ރިތިކް ރޯޝަނާއި ސައިފް ޢަލީ ޚާން މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ ފިލްމު "ވިކްރަމް ވޭދާ" މިމަހުގެ ތެރޭގައި އޯޓީޓީ ޕްލެޓްފޯމަކުން ދައްކަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ 'ބޮލީވުޑް ހަންގާމާ'އިން ކޮށްފައިވާ ރިޕޯޓެއްގައި ވަނީ ފިލްމު ދައްކާނީ "ޖިއޯ ސިނަމާ އެޕް"އިން ކަމަށެވެ. 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ތިއޭޓަރު ތަކުގައި އެޅުވި މި ފިލްމު އޯޓީޓީ ޕްލެޓްފޯމަކުން ނުފެނި 07 މަސް ވެގެން ދިޔުމުން ފޭނުން ދަނީ ފުދޭވަރަކަށް ހިތްހަމަނުޖެހުން ވެސް ފާޅު ކުރަމުންނެވެ.
ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި އަދި ރަސްމީ އެއްވެސް އިދާރާއަކުން މިކަން އިޢުލާންކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް 'ބޮލީވުޑް ހަންގާމާ'އިން ބުނާ ގޮތުން ނަމަ މި މަހުގެ 12 ވާ ހުކުރު ދުވަހުން ފެށިގެން މި ފިލްމު އޯޓީޓީ ސްޓްރީމް ކުރާނެއެވެ.
ތަމަޅަ ފިލްމެއްގެ ރިމޭކް ކަމަށްވާ "ވިކްރަމް ވޭދާ"ގައި ރިތިކާއި ސައިފުގެ އިތުރުން ރަދިކާ އަޕްތޭއާއި ރޯހިތު ސަރަފް ވެސް ފެނިގެންދެއެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ "ވިކްރަމް ވޭދާ"ގެ ނަމުގައި 2017 ވަނަ އަހަރު އުފެއްދި ތަމަޅަ ފިލްމުގެ ވެސް ޑައިރެކްޓަރު ޕުޝްކާރް ގަޔަތުރީއެވެ.
ރިތިކް މިހާރު އަވަދިނެތި އުޅެނީ އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނެ ކަމަށް ލަފާކުރެވޭ ފިލްމު "ފައިޓަރ"ގެ ޝޫޓިންގ ތަކުގައެވެ. އަނިލް ކަޕޫރާއި ދީޕިކާ ޕަދުކޯން ވެސް ލީޑުން ފެނިގެންދާ "ފައިޓަރ" ޑައިރެކްޓް ކުރަނީ ސިދާތު އާނަންދެވެ. 2024ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ އިތުރުން "ވޯރ 2"އާއި "ކްރިޝް 4"އަކީ ވެސް ރިތިކްގެ ކުރިއަށް ހުރި ބައެއް ފިލްމުތަކެވެ.
