ސިލެކްޝަން މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުތަކަށްފަހު ޔަމާން އަބްދުލް ޖަލީލް، އާދަމް އަދީލް އާއި އައިމިނަތު ވިޝާމާ އަދި އައިޝަތު ފައިނާޒް ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.
ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދިޔަ މި އަހަރުގެ މުބާރާތުގެ ހަތަރުވަނަ ބުރުގެ ފައިނަލްގައި ޔަމާން ވަނީ 2-1 އިން އިބްރާހިމް ހުޖާން ބަލިކޮށްފައެވެ. ހަތަރުވަނަ ބުރުގެ އަންހެން ބައިގެ ފައިނަލްގައި އައިޝަތު ނަހުފާ އަތުން ވިޝާމާ މޮޅުވީ ސީދާ ދެ ގޭމުންނެވެ. މި ބުރުގެ ތިންވަނަ މަގާމް ހާސިލްކުރީ ފައިނާޒް އާއި އަދީލް އެވެ.
މި ފަހަރުގެ ސިލެކްޝަން މުބާރާތުގައި ޔަމާންގެ ނަތީޖާތަކަށް ބަލާއިރު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގައި އުމަރު ޒިޔާދު އަދި މުހައްމަދު މާހިލް އަތުން މޮޅުވީ ސީދާ ދެ ގޭމުންނެވެ. އެއަށްފަހު ގަދަ 8 ގައި ހިމެނި ކުޅުނު މެޗުގައި އަހުމަދު އިކްލީލް ބަލިކުރީ 2-1 އިންނެވެ. ނަމަވެސް، ފުރަތަމަ ބުރުގެ ސެމީ ފައިނަލްގައި އަދީލް އަތުން ބަލިވީ ސީދާ ދެ ގޭމުންނެވެ. އަދި އެއަށްފަހު، ފުރަތަމަ ބުރުގައި ކުޅެވުނު ތިންވަނަ ހޮވާ މެޗުގައި ހަސަން ނާޒިމް (ނާނަ) އަތުން ބަލިވީ 2-1 އިންނެވެ.
މުބާރާތުގައި ވިޝާމާ ކުޅުނު މެޗުތަކަށް ބަލާއިރު ގަދަ 8 ގައި ކުޅުނު މެޗުގައި ފައިނާޒް އަތުން ބަލިވީ 2-1 އިންނެވެ. ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން ނަހުފާގެ މައްޗަށް 2-0 އިން ކުރިހޯދިއިރު، ސެމީގައި ފައިނާޒް ބަލިކުރީ ވެސް ސީދާ ދެ ގޭމުންނެވެ. ނަމަވެސް، ފައިނަލްގައި އައިމިނަތު ޝުބާ އާދަމް އަތުން ބަލިވީ 2-1 އިންނެވެ. އޭގެފަހުން، ތިންވަނަ ބުރުގެ ސެމީގައި ނަހުފާ އަތުން މޮޅުވީ ސީދާ ދެ ގޭމުންނެވެ. ދެން ކުޅެވުނު ފައިނަލްގައި މި ފަހަރު ވެސް ކުރިމަތިވީ ނާކާމިޔާބެވެ. އައިމިނަތު ވިދާދު އަތުން ބަލިވީ ސީދާ ދެ ގޭމުންނެވެ. ހަތަރުވަނަ ބުރުގައި ސެމީގައި ސީދާ ދެ ގޭމުން ޒައިނަތު ބަލިކުރިއިރު، ފައިނަލަށް ދަތުރުކޮށް ނަހުފާ އަތުން މޮޅުވީ ވެސް ގޭމެއް ގެއްލުވައިނުލައެވެ.

ފަސްވަނަ ބުރުގެ ފައިނަލްގައި ހުޖާން އަތުން ސީދާ ދެ ގޭމުން މޮޅުވެ، ގައުމީ ޓީމުން ޖާގަ ކަށަވަރުކުރި އަދީލްގެ ނަތީޖާތަކަށް ބަލާއިރު ގްރޫޕް ސްޓޭޖުގައި އަދީލް ބަލިވީ ނާނަ އަތުން އެކަންޏެވެ. އެ މެޗުން ނާނަ މޮޅުވީ ސީދާ ދެ ގޭމުންނެވެ. އެ ގްރޫޕުގައި އަދީލް ކުޅުނު އަނެއް ދެ މެޗުގައި އަލީ ހަސަން އާއި އިސްމާއިލް އަބްދުލް ހަކީމް އަތުން މޮޅުވީ ސީދާ ދެ ގޭމުންނެވެ. އެއަށްފަހު ގަދަ 8 ގައި ހިމެނި، ހުޖާން އަތުން 2-1 އިން މޮޅުވެ، ސެމީގައި ސީދާ ދެ ގޭމުން ޔަމާން ބަލިކޮށް ފައިނަލުން ޖާގަ ހޯދިއެވެ. ނަމަވެސް، ފައިނަލްގައި އަޒްމީން އަތުން ބަލިވީ ސިދާ ދެ ގޭމުންނެވެ. ދެވަނަ ބުރުގެ ސެމީގައި އަނެއްކާވެސް ކުރިމަތިލާން ޖެހުނީ ހުޖާންއާ އެވެ. މި މެޗު 2-0 އިން ކާމިޔާބުކޮށް، ފައިނަލަށް ދަތުރުކުރިއެވެ.
ކުރީ ފަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް އަދީލް އަށް ފައިނަލްގައި ކުރިމަތިވީ ނާކާމިޔާބީ އެވެ. ނާނަ އަތުން ބަލިވީ ސީދާ ދެ ގޭމުންނެވެ. އޭގެފަހުން، ތިންވަނަ ބުރުގައި ސެމީގައި އިކްލީލް އަތުން 2-0 އިން މޮޅުވެ، އަދީލް ފައިނަލުން ޖާގަ ހޯދިއެވެ. ކުރީ ދެ ފަހަރެކޭ އެއްގޮތަށް މި ފަހަރުވެސް ފައިނަލްގައި އަދީލް އަށް ކުރިމަތިވީ ނާކާމިޔާބީ އެވެ. މި ފަހަރު އާޒީ އަތުން ބަލިވީ ވެސް ސީދާ ދެ ގޭމުންނެވެ. އޭގެފަހުން، ދެން ކުޅެވުނު ހަތަރު ވަނަ ބުރުގެ ސެމީގައި ހުޖާން އަތުން ބަލިވީ 2-0 އިންނެވެ. ނަމަވެސް، ތިންވަނަ ހޮވާ މެޗުގައި އިކްލީލް އަތުން މޮޅުވީ ސީދާ ދެ ގޭމުންނެވެ. މުބާރާތުގައި ދެން ކުޅެވުނު ފަސްވަނަ ބުރުގައި އަދީލް ކުޅެން ހަމަޖެހިފައި އޮތް ސެމީ މެޗަށް އުމަރު ޒިޔާދު ހާޟިރުނުވުމުން، ފައިނަލުން ޖާގަ ލިބުނުއިރު މި ފަހަރުގެ ފައިނަލް އަދީލް ވަނީ ކާމިޔާބުކޮށްފައެވެ.
ފަސްވަނަ ބުރުގެ އަންހެން ބައިގެ ފައިނަލްގައި 2-1 އިން ނަހުފާ ބަލިކޮށް ގައުމީ ޓީމުން ޖާގަ ކަށަވަރުކުރި ފައިނާޒްގެ ނަތީޖާތަކަށް ބަލާއިރު ގަދަ 8 ގެ ބުރުގައި ވިޝާމާ އަތުން މޮޅުވިއިރު، ސެމީގައި ފާތިމަތު ރަޔާނާ އަތުން ބަލިވީ 2-0 އިންނެވެ. ނަމަވެސް ދެން ކުޅެވުނު ތިންވަނަ ހޮވާ މެޗުގައި 2-1 އިން ޝުބާ ބަލިކުރިއެވެ. ދެވަނަ ބުރުގައި ޒައިނަތު އަތުން ސީދާ ދެ ގޭމުން މޮޅުވިއިރު، ސެމީގައި ވިޝާމާ އަތުން ބަލިވީ އެވެ. ކުރީ ފަހަރެކޭ އެއްގޮތަށް މި ފަހަރުވެސް ތިންވަނަ ހޮވާ މެޗު ކާމިޔާބުކުރިއެވެ. މި ފަހަރު މޮޅުވީ ވިދާދު އަތުން ސިދާ ދެ ގޭމުންނެވެ. ދެން ކުޅުނު ތިންވަނަ ބުރުގެ ސެމީގައި ވިދާދު އަތުން ސިދާ ދެ ގޭމުން ބަލިވިއިރު، ތިންވަނަ ހޮވާ މެޗުގައި އަނެއްކާވެސް މޮޅެއް ހޯދިއެވެ. ނަހުފާ އަތުން މޮޅުވީ 2-0 އިންނެވެ. ހަތަރުވަނަ ބުރުގެ ސެމީގައި ނަހުފާ އަތުން 2-0 އިން ބަލިވިއިރު، ކުރީ ތިން ފަހަރެކޭ އެއްގޮތަށް މި ފަހަރުވެސް ތިންވަނަ ހޮވާ މެޗު ކާމިޔާބުކުރިއެވެ. މި ފަހަރު ޒައިނަތު އަތުން މޮޅުވީ ސީދާ ދެ ގޭމުންނެވެ. މުބާރާތުގެ ފަސްވަނަ ބުރުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ސީދާ ދެ ގޭމުން ޒައިނަތު ބަލިކޮށްގެންނެވެ.
މި އަހަރުގެ ދެވަނަ ސިލެކްޝަން މުބާރާތަށްފަހު އެކުލަވާލި ގައުމީ ކެރަމް ޓީމުގައި އަންހެން އަދި ފިރިހެން ޖިންސް ހިމެނޭ ގޮތަށް 10 ކުޅުންތެރިން ހިމެނެއެވެ. ފިރިހެން ޓީމުގައި ހިމެނެނީ؛ އަޒްމީން، ނާނަ، އާޒީ އާއި ޔަމާން އަދި އަދީލް އެވެ. އަދި އަންހެން ޓީމުގައި ހިމެނެނީ؛ ރަޔާނާ، ޝުބާ، ވިދާދު އާއި ވިޝާމާ އަދި ފައިނާޒް އެވެ. މި ފަހަރުގެ ޓީމުން ޖާގަ ނުލިބުނު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އެންމެ ފަހުގެ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދެއްކި ހުޖާން އާއި މުހައްމަދު މުންތަސިރު އަދި ނަހުފާ ހިމެނެއެވެ.
