ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ތެލުލި ފަތޭ ބުނެފިނަމަ އެއީ މުރަނގަ ފަތެވެ. މަދު ފަހަރަކު ބަތްކައްކައިގެން ކެޔަސް ގިނައިން ހުންނާނީ ތެލުލާފަ އެވެ. ފަތް ތެލުލުމުން އެ ކެއުމުގެ ތެރޭގައި ގިނަ އަދަދެއްގެ ތެޔޮވެސް ހަށިގަނޑަށް އެތެރެވެގެން ދެއެވެ. އަދި ފަތް ތެލުމުން އޭގައި ހިމެނޭ ކެލޮރީގެ އަދަދު ވަރަށް ބޮޑަށް މަތިވެގެން ދެއެވެ. އެހެންކަމުން ޞިއްހަތަށް ފައިދާހުރި ގޮތަކަށް މި ފަތް ބޭނުން ކުރުން އެއީ އާދައަކަށް ހަދަން ވެއްޖެއެވެ. މުރަނގަ ފަތަކީ ވަރަށް ގިނައިން އަދި ވަރަށް ފަސޭހައިން އަތޮޅުތަކުން ލިބެން ހުންނަ ފަތެކެވެ.

ޑޮކްޓަރުންގެ އިރުޝާދަކީ ފެހިފަތްވެސް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުމެވެ. އެހެން ކަމުން މުރަނގަފަތުގެ ފެހިކަން ނުގެއްލޭގޮތަށް ތައްޔާރުކޮށްލެވޭނެ، އަނގައަށް މީރު ސިއްޙަތަށް ފައިދާ ހުރި ދެ ރެސިޕީއަކަށް ބަލައިލާނަމެވެ.

މުރަނގަފަތު ރިހަ

ބޭނުންވާ ސާމާނު:

1 ޖޯޑު މުރަނގަފަތް ( ރީތިކޮށް ނޮޅާ ތަނޑި ވަކިކޮށްފައި)

4/1 ސަމުސާ ރީނދޫ

2 ސަމުސާ ކާށިތެޔޮ

2/1 ސަމުސާ ރީނދޫ މުގު

2 ހިކި މިރުސް

2/1 ސަމުސާ ދިރި

ލޮނު، މުގުރި އަސޭމިރުސް އަދި ލުނބޯހުތް (ރަހަ ހެޔޮވަރު ކުރުމަށް)

ތައްޔާރުކޮށްލާނެ ގޮތް:

މުގުކޮޅު ރީތިކޮށް ދޮވެލުމަށްފަހު ފެނުގައި 2-1 ގަޑިއިރު ބަހައްޓާށެވެ. މުގު ފެނުގައި ބެހެއްޓުމަށްފަހު ކައްކާނަމަ ހަޖަމް ކުރަން ފަސޭހަވެފައި، ކެއްކުމުގެ ތެރޭގައި މަޑުކުރަން ފަސޭޙަވާނެއެވެ. ނަމަވެސް ވަގުތުން ކައްކަން ބޭނުންނަމަ ދޮވެލުމަށް ފަހު ކައްކަންވީއެވެ. މުގުކޮޅުގެ ތެރެއަށް 1  ޖޯޑު ފެން އަދި ރީނދޫކޮޅު އަޅައިގެން މަޑު ގިނީގައި ކައްކާ މަޑުކޮށްލާށެވެ. މަޑުވުމުން ފުރާނާލާށެވެ. ފެންފޮދު އުކާނުލާ ބަހައްޓާށެވެ.

ސާފުކޮށްފައި ހުރި މުރަނގަފަތްކޮޅު ދޮވެލުމަށް ފަހު ބޮޑެތިކޮށް ކޮށާލާށެވެ. ތެއްޔެއްގެ ތެރެއަށް ކުޑަ ތެޔޮފޮދެއް އެޅުމަށްފަހު، ތެޔޮފޮދު ހޫނުވުމުން މުރަނގަފަތްކޮޅު ހަނާކޮށްލާށެވެ. ދެން މުގު މަޑުކުރަން ބޭނުން ކުރި ފެން ފޮދު އަޅައިގެން ކައްކާށެވެ. މި ފެނުގައި ޖޯޑެއް ހަމަ ނުވާނަމަ ރީތިފެން އަޅާށެވެ. ފަތްކޮޅު ކެކި މަޑުވުމުން، ކުރިން މަޑުކުރި މުގުކޮޅާއި ދިރިކޮޅު އަޅާ އެއްކޮށްލާށެވެ. ހިކިމިރުސްވެސް ކޮށާލުމަށްފަހު އެއްކޮށްލާށެވެ. އަސޭމިރުސް، ލޮނު އަދި ލުނބޯހުތްޖަހައިގެން މަޑު ގިނީގައި އެއްކޮށްލުމަށް ފަހު އުނދުން މަތިން ބާލާށެވެ.

 

ހަނާކުރި މުރަނގަފަތް

ބޭނުންވާ ސާމާނު

1 ޖޯޑު މުރަނގަފަތް ( ރީތިކޮށް ނޮޅާ ތަނޑިވަކިކޮށްފައި)

3 ހިކިމިރުސް

2 ސަމުސާ ބަދަން

2/1 ސަމުސާ ދިރި

ތައްޔާރުކުރާނެގޮތް

ތަވައެއްގައި ބަދަންކޮށް ހަނާކޮށްލާށެވެ. އަދި ވަކިން ތައްޓަކަށް އަޅާށެވެ. ދެން ހިކިމިރުސް ފޮޅިކޮށްލުމަށް ފަހުން ވަކި ތައްޓަކަށް އަޅާށެވެ. އެންމެ ފަހުން ދިރިކޮޅުވެސް ހަނާކޮށްލާށެވެ. ބޮޑު ތައްޓަކަށް މުރަނގަފަތްކޮޅު އަލާލުމަށްފަހު އެއް ޖޯޑު ފެނާއި ލޮނުކޮޅެއް އަޅައިގެން އެއްކޮށްލާށެވެ. ދެން ތެއްޔަކަށް އޮއްސާލުމަށްފަހު މަޑު ގިނީގައި ކައްކާށެވެ. ފަތްތައް މަޑުވުމުން އުނދުން ނިވާލާށެވެ. ހަނާކޮށްފައި ހުރި މިރުސް، ބަދަން އަދި ދިރިކޮޅު ރާޅުކޮށް ހުންނަ ވަރަށް މިކްސަރއަކުން މުގުރާލާށެވެ. މުގުރާލި އެއްޗެހި އެއްކުރުމަށްފަހު އިތުރު 5 މިނިޓް ނުވަތަ ފެންފޮދު ހިނދެންދެން ކައްކާލުމަށްފަހު ބާލާށެވެ. ބަތްނުވަތަ ރޮއްޓާއި އެކުވެސް ވަރަށް މީރުވާނެއެވެ.