ނޭވާހިއްލުމުގެ ބަލި ނުވަތަ އަސްތްމާ އަކީ ވަރަށްގިނަ މީހުން ތަހައްމަލު ކުރާ ބައްޔެކެވެ. ނޭވާހިއްލުމަކީ އެކި ދަރަޖަ ދަރަޖައިގައި އިންސާނާއަށް ކުރިމަތިވާ ކަމެއް ނަމަވެސް އެކަމުގެ މަތީ ދަރަޖަތަކުގައި މިއީ ވޭނާ ތުރާ ބޮޑު ކަމެކެވެ. އެކަމުގެ ވޭން އުފުލާ މީހާއަށް މަރުގެ އިހުސާސް ކުރެވިދާއިރު، މަންޒަރު ދެކޭ މީހުންނަށްވެސް ބިރުވެރި އިހުސާސްތަކެއް ކުރުވާ ކަމެކެވެ. ނަމަވެސް ކުޑަކޮށް ނޭވާހިއްލާނަމަ، އަދި އެކަމުގައި މާ ބިރުވެރި މަންޒަރުތަކެއް ނުފެނިދާނެއެވެ.
ނޭވާހިއްލުމުން އިންސާނާގެ ހަށިގަނޑަށް އެ ވަނީ ކޮންކަހަލަ ގޮތްތަކެއް ހެއްޔެވެ؟ ނޭވާހިއްލާ މީހެއް ނަމަ އޭނާގެ ނޭވާލާ ނިޒާމު ވަރަށް ނާޒުކު ވާނެއެވެ. ވަރަށްގިނަ ތަކެއްޗަށް ކުއްލި އަވަސް ރައްދު ތަކެއް އެ ނިޒާމުން ދޭނެއެވެ. މިއަށް އެލާޖިކް ރިއެކްޝަން ތަކެކޭވެސް ކީދާނެއެވެ. މިގޮތަށް މިފަދަ ގޮތަކަށް އެމީހެއްގެ ނޭވާލާ ނިޒާމުން އެފަދަ އެއްޗަކަށް އެލާޖިކް ވެއްޖެނަމަ، ނުވަތަ އެފަދަ ނާޒުކު އެއްޗަކަށް އަވަސް ކުއްލި ރައްދުތަކެއް ދޭނަމަ، އެކަމުގައި އިންފްލެމޭޝަންގެ މަރުހަލާއެއް ކަޑައްތު ކުރާނެއެވެ.
މި އިންފްލެމޭޝަންގެ މަރުހަލާގައި ނޭވާލާ ނިޒާމުގެ ގުނަންތަކުގެ ފަށަލަތައް ބޯވެ، ހަރުވެ، ބޮޑުވާނެއެވެ. މިގޮތަށް އެ ފަށަލަތައް ބޯވެ، ހަރުވެ އަދި ބޮޑުވުމުން ނޭވާލާ ނިޒާމުގައި ހުންނަ މި ހޮޅިތަކުގެ އެތެރޭގެ ޖާގަތައް ކުޑަވެއެވެ. ނަތީޖާއަކަށްވަނީ އެ ހޮޅިތަކުން ދައުރުކުރާ ވައިގެ މިންވަރު މަދުވުމެވެ. އަދި ވައި ދަތުރު ކުރަން އުނދަގޫ ވުމެވެ.
އިސްވެ ދެންނެވިފަދައިން މި ހިނގާ އިންފްލެމޭޝަންގެ މަރުހަލާގައި އަދި އިތުރު އެހެން ކަމެއްވެސް ހިނގައެވެ. އެއީ ދިފާއީ ގިނަ ހަތާތައްް ހެލިފެލިވުމުން ސައިޓޯކައިން ނަމަކަށް ކިޔާ އެންޒައިމް އެއް އުފެދެއެވެ. ނަތީޖާއަކަށްވަނީ ނޭވާލާ ނިޒާމުގައި ހުންނަ ހޮޅިތަކުގެ ތެރޭގައި ދިޔަވަރެއް އުފެދުމެވެ. ނުވަތަ އަރިދަފުސް ނުވަތަ ދަވަ އުފެދުމެވެ. މިއީވެސް ދިފާއީ ގޮތުން ހަށިގަނޑު ނުވަތަ ނޭވާލާ ނިޒާމު ރައްދުދޭ، ރައްދު ދިނުމެއްގެ ނަތީޖާއެވެ. މިގޮތަށް މި ދިޔަވަރުތައް ނުވަތަ އަރިދަފުސްތައް އެ ހިމަވެފައިވާ ހޮޅިތަކުގައި އަށަގަތުމުން، އަނެއްކާ އިތުރަށް އެ ހޮޅިތަކުގެ ޖާގަ ހަނިވާ ގޮތްވެ، ވައި ދަތުރުކުރުމަށް ްިތުރަށް އުނދަގޫ ކުރުވައެވެ.
އާދަވެ އާއްމުކޮށް ނޭވާހިއްލާ މީހެއްނަމަ، ނޭވާނުހިއްލާ އިރުގައިވެސް އެމީހެއްގެ ނޭވާލާ ނިޒާމުގެ ގުނަންތަކުގެ ބައްޓަމާއި ފަރުމާ ނުވަތަ "ވަޑާންގަނޑަށް" ބަދަލުތައް އާދެއެވެ. އެގޮތުން އެ ހޮޅިތަކުގެ ފާރުތަކުގެ މަސްތައް ގިނަވެ ބޯވުމުގެ ފުރުސަތު އޮވެއެވެ. އަދި ޕްރޮޓީންގެ މެޓްރިކްސްތައް ޖަމާވެ އިތުރަށް އެ ހޮޅިތައް ހަނިވެއެވެ. މިގޮތަށް ހަނިވެފައި ހުރެމެ، ނޭވާހިއްލުމާ ކުރިމަތިވެއްޖެނަމަ، އިހުނަށްވުރެ އަދި މާ ބޮޑަށް އެ ހޮޅިތަކުގެ ޖާގަ ކުޑަވެ، ނޭވާލާން އުނދަގޫ ކުރުވައެވެ.
މިކަމުގައި ސަމާލުވުމާއި ރައްކާތެރިކަން ހޯދުން އެއީ މުހިއްމު ކަމެކެވެ. އަދި ޑަކްޓަރީ ފަރުވާ ކުރާނަމަ ގަވައިދުން އެ ފަރުވާ ކުރުމާއި ހުމާއި ރޯގާފަދަ ބަލިތަކުން ބޮޑަށް ދުރުވެ އުޅެވޭތޯ ބަލަން ވާނެއެވެ. އަދި އެލާޖިކުވާ ތަކެއްޗާވެސް ދުރުވެ ހުރުން އެއީ އެންމެ ރައްކާތެރި ގޮތެވެ.
