ބުންޑެސްލީގާގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން ބޮކުމްއާ 1-1 އިން އެއްވަރުވުމުގެ ފައިދާނަގައި، ހާތާ ބާލިން 2-0 އިން ބަލިކޮށް ބަޔާން މިއުނިކުން ލީގުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ލީގުގެ އެއްވަނައިގައި ބަޔާން އޮތީ 30 މެޗުން ލިބިފައިވާ 62 ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ޑޯޓްމަންޑް އޮތްއިރު، ޔޫނިއަން ބާލިން އޮތީ 30 މެޗުން ލިބުނު 56 ޕޮއިންޓާއެކު ތިންވަނައިގައެވެ. ފްރެއިބާގަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޔޫނިއަން ބާލިން އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
އެލިއާންޒް އެރީނާގައި މިރޭ ކުޅުނު މި މެޗު ފެށިގެން ކުރީކޮޅު ހާތާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުގެ ނިޑަލެޗްނާ އާއި ލުކެބަކިއޯ ވަނީ ބަޔާންގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. މި ހާފުގައި ބަޔާން އަށް ލިބުނު އެންމެ ރަނގަޅު ދެ ފުރުޞަތުގައި ކިންގްސްލީ ކޯމަން އާއި ސާޖް ނެބްރީ ފޮނުވާލި ހަމަލާތައް ހާތާގެ ގޯލްކީޕަރު އޮލިވާ ކްރިސްޓެންސަން މަތަކުރިއެވެ.
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ދެވަނަ ހާފު ފެށިއިރު ލެރޯއީ ސާނޭ ކުޅެން ނެރެފައެވެ. އެ ޓީމަށް މި ހާފުގެ ކުރީކޮޅު ސެޓްޕީސްތަކުން ލިބުނު ފުރުޞަތުތަކުގައި ނެދަލެންޑްސްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް އަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ.
މި މެޗުގައި ބަޔާނުން ޖެހި ފުރަތަމަ ލަނޑު، 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނެބްރީ އެވެ. އެ ޓީމުގެ ކެޕްޓަން ޖޯޝުއާ ކިމިޗް ނެގި ހުރަހަކުން ލިބުނު މި ބޯޅަ ނެބްރީ ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ. އޭގެފަހުން، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ބަޔާންގެ ދެވަނަ ލަނޑުޖެހީ ކޯމަން އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ކިމިޗް އެވެ.
