"ޕަޓާން"ގެ ކާމިޔާބަށްފަހު ޝާހްރުކް ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ދެކުނު އިންޑިއާގެ ޑައިރެކްޓަރު އަތުލީ ޑައިރެކްޓްކުރާ ފިލްމު "ޖަވާން"އިންނެވެ. ފިލްމުގެ ޝޫޓިންގތައް މިހާރު ނިންމާލެވިފައިވާ ކަމަށް އިތުބާރު ހުރި ފަރާތްތަކުން ދަނީ މަޢުލޫމާތު ދެމުންނެވެ. 

"ޖަވާން"ގެ ޕޯސްޓަރެއް އެންމެ ފުރަތަމަ ދައްކާލީ ފެބްރުވަރީ މަހުގެ ތެރޭގައެވެ. އަދި ފިލްމު ރިލީޒްކުރަން ނިންމީ 2023 ޖޫން 2ގައެވެ. އަދި އެހިސާބުން ފިލްމުގެ ޝޫޓިންގތައް ފެށިގެން ކުރިއަށް ދިޔައެވެ. ޝޫޓިންގތައް ވަރަށް ބާރަށް ކުރިއަށް ގޮސް އެޕްރީލް މަހުގެ މެދުތެރޭގައި ނިންމާލެވުނު ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި އެއަށްފަހު ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ އެއްވެސް ޚަބަރެއް ނުވެއެވެ. އަދި ޖޫން މަހު ރިލީޒްކުރަން އިޢުލާންކޮށްފައިވާ ފިލްމެއް، މެއި މަސް ފެށުނުއިރު ވެސް އެއްވެސް ޓީޒާއެއް ނުވަތަ ޓްރެއިލަރ އެއް ފެނިފައި ނުވާތީ ބެލުންތެރިން ތިބީ ކަންބޮޑުވެފައެވެ.

މިހެން ތިއްބާ ޝާހްރުކްގެ ފޭނުން ސިއްސުވާލީ ފިލްމު ރިލީޒްކުރުން ލަސްވި ކަމުގެ ޚަބަރުންނެވެ. އާނއެކެވެ. މިކަމާ ގުޅިގެން މީސްމީޑިއާގައި އެކި ގޮތްގޮތަށް ދިޔައީ ވާހަކަ ދެކެވެމުންނެވެ. އެގޮތުން ބައެއް މީހުން ބުނަމުން ދިޔައީ "ޖަވާން" ދެން ރިލީޒްކުރާނީ އަޟްޙާ ޢީދާ ދިމާކޮށް ޖޫން ފަހު ޙަފްތާގައެވެ. އަދި ބައެއް މީހުން ބުނަމުން ދިޔައީ އޯގަސްޓް މަހުގެ 25ގައި ކަމަށެވެ. މިފަދަ ވާހަކަ ތަކެއް ދެކެވެމުން ދަނިކޮށް ޝާހްރުކް މިހާރު މިވަނީ ސޯޝަލް މީޑިއާގައި ރަސްމީކޮށް ތާރީޚާއެކު ޕޯސްޓަރެއް/ޓީޒާއެއް ޙިއްޞާކޮށްފައެވެ. 

ފިލްމު ރިލީޒްކުރުން ލަސްކުރަން ޖެހުނީ ކީއްވެތޯ ފިލްމުގެ ޑައިރެކްޓަރާ ސުވާލު ކުރެވުނެވެ. އެހިނދު ޑައިރެކްޓަރު އަތުލީ ބުނެފައިވަނީ މިކަން މިގޮތަށް ނިންމަންޖެހުނީ ފިލްމު އަދި ތައްޔާރު ނުވާތީ ކަމަށެވެ. އަދި ފިލްމުގެ ވިޜުއަލް އިފެކްޓްސްގެ މަސައްކަތް ވެސް ނުނިމި އޮތުމާއި މިފަދަ އެތައް ކަމެއް ނުނިމި ހުރުމުން ކަމަށެވެ. އަދި ހަމައެހެންމެ 5 އަހަރަށްފަހު "ޕާޓާން"އިން ޝާހްރުކް ހޯދި ކާމިޔާބަށްފަހު 5 މަސް ދުވަސް ފަހުން ރިލީޒްކުރަން އޮތް ފިލްމު މާ އަވަސް އަރުވާލައިގެން އުޅެން ހަދައިގެން ގެއްލުމެއް ދައްކަފާނެތީ ކަމަށެވެ. 
އަދި ހަމަމިއާއެކު ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ޝާހްރުކް ފިލްމު ރިލީޒްކުރާ ތާރީޚަށް ގެނައި މި ބޮޑު ބަދަލާއެކު ބޮލީވުޑްގެ މުޅި ރިލީޒިންގ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއް ކަމެވެ. އެހެނީ މިހާރު ވެސް މިފިލްމުގެ ތާރީޚް ބަދަލު ކުރުމުން ބައެއް އެހެން ފިލްމުތައް ވެސް އެ ފިލްމުތައް ރިލީޒްކުރާ ތާރީޚް ވަނީ ބަދަލު ކުރަން ނިންމައިފައެވެ. އޭގެ ތެރޭގައި ދިނޭޝްގެ "ފަކްރޭ 3" ހިމެނެއެވެ. އެގޮތުން "ފަކްރޭ 3" ދެން ރިލީޒްކުރާނީ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށް އެ ފިލްމުގެ ޓީމުން ބުނެފިއެވެ.

އަދި އަޖޭ ދޭވްގަންގެ "މައިދާން" ވެސް ރިލީޒްކުރާ ތާރީޚް ބަދަލުވާނެ ކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް "މައިދާން"ގެ ޑައިރެކްޓަރު ބޯނީ ކަޕޫރް އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނާންގައެވެ. މީގެ އިތުރުން "ޔޯދާ"އާއި "އަދިތިޔަމް"އަށް ވެސް އައު ތާރީޚެއް ހަމަޖައްސަން އުޅޭ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. 
"ޖަވާން"އަށްފަހު ޝާހްރުކް ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޑަންކީ"އިންނެވެ.