ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން" ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީޚުގައި ރިލީޒް ނުކުރެވިދާނެ ކަމުގެ މަޢުލޫމާތު ބޭރުގެ ބައެއް ރިޕޯޓުތަކުން ލިބިއްޖެއެވެ.

އެގޮތުން ޖޫން 02ގައި ރިލީޒްކުރަން އޮތް ފިލްމުގެ ޕްރޮމޯޝަން ނުވަތަ ކެމްޕެއިން އެންމެ ލަސްވެގެން މެއި މަހު ފެށެން ޖެހޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ޤަބޫލު ކުރެއެވެ. އެހެން ނަމަވެސް މެއި މަހުގެ 05އާ ހަމައަށް އައި އިރު ވެސް ކުޑަމިނުން ޓީޒާއެއް ވެސް ދައްކާނުލެވިފައިވުމުން، އެންމެ އެދެވޭ ސްޕީޑުގައި ފިލްމު ކުރިއަށް ނުދާ ކަން ފާހަގަކުރެވެއެވެ. އަދި މިކަމުގެ އަސަރު ފިލްމު ރިލީޒްކުރަން އޮތް ތާރީޚާ ހަމައަށް ފޯރާނެއެވެ. 

Jawan (2023) - IMDb

ބައެއް ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ދެން އެންމެ އަވަހަށް ވެސް ފިލްމު ރިލީޒްކުރާނީ ޖޫން 29 ވާ ބުރާސްފަތި ދުވަހުއެވެ. "ޖަވާން" ޖޫން 29ގައި ރިލީޒްކުރާ ނަމަ ދިމާވާނީ އަޟްޙާ ޢީދު ބަންދާއެވެ. މިހާރު ވެސް ބޮލީވުޑްގެ ބައެއް ފިލްމުތައް އެ ދުވަސްކޮޅާ ދިމާކޮށް ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ. އެހެން ނަމަވެސް "ޖަވާން"ގެ ޚަބަރަށްފަހު އެ ދުވަސްކޮޅު ރިލީޒްކުރަން އޮތް "ޑްރީމް ގަރލް 2"އާއި ސިދާތު މަލްހޯތުރާގެ "ޔޯދާ"، 01 ޙަފްތާ ފަހަށް ޖައްސާލުމުގެ ވާހަކައެއް ދަނީ ދެކެވެމުންނެވެ.މިގޮތަށް އެމީހުންގެ ފިލްމު ލަސްކުރަން ބޭނުންވާ ސަބަބަކަށް ވީ ޝާހްރުކްގެ ފިލްމާ އެއް ރާޅެއްގައި ނެރެން ބޭނުން ނުވާތީ ކަމަށް މަޢުލޫމާތު ލިބެއެވެ. 


ފިލްމާ ބެހޭގޮތުން އެއްވެސް ވަރެއްގެ އަދާހަމައެއް އަދިވެސް ރެޑްޗިލީސް އެންޓަރޓެއިންމެންޓުން ދީފައި ނުވާތީ ބެލުންތެރިން ނުވަތަ ފޭނުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ފިލްމު ލަސްވާނީތޯ ނޫނީ ޓީޒާއެއް ދައްކާލާނީ ކިހާތާކުތޯ ވެސް އަދި ރަސްމީ އެއްވެސް ތަނަކުން ހާމަކޮށްފައެއް ނުވެއެވެ. 
ދެކުނު އިންޑިއާގެ ޑައިރެކްޓަރު އަތުލީ ޑައިރެކްޓްކޮށް ގެނެސްދޭ "ޖަވާން"ގައި މައިގަނޑު ރޯލުތަކުން ޝާހްރުކްގެ އިތުރުން ނަޔަންތަރާއާއި ވިޖޭ ސެތޫޕަތީ ވެސް ފެނިގެންދާނެއެވެ. އަދި ޚާއްޞަ ފެނިލުމަކުން ދީޕިކާ ޕަދުކޯން ވެސް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.