"ވަނާޖުބޭސާ" އަކީ ފޯރިއަރުވަން ކިޔާ އަންބާއެކެވެ. ކިޔޭ އަންބާ އަށް ވުރެ ބާރު ގަދައީ ފައިސާގައޭ ބުނުމުގެ މިސާލު ބަހެއްގެ ގޮތުގައި "ވަރު ހުންނާނީ ވަނާޖުބޭސާއަކު ނޫނޭ ފައިސާގައޭ" ބުނެ އުޅެ އެވެ. ވަނާޖުބޭސާ އޭ ބުނުމުން ގިނަ މީހުންނައް މިހާރު އިނގޭނެ ފަދައިން މި ދައްކަން އުޅޭނީ ރާއްޖޭގެ މަސްހޫރު ކޮމީޑިއަން ކާއްޓޭ އަދި މަޓޭ ގެ އެންމެ ފުރަތަމަ ފީޗާ ފިލްމު ވަނާޖުބޭސާގެ ވާހަކައެވެ.
އެންމެ ފުރަތަމަ އޮލިމްޕަސް އަށް ވަދެގެން ދިޔައިރު ފެނިގެންދިޔައީ ފިލްމުގައި ހަރަކާތްތެރި ބައެއް ތަރިން ބެލުންތެރިންނައް މަރުހަބާ ކިޔުމުގައި ހަރަކާތްތެރިވަމުންދާ ތަނެނެވެ. އެޔޮށް ބޮޑު އޮލިމްޕަސްވެސް އޮތީ މި ތަރިންގެ ފޭނުންނައިގެން ފުރިފައެވެ.
ފުރަތަމަ ސޯ ދިމާވި ޓެކްނިކަލް މައްސަލައަކާއި ހެދި 1 ގަޑި އިރު ވަރު ލަސްވެފައި އެކޮށް ނުދެއްކި ޑިލޭ ވުމުންވެސް ފޭނުންގެ ފަރާތުން ލިބެމުން އައި ހިތްވަރަކަށް ބަދަލެއް އައިސްފައިއެއް ނުވެއެވެ. މީގެ އިތުރުން އެ ނުދެއްކުން ސޯ ޖެހިގެން އައި ދުވަހު ބެލި މީހުން ވަނީ ޑިލޭ ވިޔަސް އެ ފިލްމު ބަލާ ނިމުމުން އެކަންތައް މަތިން ހަނދާން ނައްޓާލެވޭ ވަރަށް ހެވިއްޖެކަމަށާއި މި ފިލްމަކީ ވަރަށް މަޖާ އަދި ތަފާތު އިހުސާސްތަކެއް ގެނުވައިދިން ފިލްމެއް ކަމަށް ބުނެފައެވެ.
ތީރުގެ ޓީމުންވެސް ވަނީ މިފިލްމު ބަލަން ގޮސްފައިއެވެ. ޓީމުގެ ބައެއް މެމްބަރުން މި ފިލްމު ދެވަނަ ފަހަރަށް ބަލަން ދިޔަކަމުގައި ވިޔަސް މި ފިލްމު ހަމަ ފުރަތަމަ ފަހަރު ބެލުމެކޭ ހަމަ އެއްފަދަ ކަމަށް އެ މެމްބަރުން ފާހަގަކޮށްފައިވެއެވެ. މި ފިލްމަކީ އާންމުކޮށް ދިވެހި ކޮމެޑީ ފިލްމުތަކުގައި ބޭނުން ކުރާ މަގުމަތީ ބަހުރު އެއްގޮތަކަށްވެސް ބޭނުން ކޮށްފައިވާ ފިލްމަކަށް ނުވުމުން ވަނާޖުބޭސާ ވެގެން ގޮސްފައިވަނީ އާއިލާ މީހުނާއި އެކުވެސް ބަލާލެވޭނެ ފިލްމަކަށެވެ. މީގެ އިތުރުން އޮފީހުގައި އުޅޭ މީހުންނާއި ގާތް ރައްޓެހިން ގޮވައިގެން ދާންވެސް މި ފިލްމު ވަރުގެ ފިލްމެއް ކަމަށް މި ޓީމުގެ މެމްބަރުން ވަނީ ފާހަގަކޮށްފައިއެވެ. ދިވެހި ބައެއް ކޮމެޑީ ފިލްމުތަކުގައި ބޭނުންކުރާ ޑާރޓީ ކޮމެޓީ ނުލާވެސް ކޮމެޑީ ފިލްމު ހެދިދާނެކަން ވަނާޖުބޭސާގެ ޓީމުން ވަނީ އޯޑިއަންސައް ސާބިތުކޮށްދީފައެވެ.
ދެން ހިތުގައި އުފެދިގެން ދިޔަ ސުވާލަކީ 5 ވަރަކަށް މިނެޓުގެ ކުރު ވީޑިއޯތަކުން އާންމުންގެ ގިނަ ބަޔަކު ހެއްވާ ކާއްޓޭމެން އެ ފޭނުން ދެ ގަޑި އިރަށް ވުރެން ގިނަ އިރުވަންދެން ހެއްވާލެވިދާނެތޯއެވެ. މި ސުވާލަށް ޖަވާބު ލިބޭކަށް މާގިނަ އިރެއްވެސް ނުނަގާއެވެ. ފިލްމު ފެށުމާއި އެކުގައި މުޅި އޮލިމްޕަސް ގުގުމާލީ ހޭއަޑާއި ހަޅޭކުގެ އަޑުންނެވެ. ފިލްމު ކުރިޔަށް ދިޔަވަރަކަށް ފޭނުންގެ ފޯރި ދިޔައީ ގަދަވަމުންނެވެ.
ދެން ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ އެކްޓިންނައް ބަލާ އިރު މި ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ އެކްޓިން ވެސް ވަރަށް މޮޅު އަދި ތައުރީފު ހައްގެވެ. އެތައް ބައިވަރު އާ ތަރިންތަކެއް ފެނިގެންދާ މި ފިލްމުގައި ކޮންމެ ތަރިއެއް ވެސް ވަނީ އެ ތަރިއެއްގެ ރޯލު ހަމަ ވަރަށްވެސް ފުރިހަމަ ފުރިހަމައަށް އަދާކޮށްފައިއެވެ. މި ފިލްމުގެ އެންމެ ސީރިއަސް ވެގެން ދާ ސީންތައް ވެސް އެންމެ ފަހު ވަގުތު ނިންމާލާފައިވަނީ އެންމެން ހެއްވާލައިގެންނެވެ. މި ފިލްމުގައި ފެނިގެންދާ ލަވަތައް އަދި ނެށުންތައްވެސް ހަމައެހާމެ ފުރިހަމަކަން ފާހަގަކޮށްނުލާ ދޫކޮށްލުންވެގެން ދާނެ ވަރަށްވެސް އުދަގޫކަމަކަށެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރާއްޖޭ ހިތްގައިމު ރަށްތަކެއް ކަމުގައިވާ ފ. ފީއަލީ އަދި ނިލަންދޫގައިއެވެ. މި ފިލްމުގައި ކާއްޓޭ އަދި މަޓޭގެ ވީޑިއޯތަކުން ފެންނަ ހުނަރުވެރިކަން މާ ރީއްޗަށްވެސް ފެނިގެން ގޮސްފައި ވާކަން ފާހަގަކޮށްލަންޖެހެއެވެ.
ހީވެސް ނުކުރާ އެތަށް ބައިވަރު ޓްވިސްޓްތަކެއް ފެނިގެންދާ މި ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓުކޮށްފައިވާ ވިސާލް ޒަކީ ގެ ހުނަރުވެރިކަން މި ފިލްމުން ވަރަށްވެސް ރަނގަޅަށް ފެނިގެންގޮސްފައިވެއެވެ. ވިސާލް ޒަކީ ވަނީ މި ފިލްމުގެ ކެމެރާމަން އަދި އެޑިޓަރުގެ ރޯލްވެސް ވަރަށްވެސް ފުރިހަމައަށް އަދާކޮށްފައެވެ.
މި ފިލްމް ބަލަން ދާ މީހުންނަށް ކާއްޓޭމެންގެ ފަރާތުން ދޭ ސަޕްރައިޒެއް މި ފިލްމުގެ ކްރެޑިޓް ތަކަށް ވާތީ މި ފިލްމުގެ ކްރެޑިޓްތައް ނިމެންދެން މަޑުކުރުމަކީ ބެލުންތެރިން ކުރަން ޖެހޭކަމެކެވެ. މި ފިލްމަށް އަދިވެސް ދަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. މި ފިލްމަކީ ދިވެހި ކޮމެޑީ ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކުން ބަލާނުލާ ދޫކޮށްލާ ވަރުގެ ފިލްމެއް ނޫނެވެ.
