މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގެ އެންމެ ބޮޑެތި އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި މިހާރު ހިމެނޭ އެއް މައްސަލައެެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2022 ވަނަ އަހަރު މަސްތުވާތަކެއްޗާ ގުޅޭ 1400 އަށްވުރެ ގިނަ މައްސަލަ ރިކޯޑުކުރެވިފައި ވެއެވެ. އަދި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅޭ 600 އަށްވުރެ ގިނަ މައްސަލަ ފެންމަތިވެފައި ވެއެވެ. "ޕިއްޒާއަކަށް އޯޑަރުދީގެން ލިބެން 40 މިނެޓު ނަގާ. އަހަރެން ޑްރަގް ހޯދަން މެސެޖެއް ކޮށްލައިފިއްޔާ 5 މިނެޓު ތެރޭގައި ލިބޭނެ"، މި މައްސަލައިގެ 'ސީރިއަސްކަން' ބަޔާންކޮށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އިން 2019 ގައި އާންމުކުރި ރިޕޯޓެއްގައި ބަޔާންކޮށްފައި ވެއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ މިހާރު އާންމުވެފައިވީނަމަވެސް މިތަކެތި ބޭނުންކުރުމުގެ ތާރީޚު އެނގެން އޮތީ މަދު މަސްދަރުތަކަކުންނެވެ. ފްރާންސްގެ މަޝްހޫރު ދަތުރުވެރިޔާ، އަދި ރާއްޖެއާ ގުޅޭ ގޮތުން ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ފްރެންސޯއީ ޕިރާޑް ބަޔާންކުރައްވާފައި ގޮތުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ 'އޮޕިއަމް' އަކީ 1600 ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި އާންމު ބާވަތެކެވެ. މެރުވާނާ ފަދައިން އޮޕިއަމްއަކީވެސް ގަހެއްގެ ޒަރީއާއިން ލިއްބައިދޭ އެއްޗެކެވެ. އަދި މިއީ ހަކުރު ނުވަތަ ހެރޮއިން، އަދި މޯފިން ފަދަ ޑްރަގްތަކުގެ އަސްލެވެ. ތަފާތު މަސްދަރުތަކުން އެނގޭ ގޮތުގައި 20 ވަނަ ގަރުނުގެ މެދަކާ ހަމައަށްވެސް ދިވެހިންގެ މެދުގައި އޮޕިއަމް އާންމުކަން އެނގެން އެބަ އޮތެވެ. އިހުޒަމާނުގައި އެކި ގައުމުތަކުގައި ބޭސްފަރުވާގެ ކަންކަމަށް، ހާއްސަކޮށް ބޭސްފަރުވާއަށް ހޭނެއްތުމަށް ބޭނުންކުރާ 'އެނެސްތެޓިކެއް' ގޮތަށް އަދި ތަދު ކެނޑުވުމަށް އޮޕިއަމް ބޭނުން ކުރަަމުން އައިސްފައިވެއެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި އެޒަމާނުގައި އޮޕިއަމް ބޭނުންކުރުމުގެ ސަބަބު ސާފުވެފައި ނެތް ނަމަވެސް އެއީ އޭރު އިޖުތިމާޢީ މައްސަލައެއްގެ ގޮތުގައި ބަލަމުން އައި މައްސަލައެއެް ނޫނެވެ. އޮޕިއަމްއަކީ ދިވެހިރާއްޖޭގެ ޑްރަގް އެކްޓުގެ ދަށުން މަސްތުވާ އެއްޗެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ބާވަތެކެވެ.
ރާއްޖޭގައި ޑްރަގް އާންމުވެގެން ދިޔައީ 1970 ގެ އަހަރުތަކުގައި ކަމަށް 2013 ވަނަ އަހަރު އާންމުކޮށްފައިވާ 'ނެޝަނަލް ޑްރަގް ޔޫސް ސަރވޭ' ގައި ބަޔާންކޮށްފައިވެއެވެ. ރާއްޖޭގައި ޑްރަގް އާންމުވާން މެދުވެރިވި އެއް ސަބަބަކީ 1972 ގައި ރާއްޖެއަށް ޓޫރިޒަމް ތަޢާރަފްކުރުންކަމުގައި ވެދާނެކަމަށް މި ސަރވޭގައި ބަޔާންކޮށްފައި ވެއެވެ. ޓޫރިޒަމް ތަޢާރަފް ކުރުމާއެކު 1981 ގައި ރާއްޖޭގެ ވައިގެ ބަނދަރު ފުޅާކޮށް ރަސްމީކޮށް ހުޅުވިގެން ދިޔައެވެ. މިއާއެކު ކަނޑުމަގުގެ އިތުރުން ވައިގެ މަގުން ދިވެހިރާއްޖެ ބޭރު ދުނިޔެއަށް ހުޅުވިގެން ދިޔައެވެ.
ހަމަ އެފަދައިން، 1970ގެ އަހަރުތަކަކީ ދެކުނު އޭޝިއާގެ އެހެނިހެން ގައުމު ތަކަށްވެސް ޑްރަގް އާންމުވެގެން ދިޔަ ދުވަސްވަރެވެ. ވުމާއެކު، އަވަށްޓެރި ގައުމުތަކުން އޭރު ކިޔަވައިގެން އެނބުރި އަންނަ ދަރިވަރުންގެ ފަރާތުން ރާއްޖެއަށް ޑްރަގް އެތެރެވެދާނެކަމަށް ބެލެވޭކަމަށް ނެޝަނަލް ޑްރަގް ޔޫސް ސަރވޭގައި ބަޔާންކޮށްފައިވެއެވެ. އޭރުވެސް ދިވެހި ޒުވާނުންގެ ތެރޭގައި އެންމެ ބޭނުންކުރެވެމުން އައީ ކެނަބިސް (މެރުވާނާއާއި ހަޝިޝް ތެލެވެ).
މީގެ ކުރިން ގުދުރަތީ މާއްދާތައް ނުވަތަ 'ޕްލާންޓް ބޭސްޑް ސަބްސްޓަންސް' ދިވެހިންގެ ތެރޭގައި އާންމު ވެފައިވީނަމަވެސް މިހާރު ދިވެހިންގެ ތެރޭގައި މެތުއެމްފެޓަމިންސް (މެތު) އަދި 'ސިންތެޓިކް ޕާޓީ ޑްރަގްސް' ފަދަ ކެމިކަލް ޑްރަގްސް ވަނީ އާންމުވެފައެވެ. މިތަކެތީގެ ނުރައްކާވެސް އިންތިހާއަށް ބޮޑެވެ. ރާއްޖެއަކީ އާންމު ގޮތެއްގައި މިފަދަ ކެމިކަލް ޑްރަގް އުފައްދާ ގައުމަކަށް ނުވިޔަސް ބަނގުރާ ފަދަ އެހެނިހެން ބާވަތްތައް ކައްކައި އުފައްދައި 'ބްރޭންޑު' ކުރުން މިހާރުވަނީ އާންމުވެފައެވެ.
މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި މިހާރު މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ރާއްޖޭގެ ޖަލުތަކުގެ 80 ޕަސެންޓު ގައިދީންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންކަމަށް ޔޫ.އެން.ޑީ.ޕީ ގެ ރިޕޯޓެއްގައި ހާމަކޮށްފައި ވެއެވެ. މިކަމުގައި ޒުވާނުން ގިނައިން ތަމްސީލުވާއިރު މި ވަބާ މިއަދު މިވަނީ ކުޑަކުދިންނާ ހަމައަށް ފެތުރިފައެވެ. ވުމާއެކު، މިކަމުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ޤާނޫނުތަކާއި ގަވައިދުތަކުގެ އިތުރުން ފަރުވާ ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހެއެވެ.
