68ވަނަ ހިޔުންޑާއީ ފިލްމްފެއާ އެވޯޑްސް ޙަފްލާ ބާއްވައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެރޭ މުމްބާއީގެ ބީ.ކޭ.ސީގައި ހުންނަ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ބޭއްވުނު މި ޙަފްލާ ހުށަހެޅީ ސުޕަރސްޓަރ ސަލްމާން ޚާނާއި އަޔޫޝްމަން ޚުރާނާ އަދި މަނީޝް ޕޯލްއެވެ.
އެގޮތުން 2022 ވަނަ އަހަރުގެ އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރި ފިލްމު "ގަންގޫބާއީ ކަތިއަވާޅީ"އެވެ. އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ މިފިލްމަށް ބޮކްސް އޮފީހުގައި ވެސް ނުހަނު ތަރުޙީބު ދިޔައީ ލިބެމުންނެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ 25ގައެވެ. މި މަޤާމަށް ނޮމިނޭޓްވި ފިލްމުތަކުގެ ތެރޭގައި "އޫނޗާއީ"އާއި "ދަ ކަޝްމީރް ފައިލްސް" އަދި "ބަދާއީ ދޯ"ގެ އިތުރުން "ބޫލް ބުލައިޔާ 2" ހިމެނެއެވެ. އައި.އެމް.ޑީ.ބީ ރޭޓިންގގެ 7.8/10ގައި އިން "ގަންގޫބާއީ ކަތިއަވާޅީ" މިހާރު ވެސް ނެޓްފްލިކްސް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
ދެން މި ބަލައިލަނީ އެންމެ މޮޅު އެކްޓަރުންނަށް ހޮވުނު ފަރާތްތަކަށެވެ. 2022ވަނަ އަހަރުގެ ލީޑިންގ ރޯލެއްގެ އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ހޮވިފައިވަނީ ހާޝްވަރްދަން ކުލްކާރްނީގެ ޑައިރެކްޝަން "ބަދާއީ ދޯ"ގެ ލީޑް އެކްޓަރު ރާޖްކުމާރް ރާއޯއެވެ. ރާޖްކުމާރް ލީޑުން ފެނިގެންދާ މި ފިލްމު 2022 ފެބްރުވަރީ 11ގައި ރިލީޒްކުރިއިރު މިއީ "ޖަންގްލީ ޕިކްޗަރޒް"ގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދިން ފިލްމެކެވެ. މި މަޤާމަށް ނޮމިނޭޓްވި ފަރާތްތަކުގެ ތެރޭގައި އަޖޭ ދޭވްގަންއާއި ރިތިކް ރޯޝަންގެ އިތުރުން އަމީތާބް ބަޗަން، އަދި ކާތިކް އާރްޔަން ވެސް ހިމެނުނެވެ. އައި.އެމް.ޑީ.ބީ ރޭޓިންގގެ 7/10ގައި އިން "ބަދާއީ ދޯ" ނެޓްފްލިކްސް މެދުވެރިކޮށް ބަލައިލެވޭނެއެވެ. "ބަދާއީ ދޯ"ވަނީ އެންމެ މޮޅު ވާހަކަ އަދި އެންމެ މޮޅު ސްކްރީންޕްލޭގެ މަޤާމަށް ވެސް ހޮވިފައެވެ.
މީގެ އަންހެން މަޤާމަށް ނުވަތަ 2022ވަނަ އަހަރުގެ ލީޑިންގ ރޯލެއްގެ އެންމެ މޮޅު އަންހެން އެކްޓަރަކަށް ހޮވުނީ "ގަންގޫބާއީ ކަތިއަވާޅީ"އިން ޢާލިއާ ބަޓެވެ.
ދެން މި ބަލައިލަނީ އެންމެ މޮޅު ޑައިރެކްޓަރުގެ މަޤާމް ލިބުނު ފަރާތަށެވެ. 2022ވަނަ އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ މަޤާމަށް ހޮވިފައިވަނީ 1989ވަނަ އަހަރު ކެރިއަރު ފެށި، "ގަންގޫބާއީ ކަތިއަވާޅީ"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއެވެ. ސަންޖޭ ވަނީ މިހާތަނަށް ޖުމްލަ 17 ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.
އެންމެ މޮޅު އެޑިޓިންގއަށް ހޮވުނު ފިލްމަކީ "އޭން އެކްޝަން ހީރޯ"އެވެ. އަނިރޫދް އިޔޭރް ޑައިރެކްޓްކުރި މި ފިލްމު އެޑިޓުކޮށްފައިވަނީ ނީނާދް ޚާނޯލްކަރެވެ. "އޭން އެކްޝަން ހީރޯ" ރިލީޒްކޮށްފައިވަނީ 2022 ޑިސެންބަރު 2ގައެވެ. މި މަޤާމަށް ނޮމިނޭޓްވި އެހެން ފަރާތްތަކުގެ ތެރޭގައި "ބޫލް ބުލައިޔާ 2" އެޑިޓުކުރި ބަންޓީ ނަގީއާއި "ބޭޅިޔާ" އެޑިޓުކުރި ސަންޔުކްތާ ކާޒާ، އަދި "ދަ ކަޝްމީރް ފައިލްސް" އެޑިޓްކުރި ޝާންޚް ރާޖްޔަދްޖަކްޝާގެ އިތުރުން "ދްރިޝްޔަމް 2" އެޑިޓްކުރި ސަންދީޕް ފްރާންސިސް ހިމެނެއެވެ.
ހަމައެހެންމެ އެންމެ މޮޅު ވިޜުއަލް އިފެކްޓްސްގެ ޝަރަފް ލިބުނު ފިލްމަކަށް ވެގެންދިޔައީ "ބްރަމަސްތުރާ: ޕާޓް 1 - ޝިވާ"އެވެ. އަޔާން މުކޭރްޖީ ޑައިރެކްޓްކުރި މި ފިލްމުގެ ވިޜުއަލް އިފެކްޓްސް އެޑިޓްކުރީ "ޑީނެގް ރީޑިފައިން"އިންނެވެ. މި މަޤާމަށް ނޮމިނޭޓްވި އެހެން ބައެއް ކުންފުނި ތަކުގެ ތެރޭގައި "ރެޑްޗިލީސް އެންޓަރޓެއިންމެންޓް" އާއި "އެމް.ޕީ.ސީ"ގެ އިތުރުން "އެސެމްބްލޭޖް އެންޓަރޓެއިންމެންޓް ޕްރައިވެޓް ލިމިޓެޑް" ހިމެނެއެވެ.
މީގެ އިތުރުން ވެސް މި ޙަފްލާގައި އެވޯޑް ލިބުނު ބައެއް ފަރާތްތައް ތިރީގައި އެވަނީއެވެ.
ބެސްޓް މިޔުޒިކް އަލްބަމް - ޕްރިތަމް (ބްރަމަސްތުރާ: ޕާޓް 1 - ޝިވާ)
ބެސްޓް ލިރިކްސް - ކޭސަރިޔާ (ބްރަމަސްތުރާ: ޕާޓް 1 - ޝިވާ)
ބެސްޓް ޕްލޭބެކް ސިންގަރ (ފިރިހެން) - އަރިޖީތު ސިންގ "ކޭސަރިޔާ" (ބްރަމަސްތުރާ: ޕާޓް 1- ޝިވާ)
ބެސްޓް ޕްލޭބެކް ސިންގަރ (އަންހެން) - ކަވީތާ ސޭތު "ރަންގީސަރީ" (ޖަގްޖަގް ޖީޔޯ)
ބެސްޓް ކޮސްޓިޔުމް - ޝީތަލް އިޤްބާލް ޝަރްމާ (ގަންގޫބާއީ ކަތިއަވާޅީ)
