މިދިޔަ 5 މަހެއްހާ ދުވަސްތެރޭގައި އިންޑިޔާގެ މީޑިޔާތަކުން ނޫސްވެރިއެއްގެ ގޮތުގައި އެންމެ ގިނަމީހުން ބެލި މީހަކީ ރިޕަބްލިކް ނެޓްވޯކްގެ އެޑިޓަރ އިން ޗީފް އަރްނަބް ގޯސްވާމީއެވެ. އަރްނަބް އަކީ އިންވެސްޓިގޭޓިވް ޖަރނަލިޒަމްގައި ފާހަގަ ކުރެވޭ ނޫސްވެރިއެކެވެ. އޭނާގެ 29 އަހަރުގެ ދިގު ކެރިއަރުގައި އިންޑިޔާގެ ބޮޑެތި އެތައް މައްސަލަތަކެއްގައި ފޮރުވިފައިވާ ހަގީގަތްވަނީ މީޑިޔާގައި ތިލަކޮށްފައެވެ. މީގެތެރޭގައި ސަރުކާރުގެ ބޮޑެތި ޚިޔާނާތުން ފެށިގެން މަރުގެ މައްސަލަތައް ހިމެނެއެވެ.
އަރްނަބްއަކީ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރަކީ އަމިއްލައަށް ވީ މަރެއް ނޫންކަމާއި އެކަމުގައި އެހެން ފަރާތްތަކެއްގެ ބައިވެރިވުންވާކަމަށް ބުނެ މީޑިޔާގައި އެންމެ ގަދައަށް އަޑުއުފުލާ މީހާއެވެ. މި މައްސަލައާ ގުޅޭގޮތުން މުމްބައި ފުލުހުން ސިއްރުކުރި ކިތަންމެ ކަމެއް އަރްބަންވަނީ ފަޅާއަރުވާލާފައެވެ. މިއަދު ސުޝާންތުގެ މަރުގެ މައްސަލަ ސީ.ބީ.އައި އިން ތަހުގީގު ކުރުމާއި ދިޝާ ސާލިއާންގެ މަރުގެ މައްސަލައަލުން ބަލަން ފެށުމުގައި މީޑިޔާއަކުން އެންމެ ބޮޑު ޕްރެޝަރ އެއް ދީފައިވަނީވެސް އަރްނަބްކަން އިންޑިޔާގެ ރައްޔިތުން ގަބޫލު ކުރެއެވެ. ނަމަވެސް ސުޝާންތުގެ މަރުގެ ތަހުގީގު ހުޅުވިގެންދިޔަ އިރު މި މައްސަލައިގައި ސަރުކާރުގެ އިސްފަރާތްތަކެއްގެ އާއިލާގެ މެމްބަރުންގެ ބައިވެރިވުން އޮތްކަމަށް ވަނީ ޝައްކު ކުރެވިފައެވެ. އެހެންކަމުން މުމްބާއި ސަރުކާރާއި ފުލުހުން ވެގެން އަރްނަބް ހައްޔަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިކަމުގެ ތެރޭގައި އަރްނަބްގެ މަޤްބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވެ އޭނާގެ ޓީ.ވީ ޗެނަލް އިންޑިޔާގެ އެންމެ މަޤްބޫލު އަދި އެންމެ ގިނަ މީހުން ބަލާ ޗެނަލް އަށް ވިއެވެ. މި ދުވަސްވަރާ ދިމާކޮށް އިންޑިޔާގެ ޓީ.ވީ ޗެނަލްތަކުގެ ރޭޓިންގ ދޭ ކުންފުނީގެ ފަރާތުން ވަނީ ބައެއް ޓީ.ވީ ޗެނަލް ތަކުން ރޭޓިންގ މަތިކުރުމަށް މަކަރު ހަދާފައިކަމަށް ބުނެ ރިޕޯޓެއް ފުލުހަށް ހުށައަޅާފައެވެ. މި ރިޕޯޓްގައި އަރްނަބްގެ ޓީވީ ޗެނަލްގެ ނަން އޮތްކަމަށް ބުނެ މުމްބައި ފުލުހުންވަނީ ނޫސްވެރިންނަށް މަޢުލޫމާތު ދީފައެވެ. ނަމަވެސް މިކަމުގެ ލިޔުންތައް ފެންމަތިވިއިރު މިކަމުގައި އަރްނަބްގެ ޓީ.ވީ ޗެނަލްގެ ނަން ވެސް އައިސްފައި ނުވާކަން ވަނީ ހާމަވެފައެވެ.
އޭގެފަހުން ވެސް އެކިއެކި ކަންކަމާ ގުޅިގެން ރިޕަބްލިކް ޓީ.ވީގެ ނޫސްވެރިންނާ ރިޕޯޓަރުން އެކިފަހަރު މަތިންވަނީ ހައްޔަރުކޮށްފައެވެ. އެވަރުންވެސް ސީދާ އަރްނަބް ހައްޔަރު ނުކުރެވުމުން މުމްބައި ފުލުހަށް ފެނުނީ އަރްނަބްގެ ނަން އައިސްފައިވާ މައްސަލައެކެވެ. މިއީ 2018 ވަނައަހަރު މީހަކު އަމިއްލައަށް މަރުވި މައްސަލައެކެވެ. މި މައްސަލައިގައި އެމީހާވަނީ އެމީހާއަށް ލިބެން ޖެހޭ 50 މިލިއަން ރުޕީސް އަށް ޒިންމާވާން ޖެހޭ 3 މީހުންގެ ތެރޭގައި އަރްނަބް ގެ ނަންވެސް ހިމަނާފައިވެއެވެ. ނަމަވެސް މިއީ ކޯޓުން ނިމިފައިވާ މައްސަލައެކެވެ. ކޯޓުން ނިމޭ މައްސަލައެއް އަލުން ބަލަން ފެށޭނީ ކޯޓުއަމުރެއްގެ ދަށުންނެވެ. ނަމަވެސް ކޯޓަށް އެނގުމަކާ ނުލާ އިއްޔެ ފުލުހުންވަނީ އަރްނަބް ހައްޔަރުކޮށްފައެވެ. ހެނދުނު 6 ޖެހިއިރު ފުލުހުން އެގެއަށް ވަދެ އަރްނަބް އަށް ޖިސްމާނީ އަނިޔާދިން ކަން ފެންނަ ވީޑިއޯތައް މީޑިޔާގައި ވަނީ އާންމުވެފައެވެ.
އަރްނަބް އަކީ ސީނިއަރ ނޫސްވެރިއެއްގެ އިތުރުން ޓީ.ވީ ޗެނަލެއްގެ ވެރިއެކެވެ. ހައްޔަރުކުރުމަށްފަހު ރޭ އަރްނަބް ބަހައްޓާފައި ހުރީ ކޮވިޑް ސެންޓަރެއްގެ ގޮތަށް ބޭނުން ކުރުމަށް އިންތިޒާމްކޮށްފައިވާ ސްކޫލެއްގައެވެ.
ކޯޓުންވަނީ އަރްނަބް އަދި މި މައްސަލައިގައި ހިމެނޭ އަނެއް ދެމީހުން 14 ދުވަހު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. އަރްނަބް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވާ މައްސަލައިގެ އަޑުއެހުން މިއަދު އޮންނާނެއެވެ. އަރްނަބް ހައްޔަރު ކުރުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ގިނަ މީޑިޔާތަކެއްގެ އިތުރުން އިންޑިޔާގެ ގިނަ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
