އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީން 2-1 ގެ ނަތީޖާއަކުން ފުލަމް އަތުން މޮޅުވެ ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، ގަދަ ހަތަރެއްގެ ރޭހުގައި އުޅޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑުން މުހިއްމު މޮޅެއް ހޯދައިފިއެވެ.
ސިޓީ އެއްވަނައިގައި އޮތީ 32 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު އިތުރަށް ކުޅެގެން އޭގެ އެއް ޕޮއިންޓް ފަހަތުން އާސެނަލް އޮތީ ދެވަނައިގައެވެ. ތިންވަނައިގައި ނިއުކާސަލް ޔުނައިޓެޑް އޮތީ 33 މެޗުން ލިބުނު 65 ޕޮއިންޓާއެކު އެވެ.
ފުލަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ސިޓީން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ސިޓީގެ ހޫލިއަން އަލްވަރޭޒް އަށް ފުލަމްގެ ޓިމް ރީމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި ގޯލާއެކު ހާލަންޑް މުޅި ސީޒަނުގައި މިހާތަނަށް ޖެހި ލަނޑުގެ އަދަދު ވަނީ 50 އަށް އަރާފައެވެ. އަދި މީގެތެރެއިން، ލީގުގައި 34 ލަނޑުޖެހިއިރު، މިއީ ޕްރިމިއާ ލީގުގެ 42 މެޗުގެ ސީޒަނެއްގެ ވެސް ރެކޯޑަކާ އެއްވަރުގެ އަދަދެކެވެ. ލީގުގައި އަދި ކުރިއަށް މެޗުތަކެއް ހުރުމާއެކު ހާލަންޑަށް އެ ރެކޯޑް މުގުރާލުމުގެ ފުރުޞަތު އެބައޮތެވެ.
ފުލަމް އިން އެއްވަރުކުރި ލަނޑު، 15 ވަނަ މިނެޓުގައި ކާލޯސް ވިނީޝިއަސް އެވެ. އޭނާ މި ލަނޑުޖެހީ ހެރީ ވިލްސަން ބޮލުން ޖައްސާލި ޕާހަކުންނެވެ. އޭގެފަހުން، ސިޓީން އަލުން ލީޑްނަގަން ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުގެ އިނގިރޭސި ވިންގް، ޖެކް ގްރީލިޝް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ސިޓީ މޮޅުވި ލަނޑުޖެހީ އަލްވަރޭޒް އެވެ. މިއީ ގޯލާއި 25 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން އަލްވަރޭޒް ކާމިޔާބުކުރި ރީތި ގޯލެކެވެ.
ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން 1-0 އިން އެސްޓަން ވިލާ ބަލިކުރިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑުޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. މި މެޗުން ހޯދީ މޮޅާއެކު ޔުނައިޓެޑް ވަނީ 32 މެޗުން 63 ޕޮއިންޓާއެކު އެވެ.
އެންފީލްޑްގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ލިވަޕޫލް ކުޅުނު ފޯރިގަދަ މެޗުން އެ ޓީމު މޮޅުވީ 4-3 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ކާޓިސް ޖޯންސް އާއި ލުއިސް ޑިއާޒް އަދި މުހައްމަދު ސަލާހުގެ ލަނޑުތަކުން ލިވަޕޫލުން ތިން ލަނޑުގެ ލީޑެއްނަގާފައިވަނިކޮށް، މި ހާފު ނިމުމުގެ ކުރީން ހެރީ ކޭން ވަނީ ޓޮޓެންހަމަށް ފަރަގު ކުޑަކޮށްދީފައެވެ.
ފަހު ހާފުގައި ޓޮޓެންހަމުން ވަނީ އިތުރު ދެ ލަނޑުޖަހައި ނަތީޖާ 3-3 އަށް ބަދަލުކޮށްލާފައެވެ. އެ ޓީމަށް މި ދެ ލަނޑުޖަހައިދިނީ ސޮން ހެއުން-މިން އާއި ރިޗާލިސަން އެވެ. ޓޮޓެންހަމް އެއްވަރުކުރި ލަނޑަކީ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ރިޗާލިސަން ޖެހި ގޯލެކެވެ. މި ގޯލްޖެހިތާ މިނެޓެއްގެތެރޭގައި ލިވަޕޫލް މޮޅުވި ލަނޑުޖެހީ ޑިއޯގޯ ޔޮޓާ އެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއުކާސަލް އިން ވަނީ ފަހަތުން އަރައި 3-1 އިން ސައުތެމްޓަން ބަލިކޮށްފައެވެ. ބޯންމައުތުގެ ދަނޑުގައި އެ ޓީމުން ވަނީ 4-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ.
