ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ރޭ ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ މުބާރާތުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދައިފިއެވެ.
މާޒިޔާ އިން މީގެކުރީން ވަނީ 2015 ވަނަ އަހަރުގެ މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރުގެ ފައިނަލްގައި މާޒިޔާ ވަނީ ވެލެންސިއާ އަތުން ބަލިވެފައެވެ. އެ ޓީމުން ވަނީ ފައިނަލްގައި ވާދަކުރި ހަތަރު ފަހަރުގެ ތެރެއިން ދެ ފަހަރު ބަލިވެފައެވެ. މީގެއިތުރުން، މާޒިޔާ އިން މި ފަހަރުގެ ސީޒަން ފެށި ޗެރިޓީ ޝީލްޑް މެޗުގައި ވެސް ވަނީ އީގަލްސް ބަލިކޮށްފައެވެ. އެ މެޗުން މާޒިޔާ މޮޅުވީ 2-1 އިންނެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗުގައި މާޒިޔާ އިން ލީޑްނެގީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އިބްރާހިމް އައިސަމް އެވެ. މި ހާފުގެ ފަހުކޮޅުގައި އީގަލްސްގެ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އިބްރާހިމް މައިސާން އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާގެ ލީޑް ފުޅާކުރުމަށް ނާއިޒް ހަސަން (ދާދު) އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ދާދު ފޮނުވާލި ބޯޅަ ބޭރުވީ އީގަލްސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ގެ އަތުގައި ޖެހިފައި، ގޯލްގެ ދަނޑީގައި ވެސް ޖެހިފައެވެ.
މި މެޗުގައި މާޒިޔާ އިން ޖެހި ދެވަނަ ލަނޑު، ފަހު ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ވެސް އައިސަމް އެވެ. މިއީ މި މުބާރާތުގައި އައިސަމް ޖެހި ފަސްވަނަ ގޯލެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި މާޒިޔާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ލަނޑުޖަހާފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މާޒިޔާގެ ދެ ގޯލް ޖަހައިދިން އައިސަމް އެވެ.
