ގައުމީ ކެރަމް ޓީމަށް ކުޅުންތެރިން ހޮވުމަށް ކުޅެވުނު ސިލެކްޝަން މުބާރާތުގެ ތިންވަނަ ބުރުގެ ފައިނަލްގައި އާދަމް އަދީލް ބަލިކޮށް، އަލީ އާޒިމް (އާޒީ) ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.

މިއީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އާޒީ، ގައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ގައުމީ ޓީމަށް އެންމެ ފަހުން އާޒީ ކުޅުނީ 2019 ވަނަ އަހަރުގެ އައިސީއެފް ކަޕުގައެވެ. އާޒީ އަކީ 2017 ވަނަ އަހަރުގެ ފިރިހެން ސިންގަލްސްގެ ގައުމީ ޗެމްޕިއަނެވެ.

އަދި މިއީ މި ފަހަރުގެ ސިލެކްޝަން މުބާރާތުގެ ފައިނަލްގައި އަދީލް އަށް ނާކާމިޔާބުވި ތިންވަނަ ފަހަރެވެ. މީގެކުރީން، އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް (ނާނަ) އާ ދެކޮޅަށް ކުޅުނު ދެ ފައިނަލުން އަދީލް ވަނީ ބަލިވެފައެވެ.

ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި މިހާރު ކުރިއަށްދާ މުބާރާތުގެ ތިންވަނަ ބުރުގައި ފިރިހެން ބައިގައި ރޭ ކުޅުނު ފައިނަލްގައި އާޒީ ވަނީ ސީދާ ދެ ގޭމުން އަދީލް ބަލިކޮށްފައެވެ. 

މި އަހަރުގެ ސިލެކްޝަން މުބާރާތުގައި އާޒީގެ ނަތީޖާތަކަށް ބަލާއިރު ގްރޫޕް ސްޓޭޖުގައި އަޒްމީން އަތުން ސީދާ ދެ ގޭމުން ބަލިވިއިރު، މުހައްމަދު މުންތަސިރު (މުންކޮ) އަތުން އާޒީ މޮޅުވީ 2-0 އިންނެވެ.

އައިޝަތު ފައިނާޒްއާ ދެކޮޅަށް އައިމިނަތު ވިދާދު (ވ) ކުޅެނީ. --ފޮޓޯ: ތީރު މީޑިއާ

އެއަށްފަހު ގަދަ 8 ގައި ހިމެނި ކުޅުނު މެޗުގައި ނާނަ އަތުން ބަލިވީ 2-1 އިންނެވެ. ދެން އޭގެފަހުން، ކުޅުނު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އިބްރާހިމް ހުޖާން އަތުން ބަލިވީ ސީދާ ދެ ގޭމުންނެވެ. ނަމަވެސް، ތިންވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ހުޖާންގެ މައްޗަށް ސީދާ ދެ ގޭމުން ވަނީ ކުރިހޯދާފައެވެ. އެއަށްފަހު، ސެމީގައި ޔަމާން އަބްދުލް ޖަލީލް ސީދާ ދެ ގޭމުން ބަލިކޮށް، ފައިނަލުން ޖާގަ ހޯދިއެވެ.

މި މުބާރާތުގެ ތިންވަނަ ބުރުގައި ރޭ ކުޅެވުނު އަންހެން ބައިގެ ފައިނަލްގައި އައިމިނަތު ވިދާދު ވަނީ ސީދާ ދެ ގޭމުން އައިމިނަތު ވިޝާމާ ބަލިކޮށް ގައުމީ ޓީމުން ޖާގަ ހޯދާފައެވެ. ވިދާދުގެ ނަތީޖާތަކަށް ބަލާއިރު ގަދަ 8 ގެ ބުރުގައި ޒައިނަތު އަތުން 2-0 އިން މޮޅުވިއިރު، ދެން ކުޅެވުނު ސެމީގައި ސީދާ ދެ ގޭމުން އައިމިނަތު ޝުބާ އާދަމް ބަލިކޮށް ފައިނަލަށް ދަތުރުކުރިއެވެ. ނަމަވެސް، މި ބުރުގެ ފައިނަލްގައި ފާތިމަތު ރަޔާނާ އަތުން ބަލިވީ 2-1 އިންނެވެ.

އެއަށްފަހު ދެވަނަ ބުރުގެ ސެމީގައި ޝުބާ އަތުން 2-1 އިން ބަލިވިއިރު، ތިންވަނަ ހޮވާ މެޗުގައި އައިޝަތު ފައިނާޒް އަތުން ބަލިވީ ސީދާ ދެ ގޭމުންނެވެ. ނަމަވެސް، އޭގެފަހުން ދެން ކުޅެވުނު ތިންވަނަ ބުރުގައި ގޭމެއް ގެއްލުވައިނުލައި ޒައިނަތު އާއި ފައިނާޒް ބަލިކޮށް ފައިނަލުން ޖާގަ ހޯދިއެވެ. 

މުބާރާތުގެ ތިންވަނަ ބުރުގައި އަންހެން ބައިގެ ތިންވަނަ ހޮވާ މެޗުން ފައިނާޒް ވަނީ ސީދާ ދެ ގޭމުން އައިޝަތު ނަހުފާ ބަލިކޮށްފައެވެ. ފިރިހެން ބައިގެ ތިންވަނަ މަގާމް ހޯދީ އަހުމަދު އިކްލީލް އަތުން 2-0 އިން މޮޅުވި ޔަމާން އެވެ.