ކޮލެސްޓްރޯލް މަތިވުމަކީ މިއަދު ދިވެހިންގެ ތެރޭގައި އޭގެ ނުރައްކާ ބޮޑުވެފައިވާ ބައްޔެކެވެ. ކޮލެސްޓްރޯލު މަތިކަމުން، އެކަމަށް ގަވައިދުން ބޭސްކާ މީހުން މަދެއް ނޫނެވެ. އޭގެތެރޭގައި ޒުނާވުންވެސް ހިމެނެއެވެ. އެހެންކަމުން ކޮލެސްޓްރޯލަކީ މިއީ ކޮން އެއްޗެއްތޯ ބަލާލާނަމެވެ.
ކޮލެސްޓްރޯލޭ އަހަރެމެން މި ނިސްބަތްކުރާ އެއްޗަކީ، މަޑު ޒާތު، ތަތް އެއްޗެކެވެ. އިންސާނާގެ ހަށިގަނޑުގައިވާ ހަމަ ކޮންމެ ހަތައެއްގައިވެސް ކޮލެސްޓްރޯލު ހުރެއެވެ. އަދި ކޮލެސްޓްރޯލަކީ ކޮންމެ އިންސާނެއްގެ ހަށިގަނޑުގައިވެސް ބޭނުންތެރި މާއްދާއެކެވެ. ކޮލެސްޓްރޯލަކީ ބައެއް ހޯމޯނުތައް އުފައްދައިދީ، ވިޓަމިން ޑީ ވެސް އުފައްދައިދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި ބައެއްކަހަލަ ކާއެއްޗެހި ހަޖަމު ކުރުމުގައިވެސް ކޮލެސްޓްރޯލު މުހިއްމު ދައުރެއް އަދާކުރެއެވެ.
އިންސާނާގެ ހަށިގަނޑުގައި މާ ގިނައިން، ނުވަތަ ހުންނަންވާ މިންވަރަށްވުރެ ގިނައިން ކޮލެސްޓްރޯލު ހުންނަ ނަމަ އެއީ ނުރައްކަލެކެވެ. ބޮޑު ނުރައްކަލެކެވެ. އެހެނީ މިގޮތަށް ގިނަވާ ކޮލެސްޓްރޯލު ލޭހޮޅިތަކުގައި ޖަމާވެ، ލޭހޮޅިތައް ހަނިވާ ގޮތް ވެއެވެ. އަދި ބައެއްފަހަރު ލޭހޮޅިތަކުގައި ކޮލެސްޓްރޯލު ތަތްވެ، ތަތްގަނޑަކަށް ބަދަލުވެ، ލޭ ހޮޅި ބެދޭ ގޮތް ވެއެވެ. އަދި އަނެއްބައި ފަހަރަށް މި ތަތްގަނޑުތައް ނެއްޓި، ލޭހޮޅި ފާރުވެ، ލޭ އައިސް، ލޭގަނޑުވުންފަދަ ކަންކަން މެދުވެރި ވެއެވެ. މިއިން ކޮންމެ ކަމެއް ގުޅެނީ ލޭހޮޅިއެއްގެ ތެރެއިން ލޭ ދައުރުވުން ހަނިވެ، މަދުވެ، ނުވަތަ ހުއްޓިދާނޭ މަގަކުންނެވެ. މާނައަކީ ހިތުގެ ހިނގުމަށް ސީދާ ބުރުއަރާ، ހިތުގެ ބައްޔެއް ޖެހުމުގެ ފުރުސަތު ބޮޑުވާނެ މަގަކުން ކަމެވެ. އެހެންކަމުން ކޮލެސްޓްރޯލު ސިފަވެފައި ވަނީ އެއީ ހިތުގެ ދުޅަހެޔޮކަމަށް ހުރި ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ. އަދި ފުރާނައަށްވެސް ނުރައްކާވެދާނެ އެއްޗެއްގެ ގޮތުގައެވެ.
ކޮލެސްޓްރޯލު ހުރިތޯ ބެލުމަށް ހެދޭ ލޭގެ ތަހުލީލު ތަކުގައި ތިންވައްތަރެއްގެ ކޮލެސްތްރޯލެއްގެ ނަން އޮވެއެވެ. އެއީ ހައި ޑެންސިޓީ ލިޕޯޕްރޮޓީން (އެޗް.ޑީ.އެލް) އާއި ލޯ ޑެންސިޓީ ލިޕޯޕްރޮޓީން (އެލް.ޑީ.އެލް) އަދި ވެރީ ލޯ ޑެންސިޓީ ލިޕޯޕްރޮޓީން (ވީ.އެލް.ޑީ.އެލް) އެވެ. މި ތިން ވައްތަރު ކޮލެސްޓްރޯލުގައި ތަފާތު ތަކެއް ހުރެއެވެ.
އެޗް.ޑީ.އެލް އަކީ ރަނގަޅު ކޮލެސްޓްރޯލޭ ކީދާނެ ކޮލެސްޓްރޯލެކެވެ. އެހެނީ މި ކޮލެސްޓްރޯލަކީ ލޭގެ ތެރެއިން، ފުރަމެއާއި ދިމާލަށް ދަތުރުކުރާ ކޮލެސްޓްރޯލެވެ. މިގޮތަށް މި ކޮލެސްޓްރޯލުތައް ފުރަމެއާއި ދިމާލަށް ދަތުރުކުރާއިރު، ފުރަމެއިން މި ކޮލެސްޓްރޯލުތައް އަންދާލާ ވިރުވާލާ ނެތިކޮށްލައެވެ. އެހެން ކަމުން އެޗް.ޑީ.އެލް ކޮލެސްޓްރޯލުގެ ސަބަބުން ލޭހޮޅިތައް ބެދި ހަނި ވުމުގެ ފުރުސަތެއް ނޯންނާނެއެވެ.
އެލް.ޑީ.އެލް އަކީ ނުބައި ކޮލެސްޓްރޯލޭ ބުނެވިދާނެއެވެ. އެހެނީ މިއީ ލޭގެ ތެރެއިން ފުރަމެއާއި ދިމާލަށް ދަތުރުކުރާ ކޮލެސްޓްރޯލެއް ނޫނެވެ. މިއީ ލޭހޮޅިތަކުގެ ފާރުގައި ތަތްލާފައި ހުންނަ ކޮލެސްޓްރޯލެވެ. އެލް.ޑީ.އެލް ކޮލެސްޓްރޯލު ގިނަވާނަމަ، ލޭހޮޅިއެއް ބެދުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން މި ހާލަތުގައި ބަލިމީހާ ވަރަށްބޮޑު ސަމާލުކަމެއް ދޭން ވާނެއެވެ. ބޭސްކާނަމަ ގަވައިދުން ބޭސް ބޭނުން ކުރަން ވާނެއެވެ.
ވީ.އެލް.ޑީ.އެލް އަކީވެސް ނުބައި ކޮލެސްޓްރޯލެކޭ ބައެއް ޑަކްޓަރުން ބުނެއެވެ. އެހެނީ މިއީވެސް ލޭހޮޅިތަކުގައި ކޮލެސްޓްރޯލު ތަތްވުމަށް މަގުފަހި ކުރުވާ މާއްދާއެކެވެ. އެލް.ޑީ.އެލް އާއި ހިލާފަށް ވީ.އެލް.ޑީ.އެލް އަކީ ސީދާ ކޮލެސްޓްރޯލު އުފުލާ މާއްދާއެއް ނޫނެވެ. ވީ.އެލް.ޑީ.އެލް ގައި އުފުލަނީ ޓްރައިގްލެސަރައިޑްސް ނަމަކަށް ކިޔާ މާއްދާއެކެެވެ. މިއީ ކޮލެސްޓްރޯލަށް ނުވާ ސަރުބީގެ މާއްދާއެކެވެ. އާއްމުގޮތެއްގައި މި މާއްދާ މަތިވާނީ، އިންސާނާ ކާ ކެއުންތަކުގައި ސަރުބީ ނުވަތަ ތެލުގެ މާއްދާ ގިނަ ނަމައެވެ. ގިނަ ދުވަސްވަންދެން ވީ.އެލް.ޑީ.އެލް މަތިކޮށް ހުންނަ ނަމަ، ކޮލެސްޓްރޯލަށް ނުވާ މި ސަރުބީތައްވެސް، މަޑުމަޑުން ކޮލެސްޓްރޯލަށް ބަދަލުވެދެއެވެ.
ކޮލެސްޓްރޯލާ ބެހޭގޮތުން އަދިވެސް އެތައް ވާހަކައެއް ދެއްކިދާނެއެވެ. ނަމަވެސް މި ބަލާލެވުނީ ކޮލެސްޓްރޯލަކީ ކޮން އެއްޗެއް ކަމާއި އަދި ކޮލެސްޓްރޯލު ދެނެގަތުމަށް ހަދާ ލޭގެ ތަހުލީލުތަކުގައި ބަލާ ބައެއް މާއްދާތަކަކީ ކޮބާތޯއެވެ.
