ގައުމީ ކެރަމް ޓީމަށް ކުޅުންތެރިން ހޮވުމަށް ކުޅެވުނު ސިލެކްޝަން މުބާރާތުގެ ދެވަނަ ބުރުގެ ފައިނަލްގައި އާދަމް އަދީލް ބަލިކޮށް، ހަސަން ނާޒިމް (ނާނަ) ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.
މިއީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ނާނަ، ގައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ގައުމީ ޓީމަށް އެންމެ ފަހުން ނާނަ ކުޅުނު މުބާރާތަކީ 2018 ވަނަ އަހަރުގެ ކެރަމް ވޯލްޑް ކަޕެވެ. ނާނަ އަކީ ކެރަމް ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވާ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. ނާނަގެ އިތުރުން ހުސެއިން ނީޝާމް (ނީނީ) ވެސް ވަނީ ގައުމީ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައެވެ. ނާނަ ވަނީ މިދިޔަ އެކްސްކޯގައި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހަޒާންދާރުގެ މަގާމް ފުރާފައެވެ.
ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދާ މުބާރާތުގެ ދެވަނަ ބުރުގައި ފިރިހެން ބައިގައި އިއްޔެ ހަވީރު ކުޅުނު ފައިނަލްގައި ނާނަ ވަނީ ސީދާ ދެ ގޭމުން އާދަމް އަދީލް ބަލިކޮށްފައެވެ.
މި ފަހަރުގެ ސިލެކްޝަން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނާނަ ކުޅުނު ފުރަތަމަ މެޗުގައި އިސްމާއިލް އަބްދުލް ހަކީމް އަތުން 2-0 އިން މޮޅުވިއިރު، ދެވަނަ މެޗުން އަދީލް އަތުން މޮޅުވީ ވެސް ސީދާ ދެ ގޭމުންނެވެ. އެއަށްފަހު ގްރޫޕުގެ ފަހު މެޗުގައި އަލީ ހަސަން އަތުން މޮޅުވީ 2-1 އިންނެވެ.
މުބާރާތުގެ ގަދަ 8 ގައި ހިމެނި، އަލީ އާޒިމް (އާޒީ) އަތުން 2-1 އިން ނާނަ މޮޅުވިއިރު، ސެމީގައި އިސްމާއިލް އަޒްމީން އަތުން ބަލިވީ 2-0 އިންނެވެ. ނަމަވެސް، ދެން ކުޅެވުނު ތިންވަނަ ހޮވާ މެޗުން ޔަމާން އަބްދުލް ޖަލީލްގެ މައްޗަށް 2-1 އިން ކުރިހޯދިއެވެ.
އެއަށްފަހު މުބާރާތުގެ ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން އަހުމަދު އިކްލީލް އަތުން ސީދާ ދެ ގޭމުން މޮޅުވިއިރު، ދެން ކުޅެވުނު ސެމީގައި ޔަމާން އަތުން ނާނަ މޮޅުވީ 2-1 އިންނެވެ.
