ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ، މި ނޮވެމްބަރު މަހުގެ ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. 

މި މަހުގެ 8 އިން 10 އަށް ކުރައްވާ މި ދަތުރުފުޅުގައި ޤައުމުގެ ފޮރިން ސެކްރެޓަރީ އިން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. 
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އާއި ބައްދަލުކުރައްވާނެއެވެ. 
މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމާ އެމަނިކުފާނު 29 ޖެނުއަރީ 2020 ގައި ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ.