އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-0 މެންޗެސްޓާ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު އެ ޓީމުގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް މުގުރާލައިފައެވެ.
ރޭގެ ނަތީޖާއާއެކު ސިޓީ އަލުން އެއްވަނަ އަށް އެރީ 33 މެޗުން ލިބުނު 79 ޕޮއިންޓާއެކު އެވެ. އެއް މެޗު އިތުރަށް ކުޅެގެން އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އާސެނަލެވެ. ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 33 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. މެންޗެސްޓާ ޔުނައިޓެޑް އޮތީ 32 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު ހަތަރެއްގައެވެ.
ވެސްޓް ހޭމުން ރޭގެ މެޗަށް ނިކުތުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް މުހިއްމު ކުޅުންތެރިން ކަމަށްވާ ކެޕްޓަން ޑެކްލަން ރައިސް، ތޯމަސް ސޫޗެކް އާއި ނަޔެފް އަގުއާޑް ވަނީ ހުމުގެ ސަބަބުން ސްކޮޑުން ބާކީ ކޮށްފައެވެ. މިއާއެކު، އައުޓްފީލްޑް ކުޅުންތެރިންގެ ގޮތުގައި ބެންޗުގައި ތިބީ އެންމެ ފަސް ކުޅުންތެރިންނެވެ. ސިޓީން ރޭގެ މެޗަށް ނިކުތީ އެއްވަނަ ގޯލްކީޕަރު އެޑަސަން މޮރައެސް އާއި މިވަގުތު އަނިޔާގައި ހުރި ކެވިން ޑި ބްރޭނާއާ ނުލައެވެ. އެޑަސަން ބެންޗުގައި އިންއިރު، އޭނާގެ ބަދަލުގައި ރޭގެ މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ ސްޓެފަން އޯޓޭގާ އެވެ. މި މެޗަށް ނެގި ސްކޮޑުގައި ވެސް ޑި ބްރޭނާ ނުހިމެނެއެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. ސިޓީން ޖެހި ފުރަތަމަ ލަނޑު، 49 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނޭތަން އަކޭ އެވެ. އެ ޓީމުގެ އަލްޖީރިއާ ވިންގް، ރިޔާދް މާރޭޒް ނެގި ހުރަހަކުން އަކޭ މި ލަނޑުޖެހީ ބޮލުންނެވެ. މިއީ ލީގުގައި ސިޓީ އަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑުޖަހައިދިނީ ހާލަންޑް އެވެ. ހާލަންޑް މި ލަނޑުޖެހީ ޖެކް ގްރީލިޝް ދިން ބޯޅައަކުންނެވެ. މިއީ މި ފަހަރުގެ ޕްރިމިއާ ލީގުގައި އޭނާ ޖެހި 35 ވަނަ ގޯލެވެ. މިއާއެކު، އެއް ސީޒަނެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ހާލަންޑް އެވެ. ކުރިން މި ރެކޯޑް އޮތީ 42 މެޗުގެ ފޯމެޓުގައި 34 ލަނޑުޖެހި އެލަން ޝިއަރާ އާއި އެންޑީ ކޯލް އަތުގައެވެ. 38 މެޗުގެ ފޯމެޓުގައި ލަނޑުޖެހުމުގެ ރެކޯޑް ކުރިން އޮތީ 33 ގޯލާއެކު ލިވަޕޫލްގެ މިސްރު ފޯވާޑް، މުހައްމަދު ސަލާހު އަތުގައެވެ.
ސިޓީން ރޭގެ މެޗުގައި ޖެހި ތިންވަނަ ލަނޑު، 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފިލް ފޯޑެން އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފުގައި ކުޅެން ނިކުތް ފޯޑެން ޖެހި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ވެސްޓް ހޭމްގެ ޑިފެންޑަރު، އެމަސަން ޕަލްމިއޭރީ ފައިގައި ޖެހިފައެވެ. މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެ ޓީމުން ކާމިޔާބުކުރި 1،000 ވަނަ ގޯލެވެ. ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވީ 2016 ގައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ލިވަޕޫލުން ވަނީ 1-0 އިން ފުލަމް ބަލިކޮށް، ގަދަ ހަތަރެއްގެ ރޭހުގައި އުއްމީދު އާކޮށްފައެވެ. އެ ޓީމު ވަނީ މިވަގުތު ހަތަރެއްގައި އޮތް ޔުނައިޓެޑާ ހަތަރު ޕޮއިންޓާ ގާތަށް ޖެހިލާފައެވެ. އެއީ، 34 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސަލާހު އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ލިވަޕޫލްގެ ފޯވާޑް، ޑާވިން ނޫނޭޒް އަށް ފުލަމްގެ އީސާ ޑިއޮޕް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ލިވަޕޫލްގެ ދަނޑުގައި ޖެހިޖެހިގެން އޭނާ ލަނޑުޖެހި 8 ވަނަ މެޗެވެ.
