އިޓާލިއަން ސެރިއޭގައި މިރޭ ކުޅުނު މެޗުން ސަލަނިޓާނާއާ 1-1 އިން އެއްވަރުވެ، ނަޕޯލީ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން ކުރާ މަސައްކަތުގައި އިންތިޒާރުކުރަން ޖެހިއްޖެއެވެ.
މިރޭގެ މެޗުން މޮޅުވި ނަމަ ބާކީ ހަ މެޗު އޮއްވާ ނަޕޯލީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވުނީހެވެ. އެއީ، މިއަދު ހަވީރު ކުޅުނު މެޗުގައި ދެވަނައިގައި އޮތް ލާޒިއޯ ބަލިވުމުން ނަޕޯލީގެ މެޗުން މޮޅުވެ، ބާކީ ހުރި މެޗުތަކުން އެހެން ޓީމުތަކުން މޮޅުވި ނަމަވެސް އެ ޓީމަށް ވުރެ އިތުރަށް ޕޮއިންޓް ނުލިބޭނެތިއެވެ.
ނަޕޯލީ އަށް މިހާތަނަށް ކުޅުނު 32 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ. ލާޒިއޯ ދެވަނައިގައި އޮތީ 32 މެޗުން ލިބުނު 61 ޕޮއިންޓާއެކު އެވެ. ޔުވެންޓަސް އޮތީ 31 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތިންވަނައިގައެވެ. އިންޓަ އޮތީ 32 މެޗުން ލިބުނު 57 ޕޮއިންޓާއެކު ހަތަރެއްގައެވެ.
ޑިއޭގޯ އާމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 62 ވަނަ މިނެޓުގައި މަތިއަސް އޮލިވޭރާ ވައްދާލި ލަނޑުން ނަޕޯލީ މޮޅުވާން ދަނިކޮށް، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ސަލަނިޓާނާ އަށް އެއްވަރުކޮށްދިނީ ބުލާއެ ޑިއާ އެވެ. މި ގޯލާއެކު ލޫޝިއާނޯ ސްޕަލޭޓީގެ ނަޕޯލީން 33 އަހަރަށްފަހު ލީގު ތަށި ކާމިޔާބުކުރުމަށް ދެކެމުން އަންނަ ހުވަފެންތަކަށް އިތުރު އިންތިޒާރެއްކުރަން ވަނީ ޖެހިފައެވެ.
މިރޭގެ މެޗުން މޮޅުނުވެވި، ލިބުނު މާޔޫސްކަމާ އެކު ވެސް ސްޕަލޭޓީގެ ޓީމަށް ލީގު ތަށި ކަށަވަރުކުރަން ބާކީ އޮތް ހަ މެޗުން ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ. އެހެންކަމުން ލީގުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި އުދިނޭޒީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ނަޕޯލީ އަށް ލީގު ޗެމްޕިއަަންކަން ކަށަވަރުކުރެވޭނެ އެވެ.
މީގެއިތުރުން، މިވަގުތު ތާވަލްގެ ދެވަނައިގައި ލާޒިއޯ އާއި ތިންވަނައިގައި އޮތް ޔުވެންޓަސް އަށް ދެން އޮތް މެޗުތަކުން މޮޅުނުވެވިއްޖެނަމަ، ނަޕޯލީގެ މެޗު ކުޅުމުގެ ކުރީން އެ ޓީމަށް ޗެމްޕިއަންކަން ކަށަވަރުވެގެންދާނެ އެވެ.
