މިހާރު ކުރިއަށްދާ ގައުމީ ޓީމް ސިލެކްޝަން މުބާރާތުގެ ދެވަނަ ބުރުގެ ފައިނަލްގައި އައިމިނަތު ވިޝާމާ ބަލިކޮށް، އައިމިނަތު ޝުބާ އާދަމް ގައުމީ ޓީމުގެ ޖާގަ ދިފާއުކޮށްފިއެވެ.
މީގެކުރީން، އަހަރެއްގެ މެދުކެނޑުމަކަށްފަހު ޝުބާ އަލުން ގައުމީ ޓީމުން ޖާގަ ހޯދީ މިދިޔަ ޖަނަވަރީ މަހު ކުޅެވުނު ސިލެކްޝަން މުބާރާތުގެ ފަސްވަނަ ބުރުގެ ފައިނަލްގައި ވިޝާމާގެ މައްޗަށް ކުރިހޯދައިގެންނެވެ.
ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި އިއްޔެ ކުޅެވުނު ދެވަނަ ބުރުގެ ފައިނަލްގައި ވިޝާމާ އަތުން ޝުބާ މޮޅުވީ 2-1 އިންނެވެ.
މި ފަހަރުގެ ސިލެކްޝަން މުބާރާތުގައި ޝުބާ ހޯދި ނަތީޖާތަކަށް ބަލާއިރު ފުރަތަމަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި އައިޝަތު ނަހުފާ އަތުން 2-1 އިން މޮޅުވިއެވެ. ނަމަވެސް، ދެން ކުޅެވުނު ސެމީގައި ވިދާދު އަތުން ބަލިވީ ސީދާ ދެ ގޭމުންނެވެ. އަދި އެއަށްފަހު ކުޅެވުނު ތިންވަނަ ހޮވާ މެޗުގައި ވެސް ކުރިމަތިވީ ނާކާމިޔާބީ އެވެ. އެ މެޗުގައި އައިޝަތު ފައިނާޒް އަތުން ބަލިވީ 2-1 އިންނެވެ.
ދެން ކުޅެވުނު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ސީދާ ދެ ގޭމުން އަފީފުއްނިސާ އަތުން މޮޅުވިއިރު، ސެމީގައި ޝުބާ ވަނީ ވިދާދުގެ މައްޗަށް 2-1 އިން ކުރިހޯދައި، ފުރަތަމަ ބުރުގެ ސެމީގައި ބަލިވުމުން އޭގެ ރަނގަޅު ބަދަލެއް ހިފައިފައެވެ. އަދި އެއަަށްފަހު ފައިނަލްގައި ޝުބާ ކާމިޔާބު ހޯދިއިރު، މިއީ މި އަހަރުގެ ސިލެކްޝަން މުބާރާތްތަކުގައި ވިޝާމާއާ ދެކޮޅަށް ކުޅުނު ފަސް މެޗުގެ ތެރެއިން ޝުބާ މޮޅުވި ތިންވަނަ ފަހަރެވެ.
