އެންބީއޭގެ ފީނިކްސް ސަންސްގެ ސުޕަސްޓާރ ކެވިން ޑުރާންޓް (ކޭޑީ) އާއެކު ނައިކީ އިން ވަނީ އުމުރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް އެއްބަސްވެފަ އެވެ.

ޑުރާންޓް އާއި ނައިކީގެ ގުޅުން ފެށިގެން އައީ 2007 ވަނަ އަހަރު ސީއެޓްއެލް ސުޕަސޮނިކްސްގެ ރޫކީއެއްގެ ގޮތުގައި ކޭޑީ އެ ބްރޭންޑާ އެކު ސޮއިކުރި ދުވަސްވަރު އެވެ. އޭގެ ފަހުން، މިދިޔަ އަހަރުތަކުގައި މި ޕާޓްނަޝިޕްގެ ތެރެއިން 15 ސިގްނެޗާ ޝޫ ރިލީޒް ކޮށްފައިވާއިރު، 16 ވަނަ ބޫޓު ރިލީޒްކުރުމުގެ ތައްޔާރީތައް ދަނީ ކުރިއަށެވެ.

މި ޕާޓްނަޝިޕްގެ ތެރެއިން ނައިކީ އިން ވަނީ ގްރާސްރޫޓް ބާސްކެޓްބޯޅައިގައި ދިގު މުއްދަތެއް ވަންދެން އޮތް ޑުރާންޓްގެ ބައިވެރިވުމުގައި އެހީތެރިވެދީ، އަދި ޑުރާންޓް ފެމިލީ ފައުންޑޭޝަނާއި އޭނާގެ އީވައިބީއެލް ޕްރޮގްރާމް ކަމަށްވާ ޓީމް ޑުރާންޓް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ކޮމިއުނިޓީތަކުގެ ބާސްކެޓް ކޯޓުތަކުގެ ރީފާބިޝްމަންޓްތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ސަންސްގެ ފޯވާޑް ކެވިން ޑުރާންޓް ކުޅުނު މެޗެއްގެ ތެރެއިން. --

ނައިކީ އާއެކު ޑުރާންޓްގެ ވެވުނު ލައިފްޓައިމް ޕާޓްނަޝިޕްގެ ދަށުން ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ އުފެއްދުންތަކުގެ ތެރޭގައި ބޫޓާއި، އަންނައުނުގެ މުޅިން އައު ފަރުމާތަކެއް ހިމެނެއެވެ. އަދި މި ޑީލާއެކު ޑުރާންޓް ވަނީ މައިކަލް ޖޯޑަން އާއި ލެބްރޮން ޖޭމްސް އަށް ފަހު ނައިކީ އާއެކު ލައިފްޓައިމް އެއްބަސްވުމެއްގައި ސޮއިކުރި ބާސްކެޓްބޯޅައިގެ ތިންވަނަ އެތުލީޓުގެ ޝަރަފު ހޯދާފައެވެ.
“އަހަރެން އެންމެ ފުރަތަމަ ނައިކީ އަށް ސޮއިކުރިއިރު މި ޕާޓްނަޝިޕްގައި މިހާ ދުރަށް ދާނެ ކަމަށް ހީއެއް ނުކުރަން. އަހަރެމެން ވާނީ އުފެއްދުންތެރި، ޗެރިޓަބަލް އަދި އެހާމެ ފައިދާހުރި، އަޖައިބު ކުރުވަނިވި މަސައްކަތްތަކެއް ކޮށްފަ. ނައިކީ އާއެކު މިވަރުގެ ޑީލެއްގައި ސޮއިކުރުމަށް އެއްބަސްވެވުމަކީ ލިބުނު ޝަރަފެއްގެ ގޮތުގައި ދެކެނީ. އަދި މި ޑީލާއެކު މުސްތަގުބަލަށްޓަކައި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ،" ޑުރާންޓް ބުންޏެވެ.
ނައިކީގެ ގްލޯބަލް ސްޕޯޓްސް މާކެޓިންގެ އީވީޕީ ޖޯން ސްލަޝާ ބުނީ "ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ކެވިން ޑުރާންޓަކީ ފާއިތުވި 16 އަހަރު ނައިކީ އާއިލާގެ މުހިންމު ބައެއް. އުއްމީދަކީ އަންނަ އޮތް ޖީލުތަކުގެ އެތުލީޓުންނަށް ގުޅިގެން މުހިއްމު ކަންތައްތަކެއް ކޮށްދިނުން."