މި ފަހުން އެންމެ ބޭރުގެ ހަބަރުތަކުގެ ތެރެއިން، އެންމެ ގިނައިން އިވެމުންދާ ޚަބަރުތަކަކީ، އެމެރިކާގެ ބޭންކުތައް ފެއިލްވުމާއި، ބޭންކްތަކުގެ ހިއްސާ ދަށްވުމުގެ ސަބަބުން އިގްތިސާދަށް އަތުވެދާނޭ ލޮޅުންތަކުގެ ވާހަކައެވެ. ހަމަގައިމުވެސް މިކަމަކީ، އެމެރިކާގެ އިގްތިސާދަށް އެކަނި އަސަރު ކުރުވާނޭ ކަމެއްނޫނެވެ. އެކަމަކުން މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ އަސަރުކުރާނޭކަމެކެވެ. މިއަހަރުގެ މިހާހިސާބަށް އައި އިރު، ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު ކަމަށްވާ އެމެރިކާގެ، މެދުފަންތީގެ ތިން ބޭންކެއް ވަނީ ބަންދުކޮށްފަ އެވެ. މިކަން ފެށިގެން އައީ އިންފްލޭޝަން ހަމައަކަށް އެޅުވުމަށް ދާދި ފަހުން އިންޓަރެސްޓް ރޭޓް ބޮޑުކުރުމާއި ގުޅިގެން ޑޮލަރުގެ އަގު ވެއްޓި، ސްޓޮކް މާކެޓުތަކުގައި އަގުތައް ދަށްވެ އިގްތިސާދީ ނުތަނަވަސް ކަމަކަށް ދިއުމުންނެވެ.

މެއި މަހުގެ 1 ވަނަ ދުވަހު، އެމެރިކާގެ ބޭންކު ރެގިއުލޭޓަރުން ވަނީ، ފަސްޓް ރިޕަބްލިކް ބޭންކް، "ސީޒް" ކޮށް، ޖޭ.ޕީ މޯގަން އަށް ވިއްކާލާފައެވެ. "ދަ ނިއު ޔޯކް ޓައިމްސް"ގައި ޝާޢިރު ކޮށްފައިވާ ލީއުމެއްގައިވާ ގޮތުން މިއީ، ބޭންކިންގް ކްރައިސިސް އެއްގެ ހާލަތުގައި ވަރަށް އާންމު ކަމެކެވެ. އެމެރިކާގެ ތާރީހުގައި ނާކާމިޔާބުވި ދެވަނައަށް އެންމެ ބޮޑު ބޭންކް ކަމަށްވާ، ފަސްޓް ރިޕަބްލިކް ނާކާމިޔާބުވުމުން އެމެރިކާގެ ބޭންކިން ނިޒާމުގެ ނާޒުކުކަމާއި އިގްތިސާދީ ރިސެޝަނެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުންތައް ހާމަވެގެންދެއެވެ. ނަމަވެސް މިހާރުގެ ހާލަތު ތަފާތުވަނީ، މިފަހުން ބަންދުކުރަންޖެހުނު 3 ބޭންކު ކަމަށްވާ، ސިލިކަން ވެލީ ބޭންކް، ސިގްނެޗާ ބޭންކު އަދި ފަސްޓް ރިޕަބްލިކްގެ ޖުމްލަ އެސެޓްތައް އިންފްލޭޝަނަށް "އެޑްޖަސްޓް" ކުރުމުން، 2008 ވަނަ އަހަރުގެ "ދަ ގްރޭޓް ރެސެޝަން"ގެ ދުވަސްވަރުގައި ބަންދުކުރި 25 ބޭންކަށްވުރެ ބޮޑުވުމުންނެވެ. 

"ފަސްޓް ރިޕަބްލިކް ބޭންކު ބަންދުކުރުމުން ދޭހަވަނީ އަޅުގަނޑުމެން މި މައްސަލަ ލަފާކުރި ވަރަށް ވުރެ ބޮޑަށް ގޯސްކަން. މީގެ ކުރިން އަޅުގަނޑުމެން ގަބޫލުކުރީ ކުރިން ބަންދުކުރެވުނު ދެ ބޭންކަށްފަހު، ކްރައިސިސް ލުއިވެފައިވާ ކަމަށް" ބެއިޖީންގްގެ ބޭންކެއްގެ އިންވެސްޓްމަންޓް މެނޭޖަރަކު، ބުރާސްފަތި ދުވަހު ގްލޯބަލް ޓައިމްސް އާއި ހަވާލާދީ ވިދާޅުވެފައިވެއެވެ.

އެހެންކަމުން، އިގްތިސާދަށް އަންނަމުންދާ މިފަދަ ބަދަލުތައް ބަލާ އޮޅުންފިލުވައި، އަދި އެކަމަށް ސަމާލުވުމަކީ، އަޅުގަނޑުމެން އެންމެނަށް ވެސް ނުހަނު މުހިއްމު ކަމެކެވެ. އެހެނީ، މިފަދަ ކަންކަމުން ހީނަރުވެގެންދާނީ ހަމަ އެކަނި، އެމެރިކާގެ އިގްތިސާދު އެކަނި ނޫންކަމަށް ވާތީއެވެ. މުދާ އިމްޕޯޓުކުރުމަށް އިންތިހާ އަށް ބަރޯސާވެފައިވާ، މި ކުޑަ ކުޑަ ރާއްޖެއަށްވެސް މިފަދަ ކަންކަމުގެ ލޮޅުން އައިސް ޑޮލަރު ލިބުމުގެ ދަތިކަމެއް ފެށުމަކީ ދުރުގައިވާ ކަމެއްނޫނެވެ.