ޕްލާސްޓިކް ކޮތަޅަށް އަގުނަގާ ގޮތަށް ހަމަޖެހުމާއިއެކު އެއްކޮތަޅެއްގައި ގަންނަ ތަކެތި ގިނަބަޔަކު އުފުލައެވެ.

އެހެންކަމުން ޑރ މުހައްމަދު އަލީ ވިދާޅުވެފައިވަނީ ހުރިހާ އެއްޗެއް އެއްކޮތަޅަކަށް އަޅަމުންގޮސް ބިހާއި އެހެނިހެން ކާބޯތަކެތި އެއްކޮތަޅަކަށް އެޅުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ.

ރޯބިހުގެ ބޭރަކީ އެކިބާވަތުގެ ޖަރާސީމު އެކުލެވޭ އެއްޗެކެވެ.

ބައެއްފަހަރު ރޯބިހުގެ ބޭރުގައި ހުންނަ މިފަދަ ޖަރާސީމު އެހެނިހެން ކާބޯތަކެއްޗާއި އެކުވުމުން ނުރައްކާތެރި ޖަރާސީމު ކާބޯތަކެތީގައި ހޭކި، ބޭރަށް ހިންގުންފަދަ ކަންކަން ކުރިމަތިވާކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.

ޖަރާސީމް ފިލުވާލުމުގެ ބޭނުންމުގައި ބިހުގެ ބޭރު ސައިބޯނިން ދޮވުމުންވެސް ކަމަކުނުދާނެ ކަމަށާއި އެހެންކަންތައްކުރުމުން ބިހުގެ ތޮށިގަނޑުގައި ހުންނަ ކުދިކުދި ވިދުތައް ބޮޑަށް ހުޅުވި ބޭރުގައި ހުންނަ ޖަރާސީމު ބިހުގެ އެތެރެއަށް ވަނުމަށް މަގުފަހިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ބިސްގަންނައިރުގައި ބޭރު ރީތިކޮށް ހުންނަ ބިސްގަތުމަށް ސަމާލުކަންދިނުމަށް ޑޮކްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.