. މިއީ އެކިގޮތްތަކުން އިންސާނާގެ ހަށިގަނޑަށް ފައިދާތަކެއް ކުރުވާ މާއްދާއެކެވެ.
އެގޮތުން މި މާއްދާގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްވެ، އޭގެ މަސައްކަތް ރަނގަޅުވެއެވެ. މެޓަބޮލިޒަމްގެ ހަރަކާތްތައް އަވަސްވެ ހަލުވި ވާނަމަ އެއީ ހަށިގަނޑުގައި ހުންނަ ކެލަރީސްތައް އަންދާލާ ކަމެކެވެ. މާނައަކީ ހަށިގަނޑުގައި ޖަމާވެފައި ހުންނަ ސަރުބީތައް ވިރިގެންދާނެ ކަމެކެވެ.
ކެޕްސައިސިން އަކީ އިންފްލެމޭޝަންވެސް ކުޑަކޮށްދީ ދަށްކޮށްދޭ މާއްދާއެކެވެ. އެހެނީ އޭގައި އެންޓި-އިންފްލެމޭޓަރީ ގެ އަސަރު އެކުލެވިގެންވާތީއެވެ. އަދި ހަމަ އެއާއެކު މި މާއްދާއަކީ ލޭގެ ޕުރެޝަރު ދަށްކޮށްދީ، ލޭނާރުތަކުގައި ޖަހާފައި ހުންނަ ސަރުބީ ނުވަތަ ކޮލެސްޓްރޯލް ވިރުވާލަދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މިއީ ސައިންޓިފިކް ތަހުލީލުތަކުން ސާބިތުވާ ކަމެކެވެ. ލޭގެ ޕުރެޝަރު ދަށްވެ، ކޮލެސްޓްރޯލް ވިރުވާލާނަމަ، މިއީ ހިތުގެ ދުޅަހެޔޮކަމަށް އެޅޭ ހެޔޮ ފާލެކެވެ.
ކުޅިކޮށް ކެއުމަކީ ބައެއްމީހުންނަށް މޭ އެންދުންފަދަ ހަޖަމުގެ ނިޒާމުގެ އުނދަގޫތައް ކުރުވާ ކަމެކެވެ. ނަމަވެސް ކުޅިކޮށް ކައިފިނަމަ، ހަޖަމަށް ފަސޭހަކުރާ އެތައް އެންޒައިމެއް މައިދާގެ ތެރޭގައި އުފައްދައިދެއެވެ. އަދި މައިދާގެ އެސިޑިޓީ އިތުރުކޮށް ހަޖަމު އަވަސްކޮށްދެއެވެ. މޭ އެންދުން ފަދަ ކަންކަން ދިމާވަނީ މި މަރުހަލާގެ ތެރޭގައި އުފެދޭ ގޭހުގެ ސަބަބުންނެވެ. ކުޅިކޮށް ކެއުމުން، މިފަދަ އުނދަގޫތަކެއްވާނަމަ، ކޮންމެހެން ކުޅިކޮށް ކެއުމެއް ނެތެވެ.
ކުޅި އަކީ ބައެއްމީހުންގެ މިޒާޖު ރަނގަޅުކޮށްދޭ ރަހައެކެވެ. އެހެނީ ކުޅިކޮށް ކައިފިނަމަ، އެންޑްރޮފިންސް ނަމަކަށް ކިޔާ ހޯމޯނެއް ހަށިގަނޑުގައި އުފައްދައިދެއެވެ. މިއީ ނަފުސަށް އުފާވެރިކަން އިހުސާސްކުރުވައިދޭ ހޯމޯނެކެވެ. އަދި މިއީ ޤުދުރަތީ "ޕެއިން ކިލާ" އެއްވެސް މެއެވެ. އެހެންކަމުން ކުޅިކޮށް ކެއުމަކީ ބައެއްމީހުންގެ މިޒާޖު ރަނގަޅުވެދާ ކަމެކެވެ.
ކުޅިކޮށް ކެއުމަކީ ނުކޮށް ދޫކޮށްލެވޭ ވަރު ކަމެއް ނޫނެވެ. ކިރިޔާވެސް ކުޅިކޮށް ކެވެން އޮންނަ ނަމަ ކުޅިކޮށް ކާށެވެ. އެކަމުގައި ހަށިގަނޑަށް ގެއްލުންތަކެއް ނުލިބޭނަމައެވެ. ނަމަވެސް ހިތްވަރުކޮށް، އާދަވެ ކުޅިކޮށް ކާނަމަ، ކުޅިކޮށް ކެވޭ މީހަކަށް ތިބާ ވެދާނެއެވެ. އަހަރެމެން ދިވެހިންގެ ގިނަ ކެއުންތަކަކީ ކުޅިރަހަ ހިސާބަކަށް އެކުލެވޭ މީރު ކެއުންތަކެކެވެ.
