ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ރިސޯޓްތަކާއި އަމިއްލަ ކުންފުނިތަކުގެ ގިނަ ވަޒީފާތަކަކުން މުވައްޒަފުން މަދުކޮށް ނުވަތަ މުސާރަ ނުދޭގޮތަށް ޗުއްޓީއަށް ފޮނުވަމުންދާ ދަނޑިވަޅެއްގައި، ސޮނޭވާ ޖާނީގެ ފަރާތުން ވަޒީފާގެ އާ ފުރުސަތު ތަކެއް ހުޅުވާލައިފިއެވެ.
ރާއްޖޭގެ އެންމެ ފެންވަރު މަތީ ރިސޯޓްތަކުގެ ކުރީގައި ގުނާލެވޭ ސޮނޭވާ ޖާނީއިން ވަނީ 85 ވަޒީފާގެ ފުރުސަތު ހުޅުވާލާފައެވެ. މީގެތެރޭގައި ހައުސްކީޕިންގެ ގެ 18 ވަޒީފާ، ބަޓްލަރުންގެ 16 ވަޒީފާ، ވޯޓަރސްޕޯޓްސް އަދި ބޯޓް ކުރޫގެ 2 ވަޒީފާގެ އިތުރުން ލައިފް ޓީމް، ރިޒަރވޭޝަންސް، ގިފްޓް ޝޮޕް، އެއަރޕޯޓް ހޮސްޓުން، އެފް އެން ބީ، އަދި އިންޖިނިއަރިންގެ ވަޒީފާތައް ހިމެނެއެވެ. މިހުރިހާ ވަޒީފާއަކަށް ވެސް ދިވެހިންނަށް އިސްކަން ދޭނެކަމަށް އެރިސޯޓުންވަނީ ހާމަކޮށްފައެވެ.
މި ހުޅުވާލެވުނު އާ ވަޒީފާތަކަކީ މި ރިސޯޓް އިތުރަށް ބޮޑު ކުރުމުން އުފެދިގެން ދިޔަ ވަޒީފާތަކެކެވެ. މިކަމާ ގުޅިގެން މިކުންފުނީގެ ސީ. އީ. އޯ ސޯނޫ ޝިވްދަސާނީ ހާމަ ކުރީ، "މިއަހަރަކީ ހުރިހާ ރާއްޖެއާއި ދުނިޔޭގެ ޓުރިޒަމްއަށް ބަނަ އަހަރެއް. މިދުވަސްވަރު ސޮނެވާ ޖާނީ އިން ސަތޭކައެއްހާ ވަޒީފާ ހުޅުވާލުމަކީ ލިބުނު ބޮޑު އުފަލެއް" ކަމަށެވެ.
ސޮނޭވާގެ މަޤްސަދަކީ މުވައްޒަފުންނަށް އެންމެ ރަގަޅު މެނޭޖްމަންޓް އޮންނަ ކުންފުނީގެ ގޮތުގައި ރާއްޖޭގައި ފާހަގަ ވެގެން ދިއުމެވެ. މިހާރުވެސް މި ކުންފުނީގެ ރިސޯޓްތަކުގައި މުވައްޒަފުންނަށް އިތުރު ތަމްރީން ދިނުމުގައާއި އަންހެން މުވައްޒަފުންނަށް ހަމަހަމަ ފުރުސަތާއި ވަޒީފާގެ މާހައުލުގައި ރައްކާތެރިކަން ދިނުމުގައި ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.
