ޒަމާނީ ޓެކްނޮލޮޖީއާއި އެކު އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ހީނުކުރާފަދަ ބޮޑެތި ބަދަލުތަކެއް އާދެއެވެ. ދުވަހުގެ ތާވަލުގައި ކުރުމަށް ހަމަޖެހިފައި އޮންނަ ކޮންމެ ކަމެއްގައިވެސް ޓެކްނޮލޮޖީގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ގިނަ ކަންތަކުގައި ފޯނު މުހިންމު ރޯލެއް އަދާކުރެއެވެ. ފިތަކަށް ފިތާލުމުން ހުރިތަނެއްގައި ހުރެ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކުރެވޭ ކަންކަން ގިނަވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ފޯނާއި ނުލާ ނުވަތަ ޒަމާނީ ޓެކްނޮލޮޖީއާއި ނުލާ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ގިނަ ކަންކަން ފުރިހަމަ ނުވުމެވެ. ސަބަބަކީ ދިރިއުޅުމުގެ ގިނަކަންކަން ބައްޓަންވެފައި އޮންނަނީ ފޯނުގެ އެޕްލިކޭޝަންއެއް މެދުވެރިކޮށް އެކަމެއް ކުރުމަށް ކަމުގައިވާތީއެވެ. އެގޮތުން އަޅުގަނޑުމެން ދުޅަހެޔޮކަންމަތީގައި ހުރުމަށްޓަކައި ނުވަތަ ބަރުދަން ލުއިކުރުމަށްޓަކައިވެސް ފިޓްނެސް އެޕްލިކޭޝަންގެ އެހީ ހޯދަމުއެވެ. އަދި ދުޅަހެޔޮކަންމަތީ ހުރުމަށްޓަކައި މިފަދަ ފިޓްނެސް އެޕްތައް ބޭނުންކުރުމުގެ ފައިދާ ނުހަނު ބޮޑެވެ. މިގޮތުން މިފަދަ އެޕްތައް ބޭނުންކުރުމުގެ ބައެއް ފައިދާތަކަށް އަޅުގަނޑު ބަލާލާނަމެވެ.
- ދުވާލެއްގެ މައްޗަށް ކެވޭ މިންވަރު މޮނީޓަރ ކުރެވޭ
ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކާއި ބަރުދަން އިތުރުކުރަން ބޭނުންވާ ފަރާތްތަކަށްވެސް މިފަދަ އެޕްލިކޭޝަންއެއް ފޯނުގައި ގެންގުޅުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ މިއެޕް މެދުވެރިކޮށް ކޮންމެ ވަގުތަކު ކެވޭ ކާނާއާއި މިންވަރު ބަލާލެވޭތީއެވެ. އަދި ކާއެއްޗެހިން ލިބުނީ ކިހާވަރެއްގެ ކެލޮރީއެއްތޯއާއި އޭގައި ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް، އަދި ފެޓް ހިމެނިފައިވަނީ ކިހާވަރަކަށްތޯ މޮނީޓަރ ކުރެވޭނެއެވެ. އެގޮތުން އަޅުގަނޑުމެންނަށް ކެއުމުގައި ހިމަނަންވީ ކޮންކަހަލަ ބާވަތްތަކެއްތޯއާއި އަދި ނުކާންވީ ކޮންކަހަލަ ކާނާއެއްތޯ އެގޭނެއެވެ. އަދި ކެއުމުގެ ތާވަލެއް ހަދައި އެއާއެއްގޮތަށް ޢަމަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.
- ކޮންމެ ދުވަހެއްގެ ޕްރޮގްރެސް ބަލާލެވޭނެ
ފިޓްނެސް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހެއްގެ ތިމާގެ ސިއްޙަތު ދެނެގަނެވޭނެއެވެ. މިސާލަކަށް ހަކުރު ހުރި މިންވަރު ދެނެގަތުމާއި ލޭގެ ޕްރެޝަރ ހުރިމިންވަރު ރެކޯޑް ކުރެވޭނެއެވެ. މިކަމުގެ ސަބަބުން ތިމާގެ ސިއްޙަތު އަމިއްލައަށް މޮނިޓަރކުރެވި ދުވަހެއް ދުވަހަކަށް އަންނަމުންދާ ބަދަލުތައް ދެނެގަނެވޭނެއެވެ.
- ސިއްޙަތާއި އަދި ފިޓްނެސްއާއި ގުޅޭ މަޢުލޫމާތު ފޯރޮކޮށްދޭ
ގިނަ ފިޓްނެސް އެޕްލިކޭޝަންތަކަކީ ސިއްޙަތާއި ބެހޭ މަޢުލޫމާތާއި ފިޓްނެސް ޓިޕްސް ލިބޭގޮތަށް ތައްޔާރުކުރެވިފައި ހުންނަ އެޕްތަކެވެ. އެގޮތުން އެކިމީހުންގެ ހަށިގަނޑުގެ ބައްޓަމަށް ޙާއްސަ ކަސްރަތުތަކާއި އެހެނިހެން ޓިޕްސްތަކުގެ އެހީގައި ތިމާގެ އަމިއްލައަށް ކަސްރަތު ޕްލޭންކޮށް ތިމާ ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއާއި ހަމަޔަށް ވާސިލުވުމަށް ފަސޭހަވެއެވެ.
- ފިޔަވަޅުގެ އަދަދު ގުނާލެވޭނެ
ފިޓްނެސް އެޕްލިކޭޝަނެއް ކަމަށްވާ ޕެޑޯމީޓަރއިން ތިމާގެ ފިޔަވަޅުގެ އަދަދު ގުނާލެވުމާއެކު ތިމާއަށް ހިނގުނީ ކިހާ ދުރުމިނަކަށްތޯވެސް ބަލާލެވެއެވެ. އަދި މިވެނި ވަރަކަށް ހިނގައިގެން މިވެނި ވަރެއްގެ ކެލޮރީސް ހަށިގަނޑުން ދާކަން ބަލާލެވޭނެއެވެ. އެހެންވުމުގެ ސަބަބުން ކޮންމެ ދުވަހެއްގައިވެސް ވަކިވަރަކަށް ހިނގުމުގެ ޖޯޝު އިތުރުވެ ބޭނުންވާ ހިސާބަށް ދިޔުމަށް ބާރަކަށްވެއެވެ.
- ދުޅަހެޔޮކަންމަތީ ދެމިހުރުމުގެ ޝައުޤުވެރިކަން އިތުރުކޮށްދޭ
މިފަދަ އެޕްލިކެޝަންތަކުގެ އެންމެ މުޙިންމު އެއްފައިދާ އަކީ މިއެޕް ބޭނުންކުރުމުގެ ސަބަބުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމުގެ ޝައުޤުވެރިކަން އިތުރުކޮށްދެއެވެ. ކޮންމެދުވަހަކު އަންނަ ނޮޓިފިކޭޝަންތަކާއި ހަނދާންކޮށްދިނުންތަކުން ތިމާގެ ފޯކަސް ގެއްލުނަނުދީ ޙާސިލްކުރަން ބޭނުންވާ ހިސާބަށް ދިޔުމަށް މަގުފަހިވެއެވެ.
