ފައިނަލްގައި ރޭ 2-1 އިން އޮސަސޫނާ ބަލިކުރުމަށްފަހު ރެއާލް މެޑްރިޑުން 2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސްޕެނިޝް ކަޕް (ކޮޕާ ޑެލް ރޭ) ކާމިޔާބުކޮށްފިއެވެ.

މިއީ ރެއާލުން އެ މުބާރާތް ކާމިޔާބުކުރި 20 ވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ކޮޕާ ޑެލް ރޭ ކާމިޔާބުކުރިއިރު ކޯޗަކަށް ހުރީ މިހާރު އެ މަގާމާ ހަވާލުވެ ހުރި ކާލޯ އަންޗެލޮޓީ އެވެ.

ސެވިއްޔާގެ އެސްޓޭޑިއޯ ޑެ ލާ ކާޓޫޖާގައި ރޭ ކުޅުނު މި މެޗު ފެށިގެން 106 ސިކުންތުގެ ތެރޭގައި ރެއާލުން ލީޑްނެގީ ބްރެޒިލްގެ ވިންގް، ރޮޑްރީގޯ ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވިނީޝަސް ޖޫނިއާ އެވެ. މިއީ ފާއިތުވި 17 އަހަރުގެ ތެރޭގައި ސްޕެނިޝް ކަޕްގެ ފައިނަލެއްގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 13 ވަރަކަށް މިނެޓުގެ ތެރޭގައި އޮސަސޫނާ އަށް އެއްވަރުކޮށްދިނީ ލޫކަސް ޓޯރޯ އެވެ. މި ބޯޅަ ހުއްޓުވަން ރެއާލްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

ރެއާލް މެޑްރިޑްގެ ރޮޑްރީގޯ (ކ) އޮސަސޫނާގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: އޭޕީ

މި މެޗުގައި ރެއާލުން އަލުން ލީޑްނެގީ 70 ވަނަ މިނެޓުގައި ރޮޑްރީގޯ ޖެހި ލަނޑުންނެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް ފޮނުވާލި ހަމަލާއެއް ބްލޮކްވެގެން އެ ބޯޅަ އަނބުރާ ރޮޑްރީގޯ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޮސަސޫނާގެ 103 އަހަރުވީ މާޒީގައި ބޮޑު މުބާރާތެއްގެ ތަށްޓެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އެ ޓީމު ވާދަކުރި ދެވަނަ ފައިނަލްގެ އިތުރުވަގުތުގައި ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ ކިކޭ ބާރްޖާ ފޮނުވާލި ބޯޅަ ރެއާލްގެ ޑިފެންޑަރު، ޑެނީ ކަރަވަހާލް ވަނީ ބްލޮކްކޮށްފައެވެ.

ރެއާލް އަށް މި މެޗުން ލިބުނު މޮޅާއެކު ކޮޕާ ޑެލް ރޭގެ ތަށި ލިބުމުން މިހާރު އެޓީމުގެ ސަމާލުކަން އޮތީ އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގަށެވެ.