ގައުމީ ކެރަމް ޓީމަށް ކުޅުންތެރިން ހޮވުމަށް މި އަހަރު ކުޅެވުނު ސިލެކްޝަން މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު އިސްމާއިލް އަޒްމީން އާއި ފާތިމަތު ރަޔާނާ އެ ޓީމުން ޖާގަ ހޯދައިފިއެވެ.
ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި މިދިޔަ ހޯމަ ދުވަހު ފެށި ސިލެކްޝަން މުބާރާތުގައި އެންމެ ފަހުން އެކުލަވާލި ގައުމީ ކެރަމް ޓީމުގައި ހިމެނުނު 10 ކުޅުންތެރިން ހިމެނޭ ގޮތަށް ނިސްބަތުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މިއީ މި އަހަރު ބޭއްވުނު ސިލެކްޝަންގެ ދެވަނަ މުބާރާތެވެ.
މި ފަހަރުގެ ސިލެކްޝަން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، އެއަށްފަހު ދެން ކުޅެވިގެންދިޔަ ފުރަތަމަ ބުރުގެ މެޗުތަކަށްފަހު ގައުމީ ޓީމުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކެރަމް އެތުލީޓުގެ މަގާމް ހާސިލްކުރި އަޒްމީން އެވެ. ފައިނަލްގައި އަޒްމީން ވަނީ އާދަމް އަދީލް ބަލިކޮށްފައެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އުނދަގޫ ގްރޫޕެއްގައި ހިމެނި އަޒްމީން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. މި ގްރޫޕުގައި މުޅިން ވެސް ހިމެނިފައިވަނީ ކުރީގެ ގައުމީ ޗެމްޕިއަނުންނެވެ. އަޒްމީންގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނުނީ އަލީ އާޒިމް އާއި މުހައްމަދު މުންތަސިރު (މުންކޮ) އެވެ. ފުރަތަމަ މެޗުގައި އާޒިމް އަތުން ސީދާ ދެ ގޭމުން މޮޅުވިއިރު، ގްރޫޕުގެ ފަހު މެޗުގައި ވަނީ ފަހަތުން އަރައި 2-1 އިން މުންކޮ ބަލިކޮށްފައެވެ.
އެއަށްފަހު ގަދަ 8 ގައި ހިމެނި ކުޅުނު ފުރަތަމަ މެޗުގައި އުމަރު ޒިޔާދު އަތުން ސީދާ ދެ ގޭމުން މޮޅުވިއިރު، ސެމީގައި ވަނީ ހަސަން ނާޒިމް (ނާނަ) އަތުން ސީދާ ދެ ގޭމުން މޮޅުވެފައެވެ. އެއަށްފަހު ފައިނަލްގައި އަދީލް ބަލިކުރީ ވެސް ގޭމެއް ގެއްލުވައިނުލައެވެ.
މި ފަހަރުގެ މުބާރާތުގެ އަންހެން ކުޅުންތެރިންގެ ބައިގައި ހީކުރި ގޮތާ ހިލާފަށް ފުރަތަމަ ޖާގަ ކަށަވަރުކުރި ރަޔާނާ ވަނީ ފައިނަލްގައި އައިމިނަތު ވިދާދު އަތުން 2-1 އިން މޮޅުވެފައެވެ. މި ބުރުގެ ފުރަތަމަ މެޗުގައި ރަޔާނާ ވަނީ ސީދާ ދެ ގޭމުން އަފީފުއްނިސާ ބަލިކޮށްފައެވެ. އެއަށްފަހު ސެމީގައި އައިޝަތު ފައިނާޒް އަތުން ވެސް މޮޅުވީ ގޭމެއް ގެއްލުވައިނުލައެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު ތިންވަނަ މަގާމް ހާސިލްކުރީ ނާނަ އާއި ފައިނާޒް އެވެ. ފިރިހެނުންގެ ބައިގައި ތިންވަނަ ހޮވާ މެޗުގައި ޔަމާން އަބްދުލް ޖަލީލް އަތުން 2-1 އިން ނާނަ މޮޅުވިއިރު، ފައިނާޒް ވަނީ 2-1 އިން އައިމިނަތު ޝުބާ އާދަމް ބަލިކޮށްފައެވެ.
