ބައެއްކަހަލަ ފޮނި ކާއެއްޗެހި އަހަރެމެން ތައްޔާރު ކުރާއިރު، އެ ތަކެތީގައި ރީތި ކުލައެއް ހުރުމަށް ލޯބި ކުރަމުއެވެ. އެގޮތުން ކާއެއްޗެއްސަށް ތަފާތު ކުލަތައް ގެނައުމަށް އާޓިފިޝަލް ފުޑް ކަލަރިންސް އޭ ކިޔާ ކުލައިގެ ތާސީރުތަކެއް އަޅައެވެ. މިގޮތަށް ކާއެއްޗެހީގައި ކުލަ ޖައްސުވާއިރު، އެކުލަ ޖައްސުވަން އަޅާ އެއްވެސް އެއްޗެއް ގިނައިން އަޅަން ނުހަދާށެވެ. ފަހަރުގައި އެކަމުގައި ނުބައި މަގަކުން ކަމެއް ހިނގުން ގާތެވެ.
އާޓިފިޝަލް ފުޑް ކަލަރިންގްސް އަކީ ކެއުމަށް ނުވަތަ ކެއުމަށް ބޭނުންކުރާ ތަކެއްޗަށް އެޅުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ކެވޭގޮތަށް މި ކުލަތައް ތައްޔާރުކޮށްފައި ހުރިނަމަވެސް މިއީ އޭގެ ސަބަބުން ގެއްލުންތަކެއްވެސް ކުރިމަތިވެދާނެ އެއްޗެކެވެ.
ބައެއް ތުއްތު ކުދިންނަށް ކާ ކުލައިގައި ހުންނަ ބައެއް މާއްދާތަކުގެ ސަބަބުން ހައިޕާސެންސިޓިވިޓީ އޭ ކިޔާ އުނދަގޫތަކެއް ކުރިމަތިވެދާނެއެވެ. އަދި ބައެއްފަހަރަށް އެލާޖިކުވުންފަދަ މައްސަލަތައް ކުރިމަތިވެއެވެ. އެހެންކަމުން ތުއްތު ކުދިންނަށް، އަދި ހާއްސަކޮށް އަލަށް ކާން ޖައްސާ ކުދިންނަށް ކާ ކުލަ އަޅާފަައި ހުންނަ އެއްވެސް އެއްޗެއް ދޭނަމަ، އެއްފަހަރާ އެހާ ގިނައިން ނުދޭށެވެ. އަދި އެކުދިންނަށް ކެވޭނޭހެން ތައްޔާރު ކުރާނަމަ، ކުލަ އަޅާ މިންވަރު މަދުކޮށްލާށެވެ.
ދުނިޔޭގެ އެކި ބާޒާރުތަކުގައި ތަފާތު އެކި ވައްތަރުގެ ކާ ކުލަ ހުންނަ އިރު، އެމެރިކާގެ ފުޑް އެންޑް ސޭފްޓީ އިންސްޓިޓިއުޓުން ހެދި ދިރާސާއެއްގައި އެ ގައުމުގައި ބޭނުން ކުރާ ކާ ކުލައިގެ ބާވަތްތަކުގެ ތެރެއިން 18 ވައްތަރެއްގެ ކާ ކުލައިގައި، ކާބަން ގެ މާއްދާ ވަނީ ފެނިފައެވެ. މިއީ އިންސާނުންގެ ސިއްހަތަށް ގެއްލުން ހުރި، އަދި ކެންސަރަށްވެސް މަގުފަހި ކުރުވާ މާއްދާއެކެވެ.
ހެދިބޮޑުވަމުން އަންނަ ތުއްތު ކުދިންނަށް، މާ ގިނައިން ކާ ކުލަ، ކާން ދެވޭނަމަ، އެކުދިންގެ ހެދިބޮޑުވުމުގައި ނިއުރޮލޮޖިކަލް ގޮތުން ލަސްކަމެއް ނުވަތަ އުނިކަމެއް އަތުވެދާނެއެވެ. މިހެން މިކަން ހިނގަން މެދުވެރިވަނީ ކާ ކުލައިގައި ހުންނަ ވިހަކަން ކަނޑުވަން އެއަށް އަޅާފައި ހުންނަ މާއްދާތަކުގެ ސަބަބުންނެވެ. ޖުމުލަކޮށް އެއީ ހައްތަހާވެސް ކެމިކަލެވެ. ތަފާތު އެކި ގޮތްގޮތަށް ފަރުނާކޮށް ނިއުޓްރަލައިޒް ކޮށްފައި ހުންނަ، ކެއުމުން އިންސާނާއަށް ސީދާ ގެއްލުން ނުކުރާ ކެމިކަލް ތަކެވެ.
ކެއުމަށް ބޭނުން ކުރެވޭ ގޮތަށް ކާ ކުލަ ނުވަތަ އާޓިފިޝަލް ފުޑް ކަލަރިންސް އުފައްދާފައި ހުއްޓެއް ކަމަކު، އެއީ މާ ގިނައިން ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ. ހިތްހަމަ ޖައްސާލާ ސުފުރާމަތި ފަޅުފިލުވާލަން ތަފާތު ކުލަތައް ގިނަ ކުރިނަމަވެސް، އާދަވެ ކާ ކުލަ އަޅައިގެން، ނުވަގަ ގިނައިން ކާ ކުލަ އަޅައިގެން ކާ އެއްޗެހި ތައްޔާރު ކުރަން ނުހަދާށެވެ. ދުޅަހެޔޮ، ހަށިހެޔޮ ސިއްހަތަކަށް އަހަރެމެން އެންމެންވެސް ލޯބިކުރަންވާނެއެވެ.
ހަވާލާ: ކެއިލާ - ޖާނަލް އޮކް ފޫޑް ސައިންސް އެންޑް ޓެކްނޮލޮޖީ - 2015
