މިހާރު ކުރިއަށްދާ އައިޕީއެލްގައި މިރޭ ކުޅުނު މެޗުން ހަ ވިކެޓުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބަލިކޮށް، މުމްބާއީ އިންޑިއަންސް އިން ތާވަލްގެ ތިންވަނަ އަށް ޖެހިލައިފިއެވެ.
މިއީ މުމްބާއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ތިންވަނަ ފަހަރެވެ. މި ތިން މެޗުން ވެސް އެ ޓީމު މޮޅުވެފައިވަނީ ދެވަނަ އިނިންގްސްގައި ކުޅެން އަރައި، 200 އަށް ވުރެ ގިނަ ލަނޑުގެ ޓާގެޓަށް ވާސިލްވެގެންނެވެ. މިއީ އައިޕީއެލްގެ އެއް ސީޒަނުގެ ރެކޯޑެކެވެ.
މި ނަތީޖާއާއެކު މިރޭގެ މެޗަށް ނިކުތްއިރު 8 ވަނައިގައި އޮތް މުމްްބާއީ ވަނީ 11 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތިންވަނަ އަށް ޖެހިލައިފައެވެ. އެންމެ ކުރީގައި އުޅޭ ގުޖުރާތު ޓައިޓަންސް އަށް 11 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޗެންނާއީ ސުޕަ ކިންގްސް އެވެ.
މި ފަހަރުގެ އައިޕީއެލް މުބާރާތުގެ ލީގު ބުރުގައި 10 ޓީމު ބަހާލާފައިވަނީ "ވާޗުއަލް" ދެ ގްރޫޕަކަށެވެ. އެގޮތުން، 10 ޓީމުގެ ތެރެއިން ކޮންމެ ޓީމަކުން ޖުމްލަ 14 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން، އަމިއްލަ ދަނޑުގައި ހަތް މެޗު އަދި ރަށުން ބޭރުގައި ހަތް މެޗެވެ. އަދި ކޮންމެ ޓީމަކުން އަނެއް ގްރޫޕުގެ ފަސް ޓީމާއި ދެ ފަހަރު އަދި އަމިއްލަ ގްރޫޕުގައި ހިމެނޭ އަނެއް ހަތަރު ޓީމާ އެއްފަހަރު ބައްދަލުކުރާނެއެވެ. އެއަށްފަހު ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އުޅޭ ގަދަ 4 ޓީމަށް ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ.
ވަންކެޑޭ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން މުމްބާއީ އިން ގަސްދު ކުރީ ހޮވަން އަރާށެވެ. ފުރަތަމަ އިނިންގްސްގައި ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ވިކެޓަށް 199 ލަނޑުހެދިއެވެ.
މި އިނިންގްސްގައި ބެންގަލޫރުން އެންމެ ރަނގަޅަށް ކުޅުނީ 33 ބޯޅައިން 68 ލަނޑުހެދި ގްލެން މެކްސްވެލް އެވެ. އޭނާ ވަނީ 8 ފަހަރު ހަތަރަކަށް ޖަހައި، ހަތަރު ފަހަރު ހަޔަކަށް ޖަހައިފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން ފަފް ޑު ޕްލެސީސް އާއި ދިނޭޝް ކާތިކް އެވެ. ފަފް، 41 ބޯޅައިން 65 ލަނޑުހެދިއިރު، ކާތިކް ވަނީ 18 ބޯޅައިން 30 ލަނޑުހަދައިފައެވެ. ބެންގަލޫރުގެ ކުރީގެ ކެޕްޓަން ވިރާތު ކޯލީ ނުބައިވީ އެންމެ ލަނޑަކަށެވެ. މުމްބާއީގެ އުކުންތެރިންގެ ތެރެއިން ޖޭސަން ބެހްރެންޑޯފް ތިން ވިކެޓްނެގިއިރު، ކެމަރަން ގްރީން އާއި ކްރިސް ޖޯޑަން އަދި ކުމާރު ކާތިކޭޔާ ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.
ޖަވާބުގައި ކުޅެން އެރި މުމްބާއީ އިން ވަނީ ފުރަތަމަ ޕަވާޕްލޭގައި (ހަ އޯވަރުގެ ތެރޭގައި) ދެ ވިކެޓަށް 62 ލަނޑުހަދައިފައެވެ. އެ ޓީމުގެ ފުރަތަމަ ވިކެޓް ގެއްލުނީ 51 ލަނޑަށެވެ. އަދި ހަމަ އެ އޯވަރުގައި އެ ޓީމުގެ ދެވަނަ ކުޅުންތެރިޔާ (ކެޕްޓަން ރޯހިތު ޝަރްމާ) ނުބައިވީއިރު މުމްބާއީގެ ސްކޯ އަކީ 2-52 އެވެ. އެ ޓީމުގެ ކެޕްޓަން ރޯހިތު ނުބައިވީ ހަތް ލަނޑަށެވެ.
ނަމަވެސް، ދެން ކުޅެން އެރި ސޫރްޔާކުމާރު ޔާދަވް (ސްކައި) އާއި ނިހާލް ވަދޭރާ ގުޅިގެން ތިން ވަނަ ވިކެޓަށް 140 ލަނޑުގެ ޕާޓްނާޝިޕެއް ހެދިއެވެ. މިއާއެކު، މެޗުގެ ބާކީ ހަތަރު އޮއްވަ ސްކައި ނުބައިވިއިރު އެ ޓީމަށް ހާސިލްކުރަން ޖެހިފައި އޮތް ޓާގެޓަށް މަދުވަނީ އެންމެ 8 ލަނޑެވެ. މުމްބާއީ އިން މި ޓާގެޓަށް ވާސިލްވުމަށްޓަކައި ނިހާލް ވަނީ 16.3 ވަނަ އޯވަރުގައި ހަޔަކަށް ޖަހައި، އެ ޓީމަށް މޮޅު ކަށަވަރުކޮށްދީފައެވެ.
ދެވަނަ އިނިންގްސްގައި މުމްބާއީ މޮޅުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ސްކައި ވަނީ 35 ބޯޅައިން 83 ލަނޑުހަދައިފައެވެ. މި އިނިންގްސްގައި ސްކައި ވަނީ ހަތް ފަހަރު ހަތަރަކަށް ޖަހައި، ހަ ފަހަރު ހަޔަކަށް ޖަހައިފައެވެ. މިއީ އައިޕީއެލްގައި އޭނާގެ އެންމެ މަތީ ސްކޯ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ސްކައި އެވެ. މުމްބާއީ އިން ދެން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 34 ބޯޅައިން 52 ލަނޑުހެދި ނިހާލް އާއި 21 ބޯޅައިން 42 ލަނޑުހެދި އިޝާން ކިޝަން އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ޗެންނާއީ އިން ނިކުންނާނީ ދިއްލީ ކެޕިޓަލްސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު ހަތެއް ޖަހާއިރު އެވެ.
