އަވިކަތަ ޕްރޮގްރާމަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ސްޓެލްކޯ އިން ފަށާފައިވާ ސްކީމެކެވެ.
މިދިޔަ އަހަރު ސްޓެލްކޯ އިން ފާހަގަކުރި 25 ވަނަ އަހަރީ ދުވަހު މި ސްކީމް އިފްތިތާހުކުރެވިގެންދިޔައިރު، މީގެ މައިގަނޑު މަގްޞަދަކީ އަވިން ކަރަންޓު އުފެއްދުމަށްޓަކައި ވީހާވެސް ގިނަ ކަސްޓަމަރުންގެ ގޭގޭގެ ފުރާޅުގައި ސޯލަރ ޕެނަލް ހަރުކުރުމެވެ.
ސްޓެލްކޯ އިން ބުނީ މިއީ ސޯލަރ ހަރުކުރުމަށް ގޭގެ ފުރާޅު ކުއްޔަށް ދީގެން އާއްމުންނަށް ފަސޭހަކަމާއެކު ކޮންމެ މަހަކު އާމްދަނީއެއް ހޯދުމަށް ތަނަވަސްކުރެވުނު ފަހި ފުރުޞަތެއް ކަމަށެވެ. އަދި މިއީ އެ ކުންފުންޏާއި، ކަސްޓަމަރަށްވެސް ތިމާވެރި ހިމާޔަތްކުރުމުގައި ހިއްސާވެވޭނެ ގޮތަށް ކޮށެވުނު މަގެއް ކަމަށެވެ.
މީގެއިތުރުން، ސްޓެލްކޯ އިން ބުނީ މިހާރު ސޯލަރ ހަރުކުރުމަށް ގޭގެ ފުރާޅު ކުއްޔަށްހިފާ ރޭޓްތައް ވެސް ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން، ހަރުކުރެވޭ ކޮންމެ 1 ކިލޯވޮޓްގެ ސޯލަރ އަށް މަހު ކުލީގެ ގޮތުގައި 180.60 ރުފިޔާ ލިބޭނެ ކަމަށާއި، އަދި ސޯލަރ ހަރު ކުރުމަށްދާ ހުރިހާ ޚަރަދެއް ވެސް ކުރާނީ ސްޓެލްކޯ އިން ކަމަށް ވަނީ ބުނެފައެވެ.
ސްޓެލްކޯގެ އަވިކަތަ ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9148800 އާއި 9840044 އެވެ.
