ދުނިޔޭގެ 195 ގައުމުގެ ތެރެއިން ކޮންމެ ގައުމެއް އަނެއް ގައުމާ ވަރަށް ބޮޑަށް ތަފާތެވެ. ކޮންމެ ގައުމެއްގެ އާދަކާދައާއި، ސަގާފާތާއި، ގާނޫނާއި ގަވާއިދުތައްވެސް ތަފާތެވެ. މިއަދު ބަލާލަނީ ގައުމުތަކުގައި ހިނގާ އެހެން ނަމަވެސް އެއީ ކީއްވެގެން ކުރާކަމެއްކަން ވިސްނައިގަންނަން އުނދަގޫ އަދި ގަބޫލުކުރަން ދަތި ބައެއް ސަގާފަތްތަކަށެވެ.
-
މަރުވެފައިވާ މީހުނާއެކު ދިރިއުޅުން - އިންޑޮނޭޝީޔާ

އާދަޔާ ޚިލާފްކަންކަމުގެ ވާހަކަ ދައްކާނަމަ މަރުވެފައިވާ މީހުނާއެކު ދިރިއުޅުމަށްވުރެ އާދަޔާ ޚިލާފް ކަމެއް ފެންނާނެބާއެވެ. އިންޑޮނޭޝީޔާގެ ސުލަވެސީ ސަރަޙައްދުގައި ދިރިއުޅޭ ޓޮރާޖާ މީހުންގެ ތެރެއިން މީހަކު މަރުވެއްޖެ ނަމަ ވަޅުލުމުގެ ބަދަލުގައި އެއީ ބަލިމީހެއް ކަމަށްބަލައިގެން އެތައް މަހަކު އަދި ބައެއް ފަހަރު އެތައް އަހަރަކު އާއިލާގެ ކައިރީގައި ގެންގުޅެއެވެ. މަރުވުމަށްފަހުވެސް ކެއިން ބުއިމުގެ އިތުރުން ސިގިރެޓާއި މޮބައިލް ފޯނު ފަދަ ތަކެތި ކޮންމެ ދުވަހަކުމެ އެމީހުންގެ ކާރިއަށް ގެންދެއެވެ. މިގޮތަށް މީހަކު މަރުވުމުން އެމީހާ ބޭއްވޭނީ ގޭގެ އެންމެ ދެކުނު ކަނުގައި ހުންނަ ކޮޓަރީގައެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އޭގެ ސަބަބުން އެ އާއިލާއަށް ރަގަޅު ގޮތް މެދުވެރިވާނެއެވެ.
-
ރާމާމަކުނަށް ޖާފަތްދިނުން – ތައިލެންޑް

ތައިލެންޑްގެ ލޮޕްބެރީ ގެ މީހުންނަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ރާމާމަކުނު ތަކަށް މޭވާއާއި ތަރުކާރީގެ ޖާފަތް އަރުވާ ބައެކެވެ. އެމީހުން ފާހަގަކުރާ މި ސަގާފަތުގައި 2000 އަށްވުރެ ގިނަ ރާމާމަކުނު އައިސް އެތަނުގައި ބެހެއްޓިފައިވާ 3000 ކިލޯއަށްވުރެ ގިނަ ކާ އެއްޗެހި ކައެވެ.
-
ހަމުގައި ކަނޑާ ނަގައިގެން ލަކުނު ލެއްވުން – އެފްރިކާ

އެފްރިކާގެ ގަބީލާތަކުގެ ކުދިން އަދި މީހުންގެ ގައިގައި ކަނޑާ ނަގައިގެން އެކި ޑިޒައިނަށް ލަކުނު ލެއްވުމަކީ އެ ގައުމުގެ އެންމެ ގަދީމީ އެއް ސަގާފަތެވެ. ބައެއް ގަބީލާތަކުގައި ކުދިން ވިހެއުމާއިއެކު މިގޮތަށް ހަމުގައި ތިލަކޮށް ކަނޑާ ނަގައެވެ. ސޫދާން އަދި އިތިއޯޕިޔާގައި އަންހެނުންވެސް އެމީހުންގެ ޙަޔާތުގެ އެކި ދުވަސްވަރު މިހެން ހަމުގައި އެކި ފަރުމާއަށް ލަކުނު ލައްވަން ޖެހެއެވެ. މިގޮތަށް ހުންނަ ލަކުނު ރަމްޒުކޮށްދެނީ މީހާގެ އުމުރާއި، މުޖުތަމަޢުގައި އެމީހާގެ ގަދަރާއި ހިތްވަރެވެ.
-
ފައިތިލަ ބަނުން – ޗައިނާ

އެތައް ހާސް އަހަރަކުންފެށިގެން މިއަދާހަމައަސްވެސް ޗައިނާގެ އަންހެނުންގެ ރީތިކަން ވަޒަން ކުރުމުގައި ފައިތިލައިގެ ސައިޒަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ފައިތިލަ ކުޑަވީ ވަރަކަށް އަންހެނުން ރީތިކަމަށް ބެލެވެއެވެ. އެހެންކަމުން އަންހެންކުދިން ބޮޑުވަމުން އަންނައިރު ބާރަށް ބެންޑޭޖް އޮޅައިގެން ފައިތިލަ އެތެރެއަށް ވާގޮތަށް ލަންބާލައެވެ. އާދައިގެ ފައިތިލަ އެއް މިހެން ހަދައިގެން 3 އިންޗިއަށް ކުޑަކޮށްލައެވެ. މިކަމުގެ ތެރޭގައި ފައިތިލައިގެ ކަށިތައް ބިނދުމަކީ އާންމުކަމެކެވެ. ބަނދެފައި ހުންނައިރު ނާރުތަކަށް ބާރުވުމުގެ ސަބަބުން ލޭގަނޑުވެ އެއްކޮށް ވާގި ނެގޭގޮތްވެސް ވެއެވެ.
-
ހަރުފަ އަށް އަޅުކަންކުރުން – އިންޑިޔާ

ހަރުފަ އަޅާފުރިފައިވާ ޓައްޕެއް ބޮލަށް ލައިގެން ނަށަން ކެރޭނެ ހެއްޔެވެ؟ މި މަންޒަރު ބަލަން ކެރޭނެ މީހުންވެސް މަދުވާނެއެވެ. ނަމަވެސް އަވަށްޓެރި އިންޑިޔާގެ މަހާރަޝްޓްރާގެ ރަށްފުށު ހިސާބުގައި މި ނުރައްކާތެރި ޢަމަލު ސަގާފަތެއްގެ ގޮތުގައި ކުރިއަށް ގެންދެއެވެ. "ނާގް ޕަންޗްމީ" ގެ ގޮތުގައި ފާހަގަ ކުރާ މި ފެސްޓިވަލުގައި ހަރުފާ އަޅާފައިވާ ކުދި ރުނބާފަދަ ތަކެތި ބޮލަށް ލައިގެން ފައްޅިއަށް ހިނގާފައި ދެއެވެ. ހަރުއަޑުން އެމީހުންގެ އަޅުކަމުގެ ގޮވެލި ފައްޗެއް ގޮވަމުންނެވެ. ފައްޅިއަށް ގޮސް ހަރުފަތަކަށް އަޅުކަން ކުރުމަށްފަހު އެއަށް ކިރާއި އެހެނިހެން މޭވާ ދިނުމަށްފަހު ދޫކޮށްލައެވެ. މިގޮތަށް ގެނެވޭ ހަރުފައިގެ ތެރޭގައި އެންމެ ވިހަ ގަދަ ބާވަތްތަކުގެ ހަރުފަވެސް ހިމެނެއެވެ.
-
ކަރު ދިގުކުރުން – މިޔަންމާ

އޭޝިޔާ އަދި އެފްރިކާގެ ގައުމުތަކުގައިވެސް ރަންވަންލޮއިން ހަދާފައިވާ ބުރުތަކެއް އަޅުވައިގެން އަންހެނުންގެ ކަރު ދިގުކުރުމަކީ ސަގާފަތެއްގެ ގޮތުގައި ދެކިގެން ކުރެވޭ ކަމެކެވެ. މިޔަންމާގެ ކާޔާން ގަބީލާއަށް ނިސްބަތްވާ ކުޑަކުދިންގެ އުމުރުން ދެ އަހަރު ވުމާއި އެކު މިގޮތަށް ރިންގް އަޅުވައެވެ. އެމީހުންގެ ތެރޭގައި ކަރު ދިގުވުމަކީ ރީތި ސިފައެއް ކަމުގައި ވަނީ ބެލެވިފައެވެ. އެފްރިކާގެ ބައެއް ގައުމުތަކުގައި މިގޮތަށް ރިންގް އަޅުވަނީ އެމީހުންނަކީ ހަސަބާއި ނަސަބުގެ ގޮތުން މަތީ ބައެއްކަން ދެއްކުމަށެވެ.
-
ތުންފަތް ތޮރުފައިގެން ފޮތި ލެއްވުން – އިތިއޯޕިޔާ

އިތިއޯޕިޔާގެ މުރްސީ ގަބީލާއަށް ނިސްބަތްވާ އަންހެންނަށް ބަލައިލައިފި ނަމަ އެންމެ ފާހަގަ ކުރެވޭނެ އެއް ކަމަކީ އެމީހުންގެ ތިރީ ތުންފަތުން ބޮޑު ލޯވަޅެއް ތޮރުފައިގެން އެތަނަށް މުށިން ހަދާފައިވާ ތުނި ފޮއްޗެއް ލައްވައިގެން ތުންފަތް ބޮޑުކޮށްފައިވާ ކަމެވެ. މި އާދަޔާ ޚިލާފް ސަގާފަތް މުރްސީ އަންހެނުންގެ އިތުރުން ޗައި އަދި ތިރްމާ ގަމީލާގެ މީހުންގެ ފަރާތުންވެސް ފެނެއެވެ. މުރްސީ އަންހެންކުދިންގެ އުމުރުން 15، 16 އަހަރުވުމާއި އެކު ތިރީ ތުންފަތް ތޮރުފާނެއެވެ. މިތަން ފަސޭހަވާން 4-3 މަސް ނަގައެވެ. މިކަމަކީ އަންހެނުންގެ ހިތްވަރާއި ކެތްތެރިކަން އަދި އަމިއްލަ ނަފްސުގެ އަގުވަޒަން ކުރާވަރު ދައްކައިދޭ އަމަލެކެވެ.
